24 އޮކްޓޯބަރު 2022 - 09:09 3
މުހައްމަދު ނަސީމް
އދ. ދިގުރަށުގެ ދެކުނުކޮޅުގައި އޮންނަ ދިގު ތުނޑި. މި ތުނޑިއަށް ދާން ރަށުތެރެއިން ކުރަން ޖެހެނީ ވަރަށް އުނދަގޫ ދަތުރެއް. ފޮޓޯ: މިރާޝް ނާޝިމް/އަދަދު
24 އޮކްޓޯބަރު 2022 - 09:09 3
އަޑިގަނޑުގަނޑަށް ފައިބާ އިރު ރަށުޕިކަޕް ފުރޮޅައިލަން އުޅޭހެން ވެސް ހީވެ އެވެ. ވާރޭވެހި، ފެން ހެދިފައި އޮތީމާ އެ ތަންތަނުގެ ފުންމިނެއް ވަޒަނެއް ނުކުރެވެ އެވެ. އެ ރަށު ޕިކަޕުގައި ތެޅިތެޅި އަހަރެމެން އެތައް އިރަކު ތިބީ އެ ދަތުރު ނިމުމުން ލިބެން އޮތް ހިތްހަމަޖެހުމެއްގެ ބޮޑުކަމުންނެވެ.
އދ. ދިގުރަށުގެ ދެކުނު ކޮޅުގައި އޮންނަ ގާތްގަނޑަކަށް ފަސް ކިލޯމީޓަރުގެ ދިގު ތުނޑިއަކީ ރާއްޖޭގެ މީހުން އުޅޭ އެހެން ރަށަކުން ފެންނާނެ ފަދަ ރީތިިކަމެއް ނޫނެވެ. ރިސޯޓްތަކުގެ ތެރެއިން ވެސް އެވަރުގެ ރީތި ތުނޑިއެއް ފެންނާނީ މަދުންނެވެ. ދިގުރަށުގެ ދެކުނު އޮންނަ ލަކްސް މޯލްޑިވްސްގެ މޫދު ކޮޓަރިތަކާ ހިސާބަށް ދަމާލާފައިވާ އެ ދިގު ތުނޑިއަށް ނުކުތުމުން ވަށައިގެން ފެންނާނީ މަޑުފެހިން ގޮސް ގަދަ ނުލަކަށް ބަދަލުވާ، ބިއްލޫރި ފަދަ ސާފު ފަޅެކެވެ.
ދިގުރަށުގެ ތުނޑިއަށްދާ މަގު.
ރަށު ޕިކަޕުގައި ތެޅެމުން ފޮޅެމުން އަހަރެމެން ކުރި ދަތުރަކީ އެ ރީތިކަން ދެކެލަން ކުރި ދަތުރެކެވެ. ދިގުރަށު ތުނޑި އަހަރެމެންނަށް ދައްކަވައިލައްވަން ވަޑައިގެންނެވީ އެރަށު ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އަދި ކުރީގެ ކަތީބު އަހުމަދު ފާއިޒް ރަޝީދެވެ. ވަރަށް ރީތިކޮށް ކުނިކަހައި ސާފުކޮށްލާފައިވާ ތުނޑީގެ އެ ސާފުކަމުގެ ތަފުަސީލު އޭނާ ދެއްވި އެވެ.
"ބީޗް ސާފުކޮށް ބަލަހައްޓަން ތިބޭނެ މުވައްޒަފުން ލާފައި. އެމީހުންގެ މުސާރަ ދެނީ ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަަކުން،" ފާއިޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ތުނޑި ސާފުކޮށް ބެލެހެއްޓުމާއި އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގައި ވިޔަފާރިވެރިންގެ އެހީތެރިކަން ކައުންސިލަށް ވަރަށް ބޮޑަށް ލިބެ އެވެ.
ދިގުރަށުގައި ގެސްޓްހައުސް އަދި ޑައިވްސެންޓަރު ހިންގާ ނައުޝާދު މުހައްމަދު "އަދަދު" އަށް އިންޓަވިއުއެއް ދެނީ. ފޮޓޯ: މިރާޝް ނާޝިމް/އަދަދު
ދިގުރަށުގެ އެތަން މިތަނުން ފެންނަން ހުރީ އެކި ފެންވަރުގެ ގެސްްޓްހައުސްތަކެވެ. ގެސްޓްހައުސްއޭ ކިޔަސް، އެހެން ބައެއް ގައުމުތަކުގައި ތިން ތަރީގެ ހޮޓާތަކޭ ބުނާ ހޮޓާތަކަށް ވުރެ އެތަންތަނުގެ ފެންވަރު ރަނގަޅެވެ. ލޯކަލް ޓޫރިޒަމްގައި އެރަށް މިހާރު އޮތް ހިސާބަށް ދިޔަ ގޮތުގެ ހުލާސާއެއް އަހަރެމެންނަށް ދިނީ އެރަށު ޒަމާނީ ވިލާ ނައުޝާދު މުހައްމަދެވެ. ދިގުރަށު ކައުންސިލްގެ ރައީސް އިބްރާހީމް އުސްމާނާއި ނައިބު ރައީސް އިބްރާހީމް އަބްދުއް ރަހީމް ވެސް އެވާހަކަައިގައި ބައިވެރިވެވަޑައިގެންނެވި އެވެ.
"އެއީ 2012 ވަނަ އަހަރުގެ ފަހުކޮޅު، އޭރު އަށް ރޫމާ އެއްކޮށް ފެށްޓީ. އޭރުގައި އަސްލު މިހާރާ އަޅާކިޔަންޏާ ވަރަށް އުނދަގޫކޮށް ހުރިހާ ކަމެއް ވެސް ހުރީ،" ނައުޝާދު ބުންޏެވެ.
ޑައިވަރެއްގެ ގޮތުގައި ރިސޯޓްކުތަކުގައި މަސައްކަތް ކޮށްފައި ގެސްޓްހައުސް ވިޔަފާރިއަށް ބަދަލުވި އިރު ނައުޝާދު ބުނި ގޮތުގައި، އެ މަސައްކަތް ރަނގަޅަށް ކުރެވޭނެ ކަމުގެ މާބޮޑު ޔަގީންކަމެއް ނެތެވެ.
"އޭރުގައި ޝައްކެއްގެ މަތީގައި ތިބެގެން ފެއްޓީ،" ނައުޝާދު ބުންޏެވެ.
އޭނާ ބުނި ގޮތުގައި އޭރުގައި ޝައްކެއް އޮތީ ޓޫރިސްޓުން އަންނާނެކަމާ މެދަކު ނޫނެވެ. އެކަމަކު ދަތުރުފަތުރުގެ ނިޒާމު އޭރު އޮތް ގޮތުން، ޓޫރިސްޓުން ދިގުރަށަށް ގެނައުމުގެ ކަންތައް ރަނގަޅަށް ކުރިއަށް ގެންދެވިދާނެކަމާ ކަމާ މެދުގަ އެވެ.
"އަސްލު އެންމެ އުނދަގޫ ކަމަކީ ޓްރާންސްޕޯޓް މިރަށްރަށަށް ބަލާއިރު. އޭރުގައި އަހަރެމެން ގެސްޓުން ގެންނަނީ އެމްޓީސީސީ ފެރީން. ދެން އުޅޭނެ ސަން ފެރީ،" ނައުޝާދު ބުންޏެވެ.
އޭރު މާކެޓްކުރަމުން އައީ ރައްޓެހިންނާއި ރައްޓެހިންގެ ރައްޓެހިންގެ އެހީގަ އެވެ. ނައުޝާދު ބުނި ގޮތުގައި އޭރު ދިގުރަށަށް ފުރަތަމަ އައި ޓޫރިސްޓުން އެމީހުންގެ ގައުމުތަކުގެ އެހެން މީހުންނަށް ދިގުރަށް ތައާރަފްކޮށްދިނެވެ.
"އެއީ ވަރަށް ރަނގަޅަށް ވީކަމެއް،" އޭނާ ބުންޏެވެ.
ނައުޝާދުމެންގެ ޑައިވްސެންޓަރުތަކުގެ އިތުރުން 19 ޓޫރިސްޓް ރޫމް މިހާރު އެބަ ހުއްޓެވެ. މުޅި ދިގުރަށުގައި މިހާރު 450 އެނދު އޮޕަރޭޓްކުރާ އިރު، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުރިން އެރަށަށް މަހު އެއް މިލިޔަން ރުފިޔާއަށް ވުރެ ރަނގަޅު އާމްދަނީ އެއް ލިބެ އެވެ.
ދިގުރަށުގައި ލޯކަލް ޓޫރިޒަމް ފުޅާވުމުގެ މައިގަނޑު އެއް ސަބަބަކީ އެރަށުގެ ގޮނޑުދޮށުގެ ރީތިކަމެވެ. އެކަމަކު އެ ރީތި ތުނޑިއަށް ދާން ޓޫރިސްޓުން ވެސް ކުރަން ޖެހޭނީ ރަށުޕިކަޕުގައި އަހަރެމެން ކުރި އުނދަގޫ ދަތުރެވެ. އަޑިގުޑަންކަމުން ރަނގަޅަށް ދުއްވައި ނުލެވޭ މަގުތަކަކުންނެވެ. ވާރޭ ވެހިއްޖެ ނަމަ ފެންގަނޑުތައް ތެރެއިންނެވެ.
ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް ބޮޑު އާމްދަނީއެެއް ވައްދައިދޭ މި ފަދަ ރަށްތަކަށް މިއީ ހައްގު މިންވަރެއް ނޫނެވެ. މިރަށްރަށަށް އަންނަ ޓޫރިސްޓުންނަށް މިއަށް ވުރެ ފަސޭހަ މަގުތަކެއް ލިބެން ޖެހެ އެވެ. ތާރު ނޭޅިޔަސް އެންމެ ކުޑަމިނުން ވެލި އަޅައި އެއްވަރުކޮށްލެވިދާނެ އެވެ.
Comment