13 އޮކްޓޯބަރު 2022 - 18:30 0
އަހުމަދު އާއިދު
ފަތުރުވެރިކަން ކޮވިޑުގެ ކުރީގެ އަދަދުތަކާއި އެއްވަރު ކުރިނަމަވެސް ރާއްޖޭގެ ފިޗް ރޭޓިން މި އަހަރު ދަށަށް ޖެހިލައިފި -- ފޮޓޯ: ހުސައިން ވަހީދު / އަދަދު
13 އޮކްޓޯބަރު 2022 - 18:30 0
އެމެރިކާގެ ކްރެޑިޓް ރޭޓިން އޭޖެންސީ, ފިޗުގެ ރާއްޖޭގެ ރޭޓިން މިއަހަރު ވެސް "ބީ ނެގަޓިވް" ގައި ހިފެހެއްޓިއިރު، ކުރިމަތިވެދާނެ ކަމަށް ބެލެވޭ ގޮންޖެހުންތަކުގެ ސަބަބުން އިގުތިސޯދީ ހާލަތު ލަފާކުރާ ގޮތް ދަށްކޮށްފި އެވެ.
މިދިޔަ އަހަރު ވެސް ރާއްޖޭގެ ފިޗް ރޭޓިންގެ ގޮތުގައި ކަނޑައެޅީ ނެގަޓިވް "ބީ" އެވެ. މިދިޔަ އަހަރު އިގްތިސާދީ އައުޓްލުކް އޮތީ ސްޓޭބަލްކޮށެވެ. ނަމަވެސް މިފަހަރު ސްޓޭބަލުން ނެގަޓިވަށް އައުޓްލުކް އޮތީ ބަދަލުކޮށްފަ އެވެ.
އޭގެ މައިގަނޑު ސަބަބުތަކަކީ މިވަގުތު ހިނގަމުންދާ ދުނިޔޭގެ އިގްތިސާދީ ބޮޑެތި ކާރިސާތަކެވެ. ނަމަވެސް ރާއްޖޭގެ އިގުތިސޯދާއި އިގުތިސޯދުގެ މައި ދާއިރާކަމުގައިވާ ޓޫރިޒަމް ވަރުގަދަކޮށް ހިފަހައްޓާނެ ކަމަށް ބުނެފައިވެ އެވެ.
ފިޗުން ބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކޮވިޑުގެ ކުރީގެ ހާލަތަށް ރުޖޫއަވެފައިވީ ނަމަވެސް ދުނިޔޭގެ އިގުތިސާދަށް އަންނަމުންދާ ބަދަލުތަކުގެ ސީދާ އަސަރު ކުރަމުން އަންނަ ކަމަށެވެ. އެކަމަށް އެކަށޭނަ ފިޔަވަޅުތަކެއް ނޭޅިއްޖެ ނަމަ ސަރުކާރުގެ ބޭރުގެ ދަރަނި ދެއްކުމަށާއި ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އޭގެ އިތުރުން ސަރުކާރުގެ ބޭރު ފައިސާގެ ރިޒާވް މިދިޔަ އަހަރާ އަޅައިބަލާއިރު ވަރަށް ބޮޑުތަނުން ދަށަށް ގޮސްފައިވާކަން ފިޗުން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން މިދިޔަ އަހަރު ސެޕްޓެމްބަރު މަހު 1 ބިލިއަން ޑޮލަރު ހުރި ރިޒާވް، މިހާރު 540 މިލިއަން ޑޮލަރަށް ވަނީ ދަށްވެފަ އެވެ. މިކަމުގެ މައިގަނޑު ސަބަބަކީ ބޭރުން އެތެރެކުރާ މުދަލުގެ އަގު އުފުލުން ކަމަށްވެސް ފިޗުން ބުނެ އެވެ.
އެމްއެމްއޭގެ އިމާރާތް. -- ފޮޓޯ: އަދަދު
ފިޗުން ފާހަގަ ކުރި އަނެއް ކަމަކީ ދަރަނި އިތުރުވުމެވެ. އެގޮތުން މިދިޔަ އަހަރު ޖީޑީޕީގެ 96.5 ޕަސެންޓްގައި ހުރި ދަރަނި މި އަހަރު 101.8 ޕަސެންޓަށް ވަނީ އިތުރުވެފަ އެވެ. މި ނިސްބަތް އިތުރުވެފައިވަނީ ތަރައްގީއަށް ކުރާ އުމްރާނީ މަޝްރޫއުތަކުގެ ހަރަދުގެ ސަބަބުން ކަމަށް ވެސް ފިޗުން ބުނެފައިވެ އެވެ.
އެ ރިޕޯޓުގައި ފިޗުން ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ހޯދާފައިވާ ކުރިއެރުން ފާހަގަކޮށްފަ އެވެ. އެގޮތުން މިދިޔަ އަހަރު 41.7 ޕަސެންޓް ކުރިއަށް ޖެހުނު ފަތުރުވެރިކަމުގެ ދާއިރާއިން މި އަހަރުވެސް 9.5 ޕަސެންޓުގެ ކުރިއެރުމެއް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ރާއްޖޭގެ އިގުތިސޯދު ކުރިއަށް އޮތް ދެ އަހަރު ވެސް ވަރުގަދަވެ، އެވްރެޖްކޮށް 7.5 ޕަސެންޓަށް ވުރެ މަތީގައި ހިފަހައްޓާނެ ކަމަށް ފިޗުން ލަފާކުރެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ހުޅުވާފައިވާއިރު، އަންނަ އަހަރު އާ ޕެސެންޖަ ޓާމިނަލުގެ ހިދުމަތް ފެށުމާއި، ހަދަމުންދާ ރިސޯޓްތަކާއި ޓޫރިޒަމްގެ ޕްރޮޕަޓީތައް ހުޅުވުމަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މުހިންމު ކަންތައްތަކެއް ކަމަށް ފިޗުން ބުނެ އެވެ.
ދަރަނި ދައްކަން ގޮންޖެހުންތަކެއް ހުރި ނަމަވެސް އެފަދަ އެއްވެސް ނުރައްކަލެއް ކައިރި މުސްތަގުބަލެއްގައި ނެތް ކަމުގެ ޔަގީންކަން ސަރުކާރުން ދެ އެވެ. އެކަމަކު ރަޝިއާ-ޔޫކްރެއިން ހަނގުރާމަ އާއި އެއާ ވިދިގެން އުފުލުމުންދާ ތެލާއި ތަކެތީގެ އަގުތަކާ ހުރެ ހަރަދުތައް އުފުލެމުން ދާތީ، ސަރުކާރުގެ ހަރަދުތައް އިގުތިސޯދުކޮށް އާމްދަނީ އިތުރުކުރަން މަސައްކަތްތަކެއް ވަނީ ފަށާފަ އެވެ.
ރިޕޯޓު ކުރުމުގައި ކުށް ހުރި ކަމަށް ފާހަގަ ކުރެވިގެން މި ލިޔުމުގެ ސުރުހީ، ލީޑު ސެންޓެންސް އަދި ދެ ވަނަ ޕެރެގްރާފަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.
Comment