Advertisement

"ޕްލާސްޓިކް ފްރީ ވާވު" އިފްތިތާހު ކޮށްފި

22 އޮކްޓޯބަރު 2022 - 12:40 0

އަހުމަދު އާއިދު

އަހުމަދު އާއިދު

"ޕްލާސްޓިކް ފްރީ ވާވު" ޕްރޮޖެކްޓު އިފްތިތާހު ކުރުމަށް ބޭއްވުނު ހަފުލާގެ ތެރެއިން -- ފޮޓޯ: ވ. އަތޮޅު ކައުންސިލް


"ޕްލާސްޓިކް ފްރީ ވާވު" އިފްތިތާހު ކޮށްފި

22 އޮކްޓޯބަރު 2022 - 12:40 0

"ޕްލާސްޓިކް ފްރީ ވާވު" ގެ ނަމުގައި ވ. އަތޮޅުގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދު ކުރުމަށް ހާއްސަ ޕްރޮޖެކްޓެއް އިފްތިތާހުކޮށްފި އެވެ.

ރޭ ފެށި އެ ޕްރޮޖެކްޓަކީ ވ. އަތޮޅު ކައުންސިލާއި ލިވް އެންޑް ލާން އެމްވީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. އެ ޕްރޮޖެކްޓަކީ ގްލޯބަލް އެންވާރަމަންޓު ފަންޑުގެ ސްމޯލް ގަރާންޓްސް ޕްރޮގްރާމް އަދި ޔޫއެންޑީޕީ މޯލްޑިވްސް އިން ފަންޑު ކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

"ޕްލާސްޓިކް ފްރީ ވާވު" އާ ބެހޭގޮތުން "އަދަދު" އަށް މައުލޫމާތު ދެއްވަމުން ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވީ ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަކީ ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލި ވ. އަތޮޅު ތަރައްގީގެ ޕްލޭންގެ ތެރޭގައި ވެސް ހިމެނޭ މަސައްކަތެއް ކަމަށެވެ.

"[ވ. އަތޮޅަކީ] ތިމާވެށީގެ ގޮތުން ހާއްސަ އަތޮޅެއްވީމަ، އެ ހާއްސަ ސިފަތައް ދަމަހައްޓާ ތިމާވެށި ރައްކާތެރިކުރަން ކުރަން ހުރި މަސައްކަތްތައް ކުރުމަކީ ވަރަށް މުހިންމު ބައެއް ގޮތަށް [އަތޮޅު ކައުންސިލްގެ މަސައްކަތް] ބައްޓަންކޮށްފަ ވަނީ،" ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ މިފަހަރުގެ ޕްރޮޖެކްޓަކީ ކަނޑަށް އެޅޭ ޕްލާސްޓިކް މަދުކުރުމަށް ހާއްސަކޮށްގެން ގެންދާ ޕްރޮޖެކްޓެއް ކަމަށެވެ. މި ޕްރޮޖެކްޓަކީ ދެ އަހަރުގެ މުއްދަތައް ކުރިއަށް ގެންދާނެ ޕްރޮޖެކްޓެކެވެ.

އެގޮތުން މި ޕްރޮޖެކްޓުގެ ދަށުން ވ. އަތޮޅަށް ދަތުރުކުރާ އޮޑި ދޯނި ފަހަރު އަދި ލޯންޗުތަކުން ދަތުރުކުރާ ފަރާތްތަކުން ބޭނުންކުރާ "ސީ ސިކްނެސް ބޭގްސް" ނުވަތަ ހޮޑުލުމަށް ބޭނުންކުރެވޭ ކޮތަޅު ތަކަކީ ތިމާވެެއްޓާއި ރައްޓެހި ޑިސްޕޯސެބަލް ކޮތަޅު ތަކަކަށް ހެދުމަށް ވަނީ ނިންމާފަ އެވެ. އެއީ ރާއްޖޭގައި ވެސް މިކަން ކުރާނެ ފުރަތަމަ ފަހަރެވެ. އަދި މިކަން އިންތިޒާމުކުރުމަށް އެ އަތޮޅަށް ދަތުރު ރާވާ ފަރާތްތަކާއި ގެސްޓް ހައުސް ތަކާ އެކު މަޝްވަރާ ކުރެވެމުން އަންނަ ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.

ރޭގެ ހަފުލާގައި ވ. އަތޮޅު ކައުންސިލްގެ ފަރާތުން ރައީސް ޝުޖާއު އަލީ ބައިވެރިވެލެއްވި އިރު ލިވް އެންޑް ލާން އެމްވީގެ ފަރާތުން ބައިވެރިވެލެއްވީ ކަންޓްރީ ހެޑް ފާތިމަތު ޒަމީލާ އެވެ.