Advertisement

ތައިލެންޑުގެ ވަރުގަދަ ޕެއާ އަތުން ރާއްޖޭގެ ޑެންޒޯ އާއި ކޯކޭ ބަލިވެއްޖެ

13 އޮކްޓޯބަރު 2022 - 14:11 0

ސަން އައިލެންޑް ރިސޯޓް

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

ސަން އައިލެންޑްގައި މިއަދު ފެށި އެފްއައިވީބީ ބީޗް ޓުއާ މުބާރާތުގެ މެޗެއްގެ ތެރެއިން ރާއްޖޭގެ ކޯކޭ ފޮނުވާލާ ބޯޅައެއް ބްލޮކްކުރަން ތައިލެންޑްގެ ކުޅުންތެރިޔާ މަސައްކަތް ކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ތައިލެންޑުގެ ވަރުގަދަ ޕެއާ އަތުން ރާއްޖޭގެ ޑެންޒޯ އާއި ކޯކޭ ބަލިވެއްޖެ

13 އޮކްޓޯބަރު 2022 - 14:11 0

ސަން އައިލެންޑް ރިސޯޓް

ސަން އައިލެންޑް ރިސޯޓުގައި މިއަދު ފެށި އެފްއައިވީބީ ބީޗް ޕްރޯ ޓުއާގެ ކޮލިފައިން ބުރުގައި ތައިލެންޑުގެ އެއް ވަނަ ޕެއާ އާއި ވާދަކޮށް ރާއްޖޭގެ މުހައްމަދު އަލީ (ޑެންޒޯ) އާއި އަހުމަދު މުހައްމަދު (ކޯކޭ) ބަލިވެއްޖެ އެވެ.

މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ބީޗްވޮލީބޯޅަ އިވެންޓުގައި 28 ގައުމަކުން 86 ޕެއާ ވާދަކުރެ އެވެ. މުބާރާތުގައި މިއަދު ކުރިއަށްދަނީ ކޮލިފައިން ބުރުގެ މެޗުތަކެވެ.

ކޮލިފައިން ބުރުގައި ރާއްޖެއިން ވާދަކުރި ޕެއާ އަކީ ޑެންޒޯ އާއި ކޯކޭގެ ޕެއާ އެވެ. ތައިލެންޑުގެ އެއް ވަނަ ޕެއާ ކަމަށްވާ ސުރީން އަދި ބަންލުއީ އާ ވާދަކޮށް ރާއްޖޭގެ ޕެއާ ބަލިވީ ސީދާ ދެ ސެޓުންނެވެ.

މިއަދުގެ މެޗުގެ ތެރެއިން ރާއްޖޭގެ ޑެންޒޯ (ކ) އާއި ކޯކޭގެ ޕެއާ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ހޯދި ބޮޑު ލީޑާ އެކު ކުރީގައި އޮވެ، ތައިލެންޑުން މި ސެޓު ގެންދިޔައީ ފަސޭހަކަމާ އެކު 21-10 އިންނެވެ. ދެ ވަނަ ސެޓުގައި ވެސް ތައިލެންޑުން ކުރި ހޯދައިފައި އޮތް ނަމަވެސް ޑެންޒޯ އާއި ކޯކޭގެ ރަނގަޅު ހަމަލާތަކާ އެކު ލީޑު ފުޅާފިޔަ ނުދީ ރަނގަޅު ވާދައެއް ކުރި އެވެ. މި ސެޓު ތައިލެންޑު ޕެއާ ކާމިޔާބުކުރީ 21-16 އިންނެވެ.

މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ދެ ވަނަ ޕެއާ ކަމަށްވާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ ކުޅޭނީ މާދަމާ އެވެ. މި ޕެއާ އަށްވަނީ މެއިން ޑްރޯއިން ފުރުސަތު ލިބިފަ އެވެ. މެއިން ޑްރޯ އިން 16 ޕެއާ އަކަށް ފުރުސަތު ލިބިފައިވާއިރު، މިއަދު ކޮލިފައިން ބުރުން ކުރި ހޯދާ 8 ޓީމާ އެކު މާދަމާގެ މެޗުތައް ފަށާނީ ހެނދުނު 07:30 ގަ އެވެ.

އެފްއައިވީބީގެ ބީޗްވޮލީ ޓުއާގެ މޯލްޑިވްސް ޗެލެންްޖު ފުރަތަމަ ބާއްވަން އެންމެ ފުރަތަމަ މަސައްކަތްކުރީ ކްރޮސް ރޯޑްސްގަ އެވެ. ނަމަވެސް ބައެއް ސަބަބުތަކާ ހުރެ މި މުބާރާތް ފަހު ވަގުތު ސަން އައިލެންޑު ރިސޯޓުގައި ބާއްވަން ނިންމީ އެވެ.

މިއީ ރާއްޖޭގައި ދުނިޔޭގެ ލެވަލްގެ މި ފަދަ މުބާރާތެއް ބާއްވާ ތިން ވަނަ ފަހަރެވެ. މީގެ ކުރިން ވަނީ ކެރަމް ވޯލްޑް ކަޕާއި އައިބީސީގެ ބޮޑީބޯޑިން މުބާރާތެއް ރާއްޖޭގައި ހޯސްޓްކޮށްފަ އެވެ. ދުނިޔޭގެ އެންމެ މަތީ ލެވަލްގެ ބޮޑީބޯޑަރުން ބައިވެރިވި މުބާރާތް ހޯސްޓްކުރީ މިދިޔަ އޮގަސްޓް މަހު މާލޭ ރާޅުގަނޑު ސަރަހަައްދުގަ އެވެ.