Advertisement

މަރަދޫފޭދޫގެ ބަނދަރުގެ މަސައްކަތް އީއައިއޭ ހިލާފުވުމުން މިނިސްޓްރީއަށް ބޮޑު ޖޫރިމަނާއެއް

18 އޮކްޓޯބަރު 2022 - 10:58 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

މަރަދޫފޭދޫ ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން؛ މި ބަނދަރު ހުޅުވާފައިވަނީ މިދިޔަ މާޗު މަހުގެ ތެރޭގައި-- ފޮޓޯ: ރައީސް އޮފީސް


މަރަދޫފޭދޫގެ ބަނދަރުގެ މަސައްކަތް އީއައިއޭ ހިލާފުވުމުން މިނިސްޓްރީއަށް ބޮޑު ޖޫރިމަނާއެއް

18 އޮކްޓޯބަރު 2022 - 10:58 0

ތިމާވެއްޓަށް އަސަރުކުރާ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ)އާ ހިލާފަށް އައްޑޫ ސިޓީ މަރަދޫފޭދޫގެ ބަނދަރުގެ މަސައްކަތް ކޮށްފައިވާތީ ޕްލޭނިން މިނިސްޓްރީ ޖޫރިމަނާ ކޮށްފި އެވެ.

އެންވައިރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ އެ ބަނދަރުގެ މަސައްކަތް ކޮށްފައިވަނީ އެ މަސައްކަތަށް ސެޕްޓެމްބަރު 10، 2019 ގައި ދޫކޮށްފައިވާ އީއައިއޭއާ ހިލާފަށް ކަން ފާހަގަވެފައިވާ ކަމަށެވެ.

ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާ ބެހޭ ގަވާއިދުގެ ދަށުން އީޕީއޭއިން ޕްލޭނިން މިނިސްޓްރީ ޖޫރިމަނާކޮށްފައިވަނީ 120،000ރ. އަށެވެ. މި ޖޫރިމަނާ 30 ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެ އެވެ.

އީޕީއޭއިން ބުނެފައިވާ ގޮތުގައި މިއީ ޕްލޭނިން މިނިސްޓްރީން މިފަދަ ކުށެއް ތަކުރާރު ކުރި ތިން ވަނަ ފަހަރެވެ.

މީގެ އިތުރުން މިހާތަނަށް ބަނދަރުގައި ކުރެވިފައިވާ މަސައްކަތާއި އެކަމުގެ ސަބަބުން ތިމާވެއްޓަށް ކޮށްފައިވާ އަސަރު އީއައިއޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް ދެނެގަނެ އަލުން ވަޒަންކުރުމަށްފަހު އީޕީއޭއަށް 60 ދުވަހުގެ ތެރޭގައި ރިޕޯޓު ހުށަހެޅުމަށް ވެސް އަންގާފައިވެ އެވެ.

މި ބަނދަރުގެ މަސައްކަތް އީއައިއޭ ހިލާފުވެގެން ޖޫރިމަނާކޮށްފައިވާއިރު، ބަނދަރުގެ މަސައްކަތް ނިންމައި މިދިޔަ މާޗު މަހުގެ 27 ވަނަ ދުވަހު ވަނީ ހުޅުވާފަ އެވެ. ބަނދަރު ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަރަދޫފޭދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 243 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއް ވަނީ ޖަހާފަ އެވެ. އެއާއެކު, 100 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމާއި 260 މީޓަރުގެ ކޮންކްރީޓް ބްލޮކް އެއްގަމު ތޮއްޓެއް ޖެހުމާއި ނެރު ބައްތި ޖެހުމާއި 42 މީޓަރު ގްރޯއިން ވަނީ ޖަހާފަ އެވެ.

އޭގެ އިތުރުން، ޖުމްލަ 31 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ދަށުން އެއްގަމު ތޮއްޓާ އިންވެގެން ޕޭވްމަންޓް ހެދުމާއި ބަނދަރު ސަރަހައްދުގައި ލައިޓް ޖެހުމުގެ އިތުރުން ރޭމްޕެއް ވެސް ވަނީ ހަދާފަ އެވެ.