Advertisement

މީޑިއާނެޓަށް މޮނޮޕޮލީ ލިބޭ ގަވައިދާ މެމްބަރުން ދެކޮޅު

18 އޮކްޓޯބަރު 2022 - 10:55 2

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. މީޑިއާނެޓަށް މޮނޮޕޮލީ ލިބޭ ގަވައިދަށް ގިނަ މެމްބަރުން މިއަދު ފާޑުވިދާޅުވި. ފޮޓޯ:މަޖިލީހުގެ އިދާރާ


މީޑިއާނެޓަށް މޮނޮޕޮލީ ލިބޭ ގަވައިދާ މެމްބަރުން ދެކޮޅު

18 އޮކްޓޯބަރު 2022 - 10:55 2

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކޭބަލް ޓީވީގެ ހިދުމަތްދޭ މީޑިއާނެޓަށް، އެ އިންޑަސްޓްރީ މޮނޮޕޮލައިޒްކުރެވޭ ގޮތަށް، ރީބްރޯޑްކާސްޓްކުރުމުގެ ގަވައިދު ބަދަލުކޮށްފައި ވާތީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ނުރުހުން ފާޅުކުރައްވައިފި އެވެ.

ރީބްރޯޑްކާސްޓްކުރުމުގެ ގަވައިދަށް، ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ ފަހުން ގެނައި ބަދަލަކީ ނުފޫޒުގެ ބޭނުންކޮށްގެން، މީޑިއާނެޓަށް ފައިދާ ކޮށްދޭން ގެނައި ބަދަލެއް ކަމަށް ތުހުމަތުކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެގަރާރަށް ކުރި ބަހުސްގައި ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވީ، ކޭބަލް ޓީވީގެ ހިދުމަތް ދިނުމުގެ ހުއްދަ، ރީބްރޯޑްކާސްޓްކުރުމުގެ ގަވައިދު މިހާރު އޮތް ގޮތުން ދިރާގަށް ގެއްލޭތީ އެވެ.

ރީބްރޯޑްކާސްޓްކުރުމުގެ ގަވައިދުގެ (8) ވަނަ މާއްދާގެ (ހ)ގެ (5) ވަނަ ނަމްބަރުގައިވާ ގޮތުން، ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ދެން ލިބޭނީ ހިއްސާގެ 100 ޕަސެންޓް ދިވެހިންނަށް އޮންނަ ކުންފުނިތަކަށެވެ. ކޭބަލް ޓީވީގެ ހިދުމަތް ދިނުމުގައި މީޑިއާނެޓާ ކިރިޔާވެސް ވާދަކޮށްލެވޭ ފަދަ ހާލަތެއްގައި އޮތް ހަމަ އެކަނި ކުންފުނި ކަމަށްވާ ދިރާގަކީ 100 ޕަސެންޓް ދިވެހި ކުންފުންޏެއް ނޫނެވެ. އެކުންފުނީގެ މެޖޯރިޓީ ހިއްސާ މިހާރު އޮންނަނީ ބަހުރައިންގެ ބަޓެލްކޯ އަށެވެ.

ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމު ވިދާޅުވީ ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތުގެ ފެންވަރު ރަނގަޅުވާނީ އެ ހިދުމަތް ދިނުމުގެ ފުރުސަތު ދީގެން ކަަމަށެވެ. ރީބްރޯޑްކާސްޓްކުރުމުގެ ގަވައިދަށް ބްރޯޑްކޮމް އިން އެންމެ ފަހުން ގެނައި ބަދަލު އޭނާ ސިފަކުރެއްވީ، ކޭބަލްޓީވީގެ ހިދުމަތް މޮނޮޕޮލައިޒްކުރަން ދިން ފުރުސަތެއްގެ ގޮތުގަ އެވެ.

އެއީ ހެޔޮ އަގުގައި ޓީވީ ބެލުމުގެ ފުރުސަތު ރައްޔިތުންނަށް ގެއްލުވައިލުން ކަމަށް ވިދާޅުވެ، އެގޮތަށް ކަންތައް ނުކުރަން އޭނާ ބްރޯޑްކޮމް އަށް ގޮވައިލެއްވި އެވެ.

"އަދި ތިޔަ ގަވައިދުގައި، ގާނޫނާ ތައާރުޒުވާ [ގޮތަށް ހުރި] މާއްދާތައް މިހާރުން މިހާރަށް އުވައިލުމަށް އަޅުގަނޑު ގޮވައިލަން،" ނަސީމް ވިދާޅުވި އެވެ.

ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ ރީބްރޯޑްކާސްޓްކުރުމުގެ ފުރުސަތު، ގަވައިދަށް ގެނައި ބަދަލުގެ ސަބަބުން އެއް ބަޔަކަށް ގެއްލޭ ކަމަށާއި އެއީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ.

"ގާނޫނާ ތައާރުޒުވާ ގަވައިދެއް ހަދައިގެން، [އެފަދަ] ގަވައިދެއްގެ ދަށުން މިކަން ކޮންޓްރޯލްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" އިލްޔާސް ވިދާޅުވި އެވެ.

ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ ރީބްރޯޑްކާސްޓްކުރަން ބޭނުންވާ ހުރިހާ ފަރާތްތަަކަށް އެ ފުރުސަތު ދިނުން ކަމަށާއި އެހެން ނަމަވެސް އެ ހިދުމަތް ދޭނެ ފެންވަރު ކަނޑައެޅިދާނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަހިބަދޫ ދާއިރާގެ (ޕީޕީއެމް) މެމްބަރު އަހުމަތު ތޯރިގު (ޓޮމް) ވިދާޅުވީ ބްރޯޑްކޮމް އިން ހެދި ގަވައިދު ޖެހޭނީ ބާތިލުކުރަން ކަމަށާއި އެ މައްސަަލަ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން ބަލައި، މަޖިލީހުގެ ތަޅުމަށް ވެސް ފޮނުއްވާނެ ކަމަށެެވެ.

އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއު ތުހުމަތުކުރެއްވި ގޮތުގައި ރީބްރޯޑްކާސްޓްކުރުމުގެ ގަވައިދަށް ބްރޯޑްކޮމް އިން ގެނައި ބަދަލަކީ ސީދާ ދިރާގަށް އަމާޒުކޮށްގެން ގެނައި ބަދަލެކެވެ. އެއީ ވަކިބައެއްގެ އަތުން ހިދުމަތް ހޯދަން މަޖުބޫރުކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގަދަކަމުން، ސަރުކާރުން، ދައުލަތުން ނޫނީ ކޮމިޝަނަކުން، އެއްވެސް ކުންފުންޏެއްގެ ވިޔަފާރި ހުއްޓުވަން މަސައްކަތްކުރުން އެއީ އަކީ އަޅުގަނޑު ހިތުން ގަބޫލުކުރެވޭނެ ކަމެއް ނޫން،" ޝިފާއު ވިދާޅުވި އެވެ.

ޝިޔާމްގެ ގަރާރަށް މިއަދު ބަހުސް ކުރެއްވި ގިނަ މެމްބަރުން އެގަރާރަށް ތާއީދުކުރެއްވި އެވެ. އެހެން ނަމަވެސް އެމްޑީޕީގެ ބައެއް މެމްބަރުން އެ ގަރާރާ ދެކޮޅަށް ވެސް ވާހަކަދެއްކެވި އެވެ.