Advertisement

ޑްރަގުގެ ބޮޑުންނާ ހަމައަށް ގާނޫނުގެ އަތް ފޯރާނެ، ނަން ހާމަކޮށް ފިޔަވަޅުވެސް އަޅާނެ

16 އޮކްޓޯބަރު 2022 - 13:27 9

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ހޯމް މިނިސްޓަރު އިމްރާން "އަދަދު" އަށް އިންޓަވިއު ދެއްވަނީ--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ޑްރަގުގެ ބޮޑުންނާ ހަމައަށް ގާނޫނުގެ އަތް ފޯރާނެ، ނަން ހާމަކޮށް ފިޔަވަޅުވެސް އަޅާނެ

16 އޮކްޓޯބަރު 2022 - 13:27 9

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމަށް ސަރުކާރުގެ ވަރުގަދަ ޕްލޭނެއް އެބައޮތް ކަމަށާއި، ކާމިޔާބީއާ ހަމައަށް ވާސިލްވާއިރު އެކަމުގެ ފަހަތުގައި ތިބި މީހުންގެ ނަންތައް ހާމަ ކުރެވި އެޅެން ޖެހޭ ފިޔަވަޅެއް އެޅިގެން ދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތަށް ސަރުކާރުގެ ތެރެއިން ވެސް ސިޔާސީ ނުފޫޒާއި ހުރަސްތައް ކުރިމަތިވާ ކަމާއި އެކަމުގެ ފަހަތުގައި ތިބީ ކޮން ބައެއްކަން އެނގިވަޑައިގަންނަވާ ކަމަށް މީގެ ކުރިން އިމްރާން ވިދާޅުވެފައިވެ އެވެ.

"އަޅުގަނޑުމެންގެ އަތުގައި އެބައޮތް ޕްލޭނެއް، އަޅުގަނޑުމެން އެ މަސައްކަތް އިރާދަކުރެއްވިއްޔާ ގެންދަން ޖެހޭ ހަމަތަކުގެ މަތީން ގެންދަމުން އެ ހިސާބަށް ވެސް ގެންދާނަން، ހިސާބަށް އަޅުގަނޑުމެން ފޯރާ އިރުގައި އަންނަން ޖެހޭ ނަމެއް ވެސް އަންނާނެ، އެޅެން ޖެހޭ ފިޔަވަޅެއް ވެސް އެޅޭނެ،" އެ ނަންތައް ހާމަނުކުރަނީ ކީއްވެތޯ "އަދަދު" އިން ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވި އެވެ.

އިމްރާން ވިދާޅުވި ގޮތުގައި އެ ޕްލޭނު ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، މަސައްކަތް ފަށަން ޖެހިފައި އޮތީ "ވަރަށް ދުރުން" ނެވެ. އެގޮތުން އަދި ކުރަމުން އަންނަ މަސައްކަތަކީ ގާނޫނަށް އިސްލާހު ގެނެސް، އިންފްރާސްޓަރްކްޗާ ގާއިމްކުރުމާއި ކަމަށް ބޭނުންވާ ވަސީލަތްތައް ހޯދުން ކަމަށް ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ޓަކައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސަތު ބަލަހައްޓަވާ ގޮތަށް މިިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ހާއްސަ ޓާސްކް ފޯހެއް އެކުލަވާލައިފަ އެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ނަތީޖާ ފެންނަން ފަށާނެ ކަމަށް ބުނެ ޓާސްކްފޯހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ ޓާސްކު ފޯހުގެ ތެރެއިން އެންމެ މުހިންމު މަސައްކަތަކަށް ކުރެވިގެން ދިޔައީ ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިސްލާހު ކުރުމުގެ މަސައްކަތް ކަމަށެވެ.

އެގޮތުން، އެއިރު ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގަމުން ދިޔަ އެންޑީއޭ ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރެވި، ފަރުވާ ހަރުދަނާ ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

"އެންޑީއޭގެ ހިދުމަތް ހަރުދަނާ ކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅިއްޖެ، އޭގެ އިތުރުން ޖަލުގައި ރިހިބިލިޓޭޓް ކުރުމުގެ މަސައްކަތްތަކެއް ފެށި މިހާރު ވެސް އެއް ބެޗު ރިހިބިލިޓޭޓް ކޮށް މިވަނީ ނިންމާފައި، ދެ ވަނަ ބެޗަކަށް އަޅުގަނޑުމެން ތައްޔާރުވަމުން މިދަނީ،" އިމްރާން ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަމުން އަންނަ ދޮރުތައް ބަންދު ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ޓާސްކުފޯސްގެ ތެރެއިން ކުރަމުން އަންނަ ކަމަށް އިމްރާން ވިދާޅުވި އެވެ.

"މިދިޔަ ގާތްގަނޑަކަށް ތިން އަހަރެއްހާ ދުވަސް ތެރޭގައި ރާއްޖެއަށް އެތެރެވާ މަސްތުވާތަކެތީގެ ވަރަށް ބޮޑު އަދަދެއް އަތުލެވި، ނައްތާލެވިއްޖެ،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވި ގޮތުގައި މި މަސައްކަތުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ އަތުލައިގަންނަ މަސްތުވާތަކެތި ބަރާބަރަށް ނައްތާލެވޭނެ ނިޒާމެއް ގާއިމު ކުރުން ކަމަށެވެ. މީގެ ކުރިން އެކަން އެގޮތަށް ހިނގަމުން ނުދާ ކަން ފާހަގަކުރެއްވި އެވެ.

"މިއަދު އަޅުގަނޑުމެން މަސްތުވާތަކެތި ކިތަންމެ ގިނައިން ހޯދިޔަސް ނަގާތާ އެއް މަސް ދުވަސް ތެރޭގައި ނައްތާލާނެ، އެ ތަކެތި ކޯޓަށް ހެކީގެ ގޮތުގައި ބަދަލުކުރަން ޖެހޭ ބާކީ ހުންނަ އެއްޗެއް ފިޔަވައި 100 ކިލޯ ވިޔަސް އެ ދާނީ ނައްތާލެވެމުން،" އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު އިމްރާން "އަދަދު"އަށް އިންޓަވިއު ދެއްވަނީ-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ކާމިޔާބީތަކެއް ހޯދި ބުރަ މަސައްކަތްތަކެއް ކުރެވެމުން ދިޔަ ނަމަވެސް، ނިޒާމު ހަރުދަނާ ކުރުމަށް ޓަކައި ގިނަ ގޮންޖެހުންތަކެއް ހުރި ކަން އިމްރާން ފާހަގަކުރެއްވި އެވެ.

"ވަރަށް ބައިވަރު ގޮންޖެހުންތައް އެބަހުރި، މިއީ މީގެ ކުރިން ހިނގާފައި ނެތް ކަންކަން ހަގީގަތުގައި ވެސް، އެ ކަންކަން ރަނގަޅު ކުރުމަށް ޓަކައި އަޅުގަނޑުމެން އެންމެ ބޭނުންވާ ނަތީޖާއާ ހަމައަށް ނުދިޔައެއް ކަމަކު އެބަހުއްޓޭ ފާހަގަކޮށްލެވޭ ބައިވަރު ކަންކަން ހާސިލްވެފައި،" އިމްރާން ވިދާޅުވި އެވެ.