Advertisement

ގައުމީ ކެޕްޓަން އަކުރަމް ކަކުލުގެ އޮޕަރޭޝަނެއްކޮށްފި

20 އޮކްޓޯބަރު 2022 - 11:12 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ގައުމީ ޓީމުން މި އަހަރު މާޗް މަހުގެ ތެރޭގައި ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން އަކުރަމް.-- ފޮޓޯ: އަދަދު


ގައުމީ ކެޕްޓަން އަކުރަމް ކަކުލުގެ އޮޕަރޭޝަނެއްކޮށްފި

20 އޮކްޓޯބަރު 2022 - 11:12 0

ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން، އަކުރަމް އަބްދުލް ގަނީ (އަކޫ) ކަކުލުގެ އޮޕަރޭޝަނެއްކޮށްފި އެވެ.

އަކުރަމް، 35، ކަކުލަށް އަނިޔާވީ ގައުމީ ޓީމުން މިދިޔަ މަހުގެ 24 ވަނަ ދުވަހު ބްރުނާއީ ދާރުއްސަލާމްގައި ލާއޯސް އަތުން މޮޅުވި މެޗުގަ އެވެ. އެ މެޗުގައި އަކޫގެ ކަކުލަށް އަނިޔާވެގެން ޖެހުނީ ބަދަލުކުރާށެވެ.

އަނިޔާގެ ތަފްސީލް ދެނެގަންނަން ހެދި ޓެސްޓްތަކަށް ފަހު، އެނގުނީ އަކުރަމްގެ ކަކުލުގެ ލިގަމެންޓާއި މެނިސްކަސް އަށް އަނިޔާވެފައިވާ ކަމެވެ.

އެނބުރި ދަނޑަށް އަންނަން ކުރާ މަސައްކަތް އަވަސްކުރުމުގެ ގޮތުން އަކުރަމް ނިންމީ އަމިއްލަ އިސްނަގައިގެން ވެސް މަސައްކަތްކޮށްގެން، ވީ އެންމެ އަވަހަށް އޮޕަރޭޝަންގެ ކަންކަން ފުރިހަމަ ކުރުމަށެވެ. އެ ގޮތުން މީގެ އެއް ދުވަސް ކުރިން އަކުރަމް ވަނީ ޓްރީޓޮޕް ހޮސްޕިޓަލްގައި ކަކުލުގެ އޮޕަރޭޝަން ކޮށްފަ އެވެ.

އޮޕަރޭޝަނަށް ފަހު، އަކުރަމް "އަދަދު" އަށް ބުނީ 6-7 ވަރަކަށް މަހަށް ފަހު އަންނަ ސީޒަން ތެރޭގައި ކުޅުމަށް އެނބުރި އާދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

މިދިޔަ ސީޒަނުގެ މެޗެއްގެ ތެރެއިން މާޒިޔާ އަށް ގޯލެއް ޖަހައިދިނުމަށް ފަހު އަކުރަމް އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


މިހާރު އޮތްގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަ އަހަރު ފުރަތަމަ ޑިވިޝަނަށް ފުޓްބޯޅަ ސީޒަން ފަށަން ނިންމާފައި އޮތީ އަންނަ އަހަރުގެ މާޗް މަހުގަ އެވެ. އެހެންކަމުން، އަކުރަމް އަށް ދެން ކުޅުމަށް އެނބުރި އާދެވޭނީ އަންނަ އަހަރުގެ ސީޒަން ފަށާ ފަހުންނެވެ.

ސާފް ޗެމްޕިއަންޝިޕްގެ ތަށި 2018 ވަނަ އަހަރު ރާއްޖޭން ހޯދިއިރު، ޓީމުގެ ކެޕްޓަނަކަށް ހުރި އަކުރަމް އަކީ 2008 ވަނަ އަހަރު ސާފްގެ ތަށި ހޯދިއިރު ވެސް ޓީމުގެ ކުޅުންތެރިއެކެވެ. އަދި މިދިޔަ 15 ވަރަކަށް އަހަރަށް ބަލާއިރު، ރާއްޖޭގެ ކްލަބް ފުޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ.

ނ. މާފަރަށް އުފަން އަކުރަމް ކެރިއަރު ފެށީ ވެލެންސިއާ އިންނެވެ. އޭނާ އެ ޓީމަށް ފުރަތަމަ ކުޅުނީ 2006 ވަނަ އަހަރު އެވެ. އޭގެ ފަހުން 2007 އިން 2009 އަށް އަކުރަމް ފެނުނީ ނިއު ރޭޑިއަންޓުންނެވެ. ނިއު ދޫކޮށް 2010 ވަނަ އަހަރު ވީބީ އައްޑޫ އެފްސީ އަށް ކުޅުމަށް ފަހު 2011 ވަނަ އަހަރު ހޭދަކުރީ މާޒިޔާގަ އެވެ. އަދި 2012 ވަނަ އަހަރު ވިކްޓްރީ އަށް ކުޅުނެވެ.

ކްލަބް ވެލެންސިއާގެ މެޗެއްގެ ތެރެއިން އަކުރަމް: އަކުރަމްގެ ކެރިއަރުގައި އެންމެ ގިނަ ފަހަރުތަކެއް މަތިން ފެނިފައިވަނީ ވެލެންސިއާ ޖޯޒީގައި.-- ފޮޓޯ: އަދަދު


އަކުރަމް، ދެ ވަނަ ފަހަރަށް ވެލެންސިއާ އަށް ބަދަލުވީ 2013 ވަނަ އަހަރު އެވެ. އޭގެ ފަހުން ނިއު އަށް އަނެއްކާ ވެސް ބަދަލުވި އެވެ. ނިއު އަށް 2014 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށް ކުޅެ، 2015 އާއި 2016 ކުޅުނީ އަނެއްކާ ވެސް ވެލެންސިއާ ޖޯޒީގަ އެވެ.

ވެލެންސިއާ ދޫކޮށް 2017 ގައި ނިއު އަށް ބަދަލުވެ، އެ ޓީމަށް ކުޅުނެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބަށް ވެސް ވަނީ ކުޅެފަ އެވެ. ޓީސީ ދޫކޮށް 2019 ވަނަ އަހަރު ވެލެންސިއާ އަށް ކެރިއަރުގެ ހަތަރު ވަނަ ފަހަރަށް ބަދަލުވި އެވެ.

އޭގެ ފަހުން، 2020 ވަނަ އަހަރުގެ އޮގަސްޓް މަހު ކްލަބް އީގަލްސް އިން އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުގައި އަކުރަމް ވަނީ އީގަލްސް އަށް ކުޅެފަ އެވެ. އެ އަށް ފަހު، މިދިޔަ ސީޒަނުގައި އަކުރަމް ވަނީ ކެރިއަރުގައި ދެ ވަނަ ފަހަރަށް މާޒިޔާ އަށް ކުޅެފަ އެވެ.

ކެރިއަރުގައި މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު އިންޖަރީން ސަލާމަތްވެ، އަކުރަމް ކުޅޭނެ ޓީމެއް ފައިނަލް ކުރާނީ ފަހުން ކަމަށް ބެލެވެ އެވެ.