Advertisement

އަމިއްލައަށް ގުޅައިގެން ބޯހިމެނުމަށް މައުލޫމާތު ދިނުމަށް އެމްބީއެސް އިން އެދިއްޖެ

23 އޮކްޓޯބަރު 2022 - 14:14 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ބޯހިމެނުމުގެ މަސައްކަތުގައި ޓީމަކުން ހަރަކާތްތެރިވަނީ : އެންބީއެސް އިން އެދިފައިވަނީ ބޯހިމެނުމުގެ މައުލޫމާތު ނުނެގި ހުރި ފަރާތްތަކުން އަމިއްލައަށް ގުޅައިގެންވެސް މައުލޫމާތު ދިނުމަށް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


އަމިއްލައަށް ގުޅައިގެން ބޯހިމެނުމަށް މައުލޫމާތު ދިނުމަށް އެމްބީއެސް އިން އެދިއްޖެ

23 އޮކްޓޯބަރު 2022 - 14:14 0

މިހާރު ކުރިއަށް ގެންދާ ރާއްޖޭގެ ބޯހިމެނުމުގައި މިހާތަނަށް މައުލޫމާތު ނުނެގި ހުރި ފަރާތްތަކުން އަމިއްލައަށް ގުޅައިގެން މައުލޫމާތުތައް ހިއްސާކުރުމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އެދިއްޖެ އެވެ.

މި އަހަރުގެ ބޯހިމެނުމުގައި ރާއްޖޭގައި ރެޖިސްޓްރީ ކޮށްފައިވާ އާބާދީގެ 89 ޕަސެންޓް މިހާތަނަށް ގުނިފައިވީ ނަމަވެސް އަދިވެސް ބޯހިމެނުމަށް ބޭނުންވާ އެންމެ ފުރިހަމަ މައުލޫމާތު ލިބިފައިނުވާ ކަމަށް އެންބީއެސް ގެ އައިޝަތު ހަސަން "އަދަދު" އަށް މިއަދު މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

އައިޝަތު ވިދާޅުވީ މިހާތަނަށް އެންމެ ބޮޑަށް މައުލޫމާތު ނުލިބެނީ މާލެ ސަރަހައްދުން ކަމަށެވެ. ނަމަވެސް މިހާތަނަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ގޭބިސީއަކަށް ބޯހިމެނުމުގެ ޓީމުތަކުން ގޮސްފައިވާ ކަމަށާއި ބޮޑަށް ދިމާވަނީ ދޮރު ތަޅުލާފަ ހުންނަ މައްސަލަ ކަމަށް ވެސް ވިދާޅުވި އެވެ.

ބޯހިމެނުމުގެ ޓީމުތަކުން މިހާތަނަށް ޒިޔާރަތްކުރި ގޭބިސީތަކުންނާއި ސުވާލުކުރެވުނު ފަރާތްތަކުން ދީފައިވާ އެއްބާރުލުން އައިޝަތު ވަނީ ފާހަގަކުރައްވާފަ އެވެ.

އައިޝަތު އިތުރަށް ވިދާޅުވީ މި އަހަރުގެ ބޯހިމެނުމުގައި އެންމެ ބޮޑަށް ދިމާވި ދަތިކަމަކީ އެނިއުމަރޭޓަރުން މަދުވުން ކަމަށެވެ. އެގޮތުން މީގެ ކުރިން ސެޕްޓެމްބަރު މަހުގެ 25 ބޯހިމެނުމުގެ މަސައްކަތް ނިންމާ މި މަހުގެ 20 ވަނަ ދުވަހު ރަސްމީ ނަތީޖާ އިއުލާން ކުރަން ނިންމި ނަމަވެސް, އަދިވެސް ބޯހިމެނުމުގެ މަސައްކަތް ނުނިމެ އެވެ.

މި މަހުގެ 20 ވަނަ ދުވަހު ނެރުނު ހިސާބުތަކަށް ބަލާއިރު އަދިވެސް ރާއްޖޭގެ ރަޖިސްޓާޑް އާބާދީގެ 12 އިންސައްތަ މީހުންގެ މައުލޫމާތު ބޯހިމެނުމަށް ލިބިފައެއް ނުވެ އެވެ.

އެންބީއެސް އިން އިތުރަށް ބުނެފައިވަނީ މިހާރު މައުލޫމާތު ނުދީ ތިބި ފަރާތްތަކުން އެ ބިއުރޯގެ ހޮޓްލައިން 1423 ނުވަތަ 3008400 އަށް ގުޅައިގެން މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށެވެ. އަދި މިއީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކުމަށް ވެސް އެ ބިއުރޯއިން ވަނީ އިލްތިމާސްކޮށްފަ އެވެ.