Advertisement

ދިގުރަށަށް ރޭ އެރި އުދަ، ހީވީ ސުނާމީ އެއްހެން

13 އޮކްޓޯބަރު 2022 - 11:08 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ދިގުރަށަށް އުދަ އަރާ ގެއްލުންވެފައި-- ފޮޓޯ: ކައުންސިލް


ދިގުރަށަށް ރޭ އެރި އުދަ، ހީވީ ސުނާމީ އެއްހެން

13 އޮކްޓޯބަރު 2022 - 11:08 1

އދ. ދިގުރަށަށް ވަރަށް ބޮޑަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ދިގުރަށު ކައުންސިލުގެ ނައިބު ރައީސް އިބްރާހިމް އަބްދުލްރަހީމް "އަދަދު" އަށް ވިދާޅުވީ ރޭ އުދަ އަރަން ފެށީ ދަންވަރު 1:15 ހާއިރު ކަމަށެވެ. އޭރުން ފެށިގެން ފަތިހު 4:00 ޖަހަންދެން އުދަ އަރާފައިވާ ކަމަށާއި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރޭ އެޅީ ރާޅަކީ އާދަޔާ ހިލާފު ރާޅެއް. މިހާތަނަށް މި ރަށަށްވެސް އަރާފަ ނުވާ ވަރުގެ ރާޅެއް. 2004ގެ ސުނާމީގަ ވެސް މި ރަށަކަށް މިހާވަރު ނުވޭ. އޭގެ ކުރިން ރާއްޖެއަށް ބޮޑު ރާޅު އެރިއިރުވެސް މިވަރަށް ރާޅެއް ނާރާ،" އިބްރާހިމް ވިދާޅުވި އެވެ.

"ބޭރު ހިލަ ތޮށި މަތިން އަޅުގަނޑުމެންނަށް ރޭގައި ރާޅު ބިންދާލިތަން ފެނުނު. އެހެންވީމަ ގާތްގަނޑަކަށް 15 ވަރަކަށް ފޫޓު ހުންނާނެކަމަށް ލަފާކުރެވޭ ރާޅުތަކުގައި. މި ރަށު މީހުން ހީކުރީ ރޭ އެއީ ސުނާމީ އަރަނީ ކަމަށް،"

އިބްރާހިމް ވިދާޅުވީ ރޭ އެޅި ރާޅުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އެގޮތުން ގެ ތަކަށް ފެން ވަނުމާއި އޮޑިދޯނިފަހަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

"ރާޅު އަރައިގެން ގޭގެއަށް ފެންގަނޑު ވަނުމުގެ ސަބަބުން ބައެއް ގޭގެ ވަނީ ރޭ ދަންވަރު ހުސް ކޮށްފައި. ބަނދަރުގައި އަޅާފަ ހުރި އޮޑި ދޯނިފަހަރުގެ ވާ ކަނޑައިގެންގޮސް ތަންތަނުގައި ޖެހުމުގެ ސަބަބުން ދޯނިތަކާއި ލޯންޗުތަކަށް ވަނީ ވަރަށް ބޮޑެތި ގެއްލުން ލިބިފައި. ދޯނި ފަހަރުގައި ހުރި މަސް ފޮށިތަކާއި އެއްޗެހިވެސް ބެހިގެން ގޮސްފައިވަނީ" އިބްރާހިމް ވިދާޅުވި އެވެ.

އެ ރަށަށް ލިބުނު ގެއްލުންތަކުގެ ތަފްސީލު ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި މިހާރުވެސް ބޯކޮށް ވާރޭ ވެހެމުންދާތީ އެ މަސައްކަތަށް ކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.