Advertisement

ދަނޑުވެރިންގެ ދުވަހަށް ރައީސް ކާށިދޫއަށް ފުރާވަޑައިގެންފި

16 އޮކްޓޯބަރު 2022 - 10:43 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ރައީސް މީގެ ކުރިން ކުރެއްވި ދަތުރެއްގެ ތެރެއިން--- ފޮޓޯ: ރައީސް އޮފީސް


ދަނޑުވެރިންގެ ދުވަހަށް ރައީސް ކާށިދޫއަށް ފުރާވަޑައިގެންފި

16 އޮކްޓޯބަރު 2022 - 10:43 0

މި އަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ކ. ކާށިދޫއަށް ފުރާވަޑައިގެންފި އެވެ.

ރައީސް, ކާށިދޫއަށް ކުރައްވާ މި ދަތުރުފުޅުގައި، ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް މިރޭ ކ. އަތޮޅު މަދަރުސާގައި ބާއްވާ ޖަލްސާ ޝަރަފްވެރިކޮށްދެއްވާނެ އެވެ.

އަދި، ޖަލްސާއަށް ފަހުގައި އޮންނަ ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ހާއްސަ ޖާފަތުގައި ވެސް އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

މީގެ އިތުރުން ކ. އަތޮޅު މަދަރުސާގައި ކުރިއަށްދާ ދަނޑުވެރިކަމުގެ މައުރަޒަށް ޒިޔާރަތްކުރައްވައި އެ މައުރަޒުގެ ސްޓޯލްތައް ވެސް ބައްލަވާލައްވައި، ދަނޑުވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން މިދަތުރުފުޅުގައި ރައީސް ވަނީ ކާށިދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީއާ ވެސް ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފަ އެވެ. އަދި ކާށިދޫ ހެލްތު ސެންޓަރަށް ވެސް އެމަނިކުފާނު ޒިޔާރަތްކުރައްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

މި ދަތުރުފުޅުގައި ކާށިދޫއަށް ވަޑައިގެންނެވުމުގެ ކުރިން، ސަން އައިލެންޑް ރިސޯޓަށް ވަޑައިގެން އެ ރިސޯޓުގައި މިހާރު ކުރިޔަށްދާ "2022 ވޮލީބޯލް ވޯލްޑް ބީޗް ޕްރޯ ޓުއާ – މޯލްޑިވްސް ޗެލެންޖް"ގެ މެޗުތައް ބައްލަވާލައްވައި، އެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މި މުބާރާތަކީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، އިންޓަނޭޝަނަލް ވޮލީބޯލް ފެޑެރޭޝަން އަދި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ރާއްޖޭގައި ބާއްވާ މުބާރާތެކެވެ.

ރައީސް ކާށިދޫއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުގައި މާލެ ވަޑައިގަންނަވާނީ މާދަމާ އެވެ.