Advertisement

ގައުމިއްޔަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ފިކުރީ ހަނގުރާމަ: ރައީސް

20 އޮކްޓޯބަރު 2022 - 21:37 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މިރޭގެ ޖަލްސާގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ. ގައުމިއްޔަތު ހިމާޔަތްކުރުމަށް ދިވެހިންނަށް އިލްތިމާސް ކުރެއްވި. --- ފޮޓޯ: ރައީސް އޮފީސް


ގައުމިއްޔަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ފިކުރީ ހަނގުރާމަ: ރައީސް

20 އޮކްޓޯބަރު 2022 - 21:37 0

ގައުމިއްޔަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފިކުރީ ހަނގުރާމަ ކަމަށާއި އެކަމާ ދެކޮޅަށް އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ ގައުމިއްޔަތުގެ ލޯބި ދިރުވުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ގައުމިއްޔަތަށް ހުރި ގޮންޖެހުންތަކާއި ހުރަސްތައް ދެނެގަންނަން ޖެހޭ ކަމަށާއި ދިވެހިން މިއަދު ދެކޭ ގައުމިއްޔަތުގެ ބުންޔާދަކީ ބޭރުގެ އިސްތިއުމާރީ ބާރެއްގެ އަޅުވެތިކަމުން މިންޖުވުމަށް އުތީމު ތިން ބޭން ކުރެއްވި މަތިވެރި ޖިހާދެއް ކަމަށް މިރޭގެ ޖަލްސާގައި ދިވެހި ގައުމާ މުހާތަބު ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވި އެވެ.

"ގައުމިއްޔަތާ ދެކޮޅަށް ދެމުންދާ ހަމަލާތަކުގެ ހަތިޔާރަކީ ކަނޑި ބަނޑިއެއް ނޫން. އަމާޒުކުރަނީ ޖިސްމަކަށް ނުވަތަ ފުރާނައަކަށް ނޫން. އެ ހަމަލާތައް އަމާޒުކުރަނީ އަޅުގަނޑުމެންގެ ފިކުރަށް," ދަރުބާރުގޭގައި ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

ގައުމު ދެކެ ލޯބިވާންވީ ތިމާ އެ ބިމަކަށް އުފަންވީތީ ކަމަށާއި އެ ވަޒަނެއްގައި ތިމާގެ ވަންހަ އާއި ނަސްލު ދެމިއޮންނާތީ ކަމަށް ރައީސް ވިދާޅުވި އެވެ. ގައުމިއްޔަތުގެ އެންމެހާ ރުކުންތައް ދަމަހައްޓައި ނަގަހައްޓަން ޖެހޭ ކަމަށާއި އެބަޔެއްގެ ގަބޫލުކުރުންތަކާއި ހަމަތަކަށް އިހުތިރާމް ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ހަމައެހެންމެ، ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ ހަކަތައަކީ އެބަޔެއްގެ މެދުގައި އޮންނަ ހަމަޖެހުމާއި ސުލްހަމަސަލަސްކަން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ދިވެހިން މިހާރު އުޅެމުން ދަނީ ފުރިހަމައަށް ހައްގުތައް ލިބިދީފައިވާ ޑިމޮކްރަޓިކް މުޖުތަމައުއެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ގައުމީ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް


"އެހެން ޤައުމުތަކާ އެކުގައި ހަރުދަނާ ބަދަހި ގުޅުމެއް ދެމެހެއްޓުމަކީވެސް ގައުމިއްޔަތު ދިފާއުކުރުމަށްޓަކައި ހަމަ އެހާމެ ބޭނުންތެރި ކަމެއް. އަޅުގަނޑުމެންގެ މެދުގައި ޤައުމީވަންތަކަމާއި ޤައުމިއްޔަތުގެ ރޫޙު ދެމެހެއްޓުމަކީ ކޮންމެ މީހެއްގެ ޒިންމާއެއް. ޑިމޮކްރެސީއެއް ދެމެހެއްޓުމުގައިވެސް އެންމެ މުހިންމު ކަމަކީ، ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރުން. އެއްބަސްވެވިފައި ހުރި ހަމަތަކާއި އުސޫލުތަކާއި ކަންކަމަށް އެންމެން ތަބާވުން،" ރައީސް ވިދާޅުވި އެވެ.

ޑިމޮކްރަސީއެއް ދެމެހެއްޓުމަށް ވެސް ގާނޫނުތަކަށް ތަބާވާން ޖެހޭ ކަމަށާއި އެއީ ދޭދޭ ފަރުދުންގެ މެދުގައި ޖެހޭ މައްސަލަތަކާއި މުޖުތަމައުގައި އުފެދޭ މައްސަލަތަކާއި ދެބަސްވުންތައް ހައްލުކުރުމަށް އެކުލަވާލާފައިވާ ގާނޫނުތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެންމެ މުހިންމު ކަމަކީ ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރުން. ގާނޫނުތަކާ ގަވާއިދުތައް ހެދިފައި ހުންނަނީ އެންމެހާ ފަރުދުންގެ ހައްގުތައް ރައްކާތެރިކޮށް، މުޖުތަމައު އާއި މުޅި ގައުމުގެ ސުލުހަ މަސްލަސްކަމަށް،"

ކޮންމެ ނިޔަތެއްގައި ވެސް ގާނޫނީ އިމުން ނެއްޓިގެން ކުރާ އެއްވެސް ކަމަކީ މުޖުތަމައުގެ މަސްލަހަތަށް އަސަރުކުރާނެ ކަމެއް ކަމަށް ވިދާޅުވެ ގާނޫނަށް ހުރުމަތްތެރިކޮށް ހިތުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ. އެއީ ފަހުރުވެރި ގައުމިއްޔަތެއްގައި ދެމިތިބޭ ބައެއްގެ ގޮތުގައި ދިވެހިން ވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.