16 އޮކްޓޯބަރު 2022 - 20:04 0
ފާތިމަތު އަޖްފާން
ދަރުމަވަންތަ ހޮސްޕިޓަލު-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
16 އޮކްޓޯބަރު 2022 - 20:04 0
އައިޖީއެމްއެޗް ހޮސްޕިޓަލުގެ މާބަނޑު މީހުންނާއި ތުއްތު ކުދިންނަށް ހާއްސަ ކޮށްފައިވާ "ހިޔަލަ ވިންގު"ގެ ލިފްޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެ އިމާރާތުގެ ބައެއް ހިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފި އެވެ.
އައިޖީއެމްއެޗް ބުނީ ލިފްޓަށް ދިމާވި މައްސަލައަކާއި ގުޅިގެން އެ އިމާރާތުން ދެމުން ގެންދާ ބައެއް ހިދުމަތްތައް ވަގުތީ ގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގެ 12، 16 އަދި 17 ވަނަ ފަންގިފިލާއަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"ހިޔަލަ ވިންގްގެ 2 ވަނަ ފަންގިފިލާއިން ދެމުންގެންދާ އިމަޖެންސީ ހިދުމަތްތައް ހޮސްޕިޓަލުގެ ޓްރޯމާ އެންޑް އިމަޖެންސީ ޑިޕާޓްމަންޓުގެ (އަވަސްފަރުވާގެ ހިދުމަތްދޭ ތަން) އައިސޮލޭޝަން އޭރިއާއަށް ވަގުތީ ގޮތުން ބަދަލު ކުރެވިގެން ދާނެ،" އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.
އަދި، ހިޔަލަ ވިންގުގެ އެހެން ފަންގިފިލާތަކުގައި އެޑްމިޓް ކުރެވޭ ބަލިމީހުން ވަގުތީ ގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގެ 12، 16 އަދި 17 ވަނަ ފަންގިފިލާގައި އެޑްމިޓް ކުރަން ނިންމާފައި ވާ ކަމަށްވެސް އައިޖީއެމްއެޗުން ބުންޏެވެ.
"ނަމަވެސް ހިޔަލަވިންގްގެ ފުރަތަމަ ފަންގި ފިލާއިން މިހާރު ދެމުންގެންދާ އޯޕީޑީގެ ހިދުމަތްތަކަށް ބަދަލެއް ނާދޭ. މިހާރެކޭ އެއްފަދައިން ހިދުމަތް ދޭނެ. އަދި ހިޔަލަ ވިންގުގެ 10 ވަނަ ފަންގިފިލާއިން ދެމުންގެންދާ ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓް (އެންއައިސީޔޫ)ގެ ހިދުމަތްތައް ބަދަލެއް ނައިސް މިހާރެކޭ އެއްފަދައިން ދޭނެ،"
އެ ހޮސްޕިޓަލުން ބުނީ މި ބަދަލާ އެކު ބެޑްކެޕޭސިޓީ ދަށްވެ، އެނދުމަތި ކުރެވޭ ބަލިމީހުންގެ އަދަދު މަދުކުރެވުމާ ގުޅިގެން ބައެއް ހިދުމަތްތައް ދިނުމަށް ބުރޫ އެރުމަކީ އެކަށިގެންވާ ކަމެއް ކަމަށެވެ.
އެގޮތުން، ދުރާލާ ޝެޑިއުލްކޮށްފައިވާ ބައެއް ސާޖަރީތައް ވަގުތީގޮތުން މަޑުޖައްސާލާނެ ކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
އައިޖީއެމްއެޗުން ބުނީ، ހިޔަލަ ވިންގުގެ ބަލިމީހުން ބޭނުންކުރާ ލިފްޓަށް ދިމާވި މައްސަލަ ވީހާވެސް އަވަހަށް ހައްލުކުރުމަށް ހޮސްޕިޓަލުން މަސައްކަތް ކުރަމުންދާ ކަމަށާއި މައްސަލަ ހައްލުވުމުން ހިޔަލަ ވިންގުން ދެމުންގެންދިޔަ ހިދުމަތްތައް އަލުން އެ އިމާރާތަށް ބަދަލު ކުރެވޭނެ ކަމަށެވެ.
Comment