Advertisement

ރަން މެޑަލް ހޯދައި ގަތަރުގެ ޝެރިފް އާއި އަހުމަދު ދުނިޔޭގެ ރޭންކިންގެ ކުރިއަށް

17 އޮކްޓޯބަރު 2022 - 11:24 0

ސަން އައިލެންޑް ރިސޯޓް

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

ޤަތަރުގެ ޝެރިފް ޔޫނުސް ސަމްބާ އާއި އަހުމަދު ތީޖާންގެ ޕެއާ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ރަން މެޑަލް ހޯދައި ގަތަރުގެ ޝެރިފް އާއި އަހުމަދު ދުނިޔޭގެ ރޭންކިންގެ ކުރިއަށް

17 އޮކްޓޯބަރު 2022 - 11:24 0

ސަން އައިލެންޑް ރިސޯޓް

ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން (އެފްއައިވީބީ)ގެ ބީޗް ޕްރޯ ޓުއާގެ މޯލްޑިވްސް ޗެލެންޖުގެ ޗެމްޕިއަންކަން ގަތަރުގެ ޝެރިފް ޔޫނުސް ސަމްބާ އާއި އަހުމަދު ތީޖާން ހޯދައިފި އެވެ.

ރާއްޖޭގައި މިހާތަނަށް ބޭއްވި ބައިނަލްއަގްވާމީ ބޮޑު ފެޑެރޭޝަނެއްގެ އެންމެ މަތީ ފަންތީގެ ކުޅިވަރު ހަރަކާތުގައި ދުނިޔޭގެ 28 ގައުމަކުން 150 އަށް ވުރެން ގިނަ ކުޅުންތެރިން ވާދަކުރި އެވެ. އޭގެ ތެރޭގައި ޤަތަރު، އެމެރިކާ، ޖަޕާން، ސްލޮވީނީއާ، ސްލޮވާކިއާ، ސްވިޑެން، ޖަރުމަން، އިޓަލީ، ނެދަލެންޑްސް، ޑެންމާކް، ޗައިނާ، ތައިލެންޑު، ޔޫކްރެއިން، ޗެކް ރިޕަބްލިކް، ބްރެޒިލް އަދި ލިތުއޭނިއާ ހިމެނެ އެވެ.

މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ޤަތަރުގެ ޝެރިފް އާއި އަހުމަދުގެ ޕެއާ އިން ހޯދީ ފައިނަލުގައި އެމެރިކާގެ ޓްރޮއީ ފީލްޑް އާއި ޗޭސް ބަޑިންގާ ސީދާ ދެ ސެޓުން ބަލިކޮށްގެނެވެ. މުބާރާތުގެ އެއްވަނައަށް ސީޑުކޮށްފައި އޮތް ޕެއާ އިން ފައިނަލު މެޗު ކާމިޔާބު 21-17 އާއި 21-15 އިން ސެޓުތައް ހޯދައިގެންނެވެ.

މި މޮޅާ އެކު މިވަގުތު ދުނިޔޭގެ ރޭންކިންގެ ހަތް ވަނައިގައި އޮތް ޝެރިފް އާއި އަހުމަދަށް ރޭންކިންގެ ކުރިއަށް ޖެހިލެވޭނެ އެވެ. މިއީ މިދިޔަ މިދިޔަ ހަތަރު މަސްތެރޭގައި ވާދަކުރި ހަތަރު އިވެންޓުން މި ދެ ކުޅުންތެރިން ހޯދި ފުރަތަމަ މެޑައްޔެވެ.

ފިރިހެން ޑިވިޝަނުގެ ގަދަ ތިން ޕެއާ ޓްރޮފީ އާއި މެޑަލް ހިފައިގެން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ފިރިހެން ބައިގެ ތިން ވަނަ ހޯދީ ސްވިޑެންގެ އަހްމަން އާއި ހެލްވިގްގެ ޕެއާ އެވެ. ތިން ވަނަ ހޮވަން ކުޅުނު މެޗުގައި ޔޫރަޕްގެ ޗެމްޕިއަންކަން މިއަހަރު ހޯދި ޒުވާން ޕެއާއިން މޮޅުވީ ޔޫކްރެއިންގެ ސާޖީ ޕޮޕޯވް އާއި އެޑުއާޑް ރެޒްނިކްގެ އަތުން ސީދާ ދެ ސެޓުންނެވެ.

އެންމެ ފޯރިގަދަކޮށްދިޔަ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ފިންލެންޑުގެ ތަރު ލާތީ އާއި ނީނާ އަހްތިއަނެންގެ ޕެއާ އިންނެވެ. މިއީ ބީޗް ޕްރޯ ޓުއާގެ ތާރީހުގައި ފިންލެންޑުގެ ޕެއާ އަކުން ހޯދި ފުރަތަމަ ރަން މެޑައްޔެވެ.

ފައިނަލުގައި ފިންލެންޑުގެ ޕެއާ އިން ކުރިހޯދީ އޮސްޓްރީގެ ކެތެރީނާ ޝުޓްޒެންހޮފާ އާއި ލީނާ ޕްލެސުއިޓްޝްނިގްގެ މައްޗަށް ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ފިންލެންޑުން ގެންދިޔައީ 21-16 އަދި 23-21 އިންނެވެ.

އަންހެން ބައިގެ ތިންވަނަ ހޯދީވެސް ފިންލެންޑުގެ ޕެއާ އަކުންނެވެ. ސާރާ ސިނިސާލޯ އާއި ނީނާ ޕާކިނެންގެ ޕެއާ އިން ތިންވަނަ ހޮވަން ކުޅުނު މެޗު ކާމިޔާބުކުރީ އެމެރިކާގެ އެމިލީ ސްޓޮކްމަން އާއި މޭގަން ކްރާފްޓް 18-21، 22-20 އަދި 15-13 އިން މޮޅުވެގެންނެވެ.