Advertisement

ގާނޫނުތަކާ ތައާރުޒުވާ ގަވައިދުތައް ހަމައަކަށް އަޅުވަން ޖެހޭ: ސިރާޖް

19 އޮކްޓޯބަރު 2022 - 11:26 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ ގާނޫނުތަކާ ތައާރުޒުވާ ގަވައިދުތައް ގިނަވަމުން އަންނަ ކަމަށާއި އެފަދަ ގަވައިދުތައް ހަމައަކަށް އަޅުވަން ޖެހޭ ކަމަށް. ފޮޓޯ:މަޖިލީހުގެ އިދާރާ


ގާނޫނުތަކާ ތައާރުޒުވާ ގަވައިދުތައް ހަމައަކަށް އަޅުވަން ޖެހޭ: ސިރާޖް

19 އޮކްޓޯބަރު 2022 - 11:26 0

ގާނޫނުތަކާ ތައާރުޒުވާ ގޮތަށް، އެ ގާނޫނުތަކުން ނުލިބޭ ބާރުތައް މުއައްސަސާތަކަށް ލިބޭ ގޮތަށް ގަވައިދު ހަދަމުން އަންނަ ކަމަށާއި އެކަން ހަމައަކަށް އަޅުވަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު މޫސާ ސިރާޖް މިއަދު ވިދާޅުވެއްޖެ އެވެ.

ރީބްރޯޑްކާސްޓްކުރުމުގެ ގާނޫނަށް ގެނައި ބަދަލެއްގެ ސަބަބުން، މީޑިއާނެޓަށް މޮނޮޕޮލީ ލިބޭތީ ކަންބޮޑުވުން ފާޅުކުރައްވައި، ނައިފަރު ދާއިރާގެ ޕީޕީއެމްމެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ގަރާރަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ސިރާޖް ވިދާޅުވީ ގާނޫނުތަކުން ނުލިބޭ ބާރުތައް ގަވައިދުތަކުން ހޯދުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން އެކަން ބަލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަރަށް ބައިވަރު ގަވައިދުތައް އަޅުގަނޑުމެނަށް އެބަ ފެނޭ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައި ހުރި، ގާނޫނުން ކަނޑައަޅައިފައި ހުރި އުސޫލުތަކުން ބޭރުން މާބޮޑަށް، މާ ބައިވަރު ބާރުތައް ލިބޭ ގޮތަށް، ގާނޫނުތަކަށް ވުރެެ ބޮޑަށް، ގަވައިދުތަކުން [މުއައްސަސާތަކަށް] އެ ބާރު ހޯދާފައިވާ، އެއީ ކަންބޮޑުވާން ޖެހޭ ކަމެއް،" ސިރާޖް ވިދާޅުވި އެވެ.

ރީބްރޯޑްކާސްޓްކުރުމުގެ ގަވައިދަށް، ބްރޯޑްކާސްޓިން ކޮމިޝަނުން ގެނައި ބަދަލަކީ އޭނާ ވިދާޅުވި ގޮތުގައި އެފަދަ ބަދަލެކެވެ.

ރީބްރޯޑްކާސްޓްކުރުމުގެ ގަވައިދަށް، ބްރޯޑްކޮމް އިން އިތުުރުކުރި ޝަރުތެއްގެ ސަބަބުން، އެ ހިދުމަތް ދިނުމުގެ ފުރުސަތު ދިރާގަށް ވަނީ ގެއްލިފަ އެެވެ. ގަވައިދަށް އިތުރުކުރި ޝަރުތަކީ ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭ ކުންފުންޏަކީ 100 ޕަސެންޓް ދިވެހި ކުންފުންޏަކަށްވުމެވެ.

ސިރާޖް ވިދާޅުވީ ބްރޯޑްކޮމް އިން އެ ބަދަލު ގެނެސްފައި ވަނީ ގާނޫނުގެ މަގުސަދާ ހިލާފަށް ކަމަށެވެ. އެ ޝަރުތު ކަނޑައެޅީ ކިހިނެތްތޯ ބްރޯޑްކޮމްއާ ސުވާލުކުރުމުން، އެ ކޮމިޝަނުން ދިން ޖަވާބަކީ އޭނާ ވިދާޅުވި ގޮތުގައި، ބްރޯޑްކާސްޓިން ކޮމިޝަނުގެ ގާނޫނުގެ 36 ވަނަ މާއްދާއިން އެ ބާރު ލިބޭ ކަމަށް ބުނެ ދިން ޖަވާބެކެވެ.

"ދެން އަޅުގަނޑުމެން 36 [ވަނަ މާއްދާ] ކިޔާ އިރުގައި ގާނޫނުގެ 36 [ވަނަ މާއްދާގައި] މި އޮންނަނީ ބްރޯޑްކާސްޓްކުރުމުގެ ސިޔާސަތު ފުޅާކުރުމުގެ ބޭނުމުގައި ލައިސަންސެއް ދޫކުރުމުގައި ކަނޑައަޅާފައިވާ ޝަރުތަށް ބަދަލު ގެނައުމުގެ އިހުތިޔާރު ކޮމިޝަނަށް ލިބިގެންވޭ. މީގައި ވެސް މި އޮންނަނީ ބްރޯޑްކާސްޓްކުރުން، ރީބްރޯޑްކާސްޓްކުރުމެއް ނޫން،" ސިރާޖް ވިދާޅުވި އެވެ.

ބްރޯޑްކޮމް އިން ޝަރުތު އިތުރުކުރީ ފުޅާކުރުމުގެ ބޭނުމުގައި ތޯ ބައްލަވަން ކޮމިޝަނުގެ މެމްބަރުންނާ އޭނާ ސުވާލު ކުރެއްވި އެވެ. އޭނާ އެއްސެވީ، ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭ އެެއްވެސް ކުންފުންޏަކަށް، އާ ޝަރުތުގެ ސަބަބުން ފުރުސަތު ގެއްލޭނެތޯ އެވެ. ސިރާޖް ވިދާޅުވި ގޮތުގައި އެކަން އެހެން ވާނެކަމަށް ކޮމިޝަނުން އެއްބަސްވި އެވެ.

"އެހެންވެއްޖާ މި ގާނޫނުގައި މިބުނާ 36 ވަނަ މާއްދާގެ ދަށުން ލެބޭ ޝަރުތަކަށް ވެސް މިކަމެއް ނުވާނެ،" ސިރާޖް ވިދާޅުވި އެވެ.