Advertisement

ސާވާ މައްސަލައެއް ކަމަށް ބުނެ އައިޑީކާޑު ޑިޒައިން ކުރަން އަލުން އިއުލާނު ކޮށްފި

17 އޮކްޓޯބަރު 2022 - 12:45 3

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑެއް--


ސާވާ މައްސަލައެއް ކަމަށް ބުނެ އައިޑީކާޑު ޑިޒައިން ކުރަން އަލުން އިއުލާނު ކޮށްފި

17 އޮކްޓޯބަރު 2022 - 12:45 3

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (ނޭޝަނަލް އައިޑެންޓިޓީ ކާޑު)ގެ ޑިޒައިން ބަދަލު ކުރުމަށް، ކުރިން ހުޅުވައިލި އިއުލާން ބާތިލުކޮށް، އައިޑީ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން އަނެއްކާވެސް ހުޅުވާލައިފި އެވެ.

ޑީއެންއާރުން އައިޑީ ފަރުމާ ކުރަން އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހު އެވެ. އެއަށްފަހު ހަތަރު މަސް ވެފައި ވާއިރު އިއްޔެ އެ އިދާރާއިން ވަނީ އެ އިއުލާނު ބާތިލު ކުރި ކަމަށް ބުނެ އިއުލާނެއް ކޮށް، އަލުން ހުށަހަޅަން އިތުރު އިއުލާނެއް ކޮށްފަ އެވެ.

ބާތިލު ކުރި ސަބަބާ ގުޅޭގޮތުން ސުވާލު ކުރުމުން ޑީއެންއާރުގެ އިންފޮމޭޝަން އޮފިސަރު "އަދަދު" އަށް ވިދާޅުވީ ކުރީގެ އިއުލާނު ބާތިލު ކުރީ އެ އިދާރާގެ މައި ސާވާއަށް ދިމާވި މައްސަލައަކުން ކަމަށެވެ.

"ސާވާއަށް މައްސަލައެއް ދިމާވެ ހުރިހާ މެއިލްއެއް ލިބިފައި ހުރިކަން ޔަގީން ނުވާތީ އަލުން އިއުލާނު ކުރީ. މިހާރު އެކަމަށް ހާއްސަ މެއިލެއް ހަދާފަ ވަނީ. އެއާ ގުޅޭ ހުރިހާ މެއިލެއް އަންނާނީ އެ މެއިލަށް. މެއިލްތައް ލިބޭ ވަރަކުން ޖަވާބު ދެމުން ގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ޑިޒައިން ކުރިން ހުށަހަޅާފައިވާ މީހުންވެސް ޖެހޭނީ އަލުން ފޯމު ހުށަހަޅަން ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

މި ނޫހާ ވާހަކަ ދައްކަމުން އޭރު ޕްރޮޕޯޒަލް ހުށަހެޅި މީހަކު ބުނީ ހަތަރު މަސް ފަހުން އިއުލާނު ބާތިލު ކުރިކަން ވެސް އަންގާފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕްރޮޕޯސަލް ހައުސިން މިނިސްޓްރީއަށް ގެންގޮސް ޕްރެޒެންޓުވެސް ކުރި ކަމަށްވޭ. ބާތިލު ކުރި ކަންވެސް އަދި މި އެނގުނީ. އަލުން ހުޅުވައިލިކަންވެސް އަދި މި އެނގުނީ،" އޭނާ ބުންޏެވެ.

އައިޑީކާޑު ފަރުމާކުރުން

މިހާރު ބޭނުން ކުރަމުންދާ އައިޑީކާޑު ހެއްދީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި 1984ގަ އެވެ.

ޑީއެންއާރުން އިއްޔެ ކުރި އިއުލާނުގައި ބުނީ މިހާރު ބޭނުންކުރާ ކާޑުގެ ޑިޒައިން ބަދަލުކޮށް ސަލާމަތީ ގޮތުން ފުރިހަމަ އިތުބާރާ ޔަގީންކަން އޮންނަ ޒަމާނީ ސެކިއުރިޓީ ފީޗާސްތަކާ އެކު ސްމާޓް އައިޑީ ކާޑެއް ތައާރަފުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން ކާޑު ފަރުމާކުރުމަށް އެދޭ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް އިއްޔެ ވަނީ އަނެއްކާވެސް ހުޅުވާލާފަ އެވެ.

އައިޑީ ކާޑު ފަރުމާކުރާނެ މީހެއް ހޮވާނީ އެ މީހެއްގެ ފަންނީ ގާބިލުކަމާއި ހުށަހަޅާ ކޮންސެޕްޓްގެ ފުރިހަމަ ކަމަށް ބެލުމަށްފަހުގައި ކަމަށް އެ އިދާރާއިން ބުންޏެވެ.

މީގެ އިތުރުން އައިޑީކާޑު އެންމެ ފުރިހަމައަށް ފަރުމާކުރި މީހަކަށް 200,000.00ރ. ގެ އިނާމެއް ވެސް ލިބެ އެވެ. އަދި އައިޑީ ކާޑު ފަރުމާކުރުމަށް ޝޯޓުލިސްޓުވާ ތިން ފަރާތަށް އަގުވަޒަންކުރުމުގެ ރަސްމީ ލިޔުމެއް ލިބޭނެ އެވެ.

އަދި ހުށަހަޅާފައިވާ އައިޑީ ކާޑުގެ ކުރެހުންތައް އާންމުކޮށް ހުޅުވާލާ މައުރަޒެއްގައި ދައްކާލައި، އެ ކުރެހުންތައް ރަސްމީކޮށް އާންމު ކުރެވޭނެ ކަމަށް ވެސް ޑީއެންއާރުން ބުންޏެވެ.

ހުށަހަޅާ އައިޑީކާޑުތަކުގެ ޑިޒައިންގެ އިންފޮމޭޝަން ސެޝަންތައް އޮންނަނީ މި މަހުގެ 26 ވަނަ ދުވަހު އެވެ. އަދި ޕްރޮޕޯސަލް ބަލައިގަތުމުގެ އެންމެ ފަހު ދުވަހަކީ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހެވެ.