Advertisement

ޝާހިލްގެ ނަފްސާނީ މައްސަލައެއް ހުރިކަމަށް ފާހަގަނުކުރެވޭ: ފުލުހުން

15 އޮކްޓޯބަރު 2022 - 12:58 1

ނިމާ ހަސަން

ނިމާ ހަސަން

ޝިއާގެ މަރުގެ މައްސަލާގައި ހައްޔަރުކުރި ޝާހިލް؛ އޭނާގެ ނަފްސާނީ މައްސަލައެއް ހުރިކަން ފާހަގަނުކުރެވޭ ކަމަށް ފުލުހުން ބުނޭ


ޝާހިލްގެ ނަފްސާނީ މައްސަލައެއް ހުރިކަމަށް ފާހަގަނުކުރެވޭ: ފުލުހުން

15 އޮކްޓޯބަރު 2022 - 12:58 1

މިދިޔަ އޮގަސްޓު މަހު ހ. ޝީރީންވިލާގައި ރަހުމުކުޑަކޮށް ޝިއާއު މުހައްމަދު ސައީދު މަރާލާފައި އޮއްވައި ފެނުނު މައްސަލާގައި ހައްޔަރުކުރި އަލީ ޝާހިލްގެ ނަފްސާނީ މައްސަލައެއް ހުރިކަން ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

މި މައްސަލާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެތު އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓުގެ ހެޑު މުހައްމަދު ސާމިހު ވިދާޅުވީ މިފަދަ ކޮންމެ މައްސަލައެއްގައި ވެސް ޝާމިލުވާ މީހުންގެ ސައިކޮލޮޖިކަލް އެސެސްމަންޓް ހަދާ ކަމަށެވެ.

"އެގޮތުން އަލީ ޝާހިލްގެ ވެސް [ނަފްސާނީ ހާލަތު ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތް] ކުރެވިފައި ވަނީ. މިހާތަނަކަށް އަޅުގަނޑުމެންނަށް ފާހަގައެއް ނުކުރެވޭ އޭނާގެ ނަފްސާނީ އެފަދަ މައްސަލައެއް ހުރި ކަމަކަށް،" ސާމިހު ވިދާޅުވި އެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާތާ ދެ މަސް ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ތަހުގީގަށް ޝާހިލްގެ އެއްބާރުލުން ލިބެމުންނުދާކަން ފުލުހުން ހާމަ ކުރެ އެވެ. އެގޮތުން އޭނާ ކުށަށް އިއުތިރާފުވެފައި ނުވާއިރު، މައްސަލައާ ސީދާ ގުޅުންހުރި ވާހަކަތައް އޭނާ ނުދައްކާ ކަމަށާއި، އޭނާއާ ފުލުހުންނާ ދެމެދު ވެވޭ މުއާމަލާތްތަކުގައި އެހެނިހެން ވާހަކަތައް ދައްކާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ޝާހިލްގެ އެއްބާރުލުން ނުލިބުނު ނަމަވެސް ގަސްދުގައި މީހަކު މެރުމުގެ ދައުވާ އޭނާގެ މައްޗަށްކޮށް، ސާބިތުކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލައިގެ ތަހުގީގު ނިންމާނުލައި ކުރިއަށް ގެންދަނީ ކުށުގެ މޯޓިވް ނުވަތަ ކުށުގެ މަގުސަދު ހޯދުން މުހިންމު ކަމަށް ފެންނާތީ ކަމަށެވެ.

ތަހުގީގު މިހާރު ގޮސްފައިވާ ހިސާބަށް ބަލައި ފުލުހުން މައުލޫމާތު ދިން ގޮތުގައި ޝާހިލްގެ އެއްބާރުލުމާނުލައި، ޝާހިލްގެ ފޯނު ވަނީ ހުޅުވިފަ އެވެ. އަދި އޭގައި ހުރި މައުލޫމާތުތައް އަންނަ ހަފުތާގައި ނެގޭ ވަރު ވާނެ ކަމަށް ފުލުހުން ބުނާއިރު، ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސްތެރޭގައި މައްސަލަ ޕީޖީއަށް ހުށަހެޅޭނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

"އަޅުގަނޑުމެނަށް ގަބޫލުކުރެވޭ މޯޓިވްތަކެއް އެބަހުރި، އެކަމަކު ހަމައެކަނި ގަބޫލުކުރުމެއްގެ މައްޗަށް އިންވެސްޓިގޭޝަންއަށް ފޮނުވޭނެ ކަންތައްތަކެއް ނޫން، އިތުރު އެވިޑެންސްތައް ބޭނުންވާނެ" ނޫސްވެރިންގެ ބައްދަލުވުމުގައި ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވި އެވެ.

ރަހުމުކުޑަކޮށް ޝިއާ މަރާލާފައި އޮއްވައި ފެނުނުއިރު، އޭނާގެ ދެއަތާއި ދެފައިގެ އިތުރުން ބޯ ހިމެނޭހެން ހަށިގަނޑުގެ ބައިތައް ވަނީ ވަކިކޮށްފަ އެވެ. އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓެމް ހަދާފައިވާއިރު، ޕޯސްޓްމޯޓެމްގެ ދާއިމީ ނަތީޖާ އަދި ނުލިބެ އެވެ. ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އޭނާ މަރުވީ އޭނާއަށް ގަސްދުގައި ދީފައިވާ އަނިޔާތަކުގެ ސަބަބުންނެވެ. އަދި މަރުވުމަށްފަހު ވެސް އޭނާގެ ހަށިގަނޑަށް އަނިޔާތަކެއް ކޮށްފައިވާ ކަމަށް ރިޕޯޓުން ދައްކަ އެވެ.

ޝިއާ މަރާލި މައްސަލާގައި އިސްލާމް ދީނުން ބޭރުގެ ކަންތައްތަކެއް ވާކަމަށް ވެސް ވަނީ އަޑުފެތުރިފަ އެވެ. އެގޮތުން، ފުލުހުން ދަނީ މި މައްސަލާގައި އިސްލާމް ދީނުން ބޭރުގެ ކަމެއް ނުވަތަ ކަލްޓް ޕްރެކްޓިސްއެއް ވޭތޯ ބެލުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.