Advertisement

ބޮޑު ހިޔާނާތް: ރިޔާޒް ރަޝީދުގެ އާއިލީ މަސްލަހަތު އޮންނަ ކުންފުނި އޭސީސީއަށް ހާޒިރުވާން އަންގައިފި

19 އޮކްޓޯބަރު 2022 - 14:34 1

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މަޖިލީހުގެ ވިލުފުށި ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު. -އަދަދު ފައިލް ފޮޓޯ


ބޮޑު ހިޔާނާތް: ރިޔާޒް ރަޝީދުގެ އާއިލީ މަސްލަހަތު އޮންނަ ކުންފުނި އޭސީސީއަށް ހާޒިރުވާން އަންގައިފި

19 އޮކްޓޯބަރު 2022 - 14:34 1

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދުގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏެއް ކަމަށްވާ ޕޮޕިއުލާ މޯލްޑިވްސްގެ ފަރާތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުންދާ ތަހުގީގަކަށް ހާޒިރުވާން އަންގައިފި އެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތުހުމަތުވާ އިތުރު ފަސް މައްސަލައެއްގައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ މީހުންގެ ތެރޭގައި ރިޔާޒް ރަޝީދުގެ އިތުރުން އޭނާގެ މަސްލަހަތު ހިމެނޭ ޕޮޕިއުލާ މޯލްޑިވްސް ހިމެނޭކަން "އަދަދު"އަށް ވަނީ އެނގިފަ އެވެ.

ޕޮޕިއުލާ މޯލްޑިވްސްއަކީ ރިޔާޒް ރަޝީދުގެ ދެ ދަރިންގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. އޭސީސީން މީގެ ކުރިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ހިޔާނާތުގެ ފައިސާގެ ތެރެއިން ރިޔާޒަށް ލިބުނު 455،000 އެމެރިކާ ޑޮލަރު އޭނާގެ މެރީޑިއަން ކުންފުނި މެދުވެރިކޮށް ޕޮޕިއުލާ މޯލްޑިވްސް ކުންފުންޏަށް ދެ ފަހަރެއްގެ މަތިން ޓްރާންސްފާކޮށްފައިވާ ކަމަށެވެ.

އަދި އޭގެ ފަހުން، އެމްއެމްޕީއާރުސީ ހިޔާނާތުގެ މުއާމަލާތްތައް ތަހުގީގުކުރި ބޭރުގެ އެންޖީއޯއެއް ކަމަށްވާ އޯގަނައިޒްޑް ކްރައިމް އެންޑް ކޮރަޕްޝަން ރިޕޯޓިން ޕްރޮޖެކްޓް( އޯސީސީއާރްޕީ) އިން ބުނީ ބޮޑު ހިޔާނާތުގެ ތެރެއިން ތ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ އޮޅުގިރި ކުރީގެ ސަރުކާރުގައި ޕޮޕިއުލާ މޯލްޑިވްސްއަށް ދީފައިވާ ކަމަށެވެ.

އޭސީސީން މިއަދު ބުނީ އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން އެ ކުންފުނީގެ ފަރާތުން ޖަވާބުދާރީވާނެ ފަރާތެއް ކަނޑައަޅައި، ކޮމިޝަނަށް ހާޒިރުވުމަށް މީގެ ކުރިން ދިން ފުރުސަތުގައި ހާޒިރުވެފައިނުވާ ކަމަށެވެ.

އެހެންކަމުން، އެ މައްސަލައާ ގުޅިގެން ޕޮޕިއުލާ މޯލްޑިވްސްއިން ޖަވާބުދާރީވާނެ ފަރާތެއް ކަނޑައަޅައި، އަންނަ އާދީއްތަ ދުވަހުގެ މެނދުރު 2:00 ކޮމިޝަނަށް ހާޒިރުވުމަށް ވަނީ އަންގައިފަ އެވެ.

ބޮޑު ހިޔާނާތާ ގުޅިގެން ޑިޔުޓީ ޕްރޮސެކިޔުޝަން މަރުހަލާ މިހާރު ކުރިއަށްދާ ފަސް ފަރާތުގެ ލިސްޓުގައި ދެން ހިމެނެނީ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި އަބްދުﷲ އާސިމްގެ އިތުރުން ޝިމާލް ނަމަކަށް ކިޔާ މީހެއް ކަން "އަދަދު"އަށް ވަނީ އެނގިފަ އެވެ.

އަބްދުﷲ އާސިމް އަކީ ބޮޑު ހިޔާނާތް ހިންގުމުގައި އިސްކޮށް ހުރި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ބޮޑުބޭބެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މަންފާ ލިބުނުކަމަށް މަޖިލީހުން އެކުލަވާލި ލިސްޓުގައި މަޖިލީހުގައި މިހާރު ތިބި 16 މެމްބަރުން ހިމެނޭއިރު، ސަލީމަށް 26.57 މިލިއަން ރުފިޔާ ލިބުނު ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

އެ މައްސަލާގައި މީގެ އަހަރެއްހާ ދުވަސް ކުރިން ސަލީމް އޭސީސީއަށް ހާޒިރުކުރިކަން ވެސް އެނގިފައިވެ އެވެ.

މަޖިލީހުން މީގެ އަހަރެއްހާ ދުވަސް ކުރިން އެކުލަވައިލި ލިސްޓުގައި މަޖިލީހުގެ ކުރީގެ 44 މެމްބަރަކަށް މަންފާވި ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. މިގޮތުން، ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދަށް 17.17 މިލިއަން ރުފިޔާ ލިބުނު ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.