Advertisement

އެމްޑީޕީގެ ވެރިކަމަށް 1426 ދުވަސް: ދިވެހިންނަށް އަދިވެސް އެއްވެ އުޅުން މަނާ

13 އޮކްޓޯބަރު 2022 - 10:47 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ޕީޕީއެމުން މި ހަފްތާގައި ބޭއްވި މުޒާހަރާގެ ތެރެއިން: ރައީސް ސޯލިހު ވިދާޅުވެފައި އޮތީ އެއްވެ އުޅުން ހަނި ކުރާ މާއްދާއަށް އަމަލު ކުރަން ނުޖެހޭ ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


އެމްޑީޕީގެ ވެރިކަމަށް 1426 ދުވަސް: ދިވެހިންނަށް އަދިވެސް އެއްވެ އުޅުން މަނާ

13 އޮކްޓޯބަރު 2022 - 10:47 0

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އުފަންވީ އެއްވެ އުޅުމުގެ ހައްގުގެ މައްޗަށެވެ. ޕާޓީ އުފެއްދީ ގިނަ ބަޔަކު، އެތައް ދުވަހު، ކިތަންމެ ތަނަކަށް އެއްވެގެނެވެ. ޕާޓީގެ ވިސްނުން ބިނާކޮށްފައި އޮތީ ހައްގުތައް ރައްކާތެރި ކުރުމަށެވެ. ހާއްސަކޮށް ހިޔާލުފާޅު ކުރުމާއި އެއްވެ އުޅުމުގެ ހައްގެވެ.

އެކަމަކު، މިއަދު ފެންނަ މަންޒަރަކީ އެމްޑީޕީގެ މެމްބަރެއް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައި، އެއްވެ އުޅުން މަނާކޮށްފައިވާ ތަނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ވޭތުވެދިޔަ ތިން އަހަރާއި 10 މަސް ދުވަހު، މާލެއަށް އެއްވި ރައްޔިތުންނާ ފުލުހުން ކުރިމަތިލީ ޝީލްޑާއި މުގުރާއި ޕެޕާ ސްޕްރޭގެ ބާރުންނެވެ.

"އަޅުގަނޑުމެންގެ ޕާޓީ އަސްލު ވަކާލާތު ކުރަމުންދާ އެންމެ އަސާސީ އެއް ކަމަކަށް ހުރަސް އެޅޭ ހުރަސް އެޅުމެއް އެއީ [އެއްވެ އުޅުން މަނާ ކުރުން]. އެހެންވީމަ އެއީ އެ ވަކާލާތު ކުރުމާ ތަންކޮޅެއް ހިޕޮކްރެޓިކް [މުނާފިގު] ގޮތެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަ ކުރެވެނީ،" އެމްޑީޕީގެ އެންމެ މަގުބޫލު އެއް ލީޑަރު އިމްތިޔާޒް "އިންތި" ފަހުމީ ވިދާޅުވި އެވެ.

ކުރިން ހުއްދަ ހޯދުމަކާ ނުލައި މާލޭގެ ކާނިވާ ނޫން ސަރަހައްދަކަށް އެއްވުން މަނާ ކުރީ އޯގަސްޓް 17، 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ. މިހާރުގެ އިދިކޮޅު ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ހުށަހެޅި 37 މެމްބަރުންގެ ވޯޓުން ފާސްވުމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެއީ އަމަލު ކުރަންޖެހޭ އިސްލާހެއް ނޫން ކަމަށެވެ.

އެކަމަކު މިއަދު އެމަނިފާނުގެ ވެރިކަމުގައި ވެސް މާލެއަށް އެއްވުމަކީ ރައްޔިތުންނަށް މަނާ ކަމެކެވެ. އިސްލާހު އޮތް ގޮތަށް ހަމަ އޮތީ އެވެ. އެ މާއްދާ ތަންފީޒު ކުރުމަށް ސަރުކާރުގެ އިދާރާތަކާއި ފުލުހުން ބޮޑު މަސައްކަތެއް ކުރެ އެވެ. އެއްވެ އުޅުމުގެ މިނިވަންކަން މިއަދު އޮތީ ޕާޓީގެ ސިޔާސަތެއްގެ ގޮތުގައި ލިޔެވި އެހެންނަމަވެސް އަމަލު ނުކުރާ ކަމެއްގެ ގޮތުގަ އެވެ.

އެއްވެ އުޅުން މަނާ ކުރަން މި ސަރުކާރުން ދެމެހެއްޓުން

ސުލްހަވެރިކަމާއެކު އެއްވެ އުޅުން މަނާ ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އެއިރުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު އެވެ. އެ މާއްދާ ފާސްވުމުން އެމްޑީޕީ އާއި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސަކަށް އެއިރު ހުންނެވި، ރައީސް ސޯލިހު ވަރަށް ސާފުކޮށް ވިދާޅުވީ އެއްވެ އުޅުން ހަނި ކުރަން މަޖިލީހުން ފާސް ކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ.

"އަސާސީ ހައްގުތަކާ ބެހޭ އެއްވެސް މާއްދާއެއް ބަދަލުކުރެވޭނީ ރައްޔިތުންގެ ވޯޓަކުން. މިއީ [މަޖިލީހުގެ] އަގުލަބިއްޔަތުން އެކަން ނުކުރެވޭނެ ކަން އަންގަން ލިއެދީފައި އޮތް މާއްދާއެއް. މި މާއްދާގެ ބޭނުމަކީ އަސާސީ ހައްގުތައް ރައްކާތެރިކުރުން،" ރައްޔިތުންގެ މަޖިލީހުގެ ގޭޓު ކައިރި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ.

އޭގެ ފަހުން އެމަނިކުފާނު ވެރިކަމަށް ވަޑައިގެން އަހަރެއްވާން ކައިރިވެފައި އޮއްވައި، އެއްވެ އުޅުން ހަނި ކުރުމުގެ މާއްދާ އުވާލުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ ބިލު އޮތީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި ޕާކުކޮށްފަ އެވެ.

އެއްވެ އުޅުމުގެ ހައްގު ހަނި ކުރާ މާއްދާ އުވާލުމުގެ ބިލަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ލަފަޔަކަށް މަޖިލީހުން އެހުމުން، ރައްޔިތުންނަށް އެއްވެ އުޅުމުގެ ފުރުސަތު ދިނުމާ ދެކޮޅަށް ވާހަކަ ދައްކަވަމުން ވިދާޅުވީ އެ މާއްދާ އުވާލުމުން "މުޅި ނިޒާމަށް ބުރޫއަރާފާނެ" ކަމަށެވެ.

"ސަރުކާރުގެ ސިޔާސަތު ބައްޓަން ކުރާ ގޮތެއްގެ މައްޗަށް، ކުރިއާލައި ހުއްދަ ހޯދުމަކާ ނުލައި އެއްވެ އުޅޭނެ ތަންތަން ފުޅާކުރަން ބޭނުން މިންވަރަކަށް މި އިސްލާހު އޮތުމުން ވެސް އެ ފުރުސަތު ދެވެން އެބައޮތް. އެކަމަކު އެއްކޮށް އިސްލާހު އުވާލައިފި ނަމަ ތި ވިދާޅުވިހެން މުޅި ނިޒާމަށް ބުރޫއަރާފާނެ ފަދަ އެތައް ކަމެއް ކުރިމަތިވުން އެކަށީގެންވޭ،" ނޮވެމްބަރު، 2019 ގައި މަޖިލީހުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވި އެވެ.

އެމްޑީޕީން އިހުގެ އަނިޔާވެރި ތާރީހު އިއާދަ ކުރަނީތަ؟

ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީއަކުން ރަސްމީކޮށް އިއުލާންކޮށްގެން، ދުރާލާއި ރާވައިގެން އެންމެ ފުރަތަމަ މުޒާހަރާއެއް ބޭއްވީ އެމްޑީޕީގެ ފަރާތުންނެވެ. ޖެނުއަރީ 24، 2006 ގައި އެމްޑީޕީން މާލޭގެ މަގުތަކަށް ނުކުތީ ޕާޓީގެ އެއިރުގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަންދުން ދޫކޮށްލުމަށް ގޮވާލުމަށާއި ޕޮލިސް ކޮމިޝަނަރު އާދަމް ޒާހިރުގެ އިސްތިއުފާއަށް ގޮވައިލުމަށެވެ.

އެ މުޒާހަރާ ބާއްވާނެ ކަމަށް އިއުލާނު ކުރުމާއެކު އެއިރު ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ފިޔަވަޅުތަކެއް އަޅަން ފެށި އެވެ. އަދި ރައްޔިތުން އެއްވެ އުޅުން މަނާ ކަމަށް ބުނެ އެއްވާ މީހުންނާމެދު ފިޔަވަޅު އަޅާނެ ކަމަށް ބުނަމުންދިޔަ އެވެ.

"މަގުމަތީގަ އާއި އާންމު ތަންތަނުގައި މުޒާހަރާ ކުރުމަކީ ރާއްޖޭގެ ގާނޫނު ހުއްދަ ކުރާ ކަމެއް ނޫން ... ވީމާ މުޖުތަމައުއަށް ގެއްލުން ލިބޭ މިފަދަ ބޮޑެތި ކަންތައްތަކުގައި އެއްވެސް މީހަކު ބައިވެރިނުވުމަށާއި މިފަދަ ކަންކަމަށް އެއްވެސް ފަރާތަކުން ހިތްވަރު ނުދިނުމަށް މި މިނިސްޓްރީން އިލްތިމާސް ކުރަން،" ޖެނުއަރީ، 2006 ގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ބުނެފައިވެ އެވެ.

ނަމަވެސް، އެއްވެ އުޅުމުގެ މިނިވަންކަން އެއިރު ހޯދަން އުޅުނު ޕާޓީ ވެރިކަމުގައި މިއަދު އޮއްވައި، އަނެއްކާ ވެސް ފެންނަނީ ސަރުކާރުން އެއްވުންތަކާ ދެކޮޅު ހަދާ ތަނެވެ. އަނެއްކާ ވެސް ފެންނަނީ، އެއްވާ މީހުންނާމެދު ފިޔަވު އަޅާނެ ކަމަށް ހޯމް މިނިސްްޓްރީން އަންގާ ތަނެވެ.

"މޯލްޑިވްސް ޕޮލިސް ސާވިސް އިން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، ހެންވޭރު ކާނިވާ ސަރަހައްދުގައި،" ޖުލައި، 2020 ގައި ހޯމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި އޮތެވެ.

އެމްޑީޕީ ވެރިކަމުގައި ހޯދަން އުޅުނު މައި ހައްގުތައް އަދި ޕާޓީ އެކަމެއްގެ މައްޗަށް އުފެދުނު އެއްވެ އުޅުމުގެ މިނިވަންކަން ނެތުމުން ޕާޓީގެ މެމްބަރުން އެކަމާމެދު ދެކެނީ ކިހިނެއްބާވަ އެވެ؟ ހަމަ ގައިމު ވެސް އެއްވެ އުޅުން މަނާ ކުރުމަކީ ރަނގަޅު ގޮތް ކަމަށް ބުނާނެ އެމްޑީޕީ މެމްބަރުން އަދި ވެސް މަދުވާނެ އެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވޭ ހަމައެއް ވެސް ގޮތެއް ވެސް ނޫން އެނގޭތޯ އެއީ. އެއީ ހަމަ ގާނޫނު އަސާސީއާ ހިލާފް މާއްދާއެއް. ހަމަ ގައިމުވެސް އެއްވެ އުޅުމުގެ މިނިވަންކަމަކީ ވަރަށް ފަންޑަމެންޓަލް [އަސާސީ] ހައްގެއް ދެއްތޯ. އެހެންވީމާ އެއީ އެއްގޮތަކަށް ވެސް ރަނގަޅު ނިންމުމެއް ނޫން މިހާރު އެ މާއްދާ އެގޮތަށް ގާނޫނުގައި ބާއްވަން ނިންމި ނިންމުމަކީ. މެމްބަރެއްގެ ހައިސިއްޔަތުން އަދި އަމިއްލަ ވިސްނުމުން ވެސް ގަބޫލު ކުރެވޭ ކަމެއް ނޫން،" ކުރިން މި ލިޔުމަށް ވާހަކަ ދެއްކެވި އިމްތިޔާޒް ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރެއްގައި އެއްވެ އުޅުން މަނާވެފައި އޮތުން ޕާޓީގެ ވިސްނުމާ ދިމާނުވާ ކަމަށް އިމްތިޔާޒް ދެކެވަޑައިގަންނަވަ އެވެ. އަދި ޕާޓީއާމެދު މާ ބޮޑު ފާޑުވިދާޅުވުމެއް ނުބަހައްޓަވާ ޑިޕްލޮމެޓިކްކޮށް ވިދާޅުވީ "ނުރަނގަޅު ކަމެއް ނުރަނގަޅޭތާ ދެންނެވޭނީ" ކަމަށެވެ.

"އެހެންވީމަ ވަކާލާތު ކުރަން ދިޔަ ދިޔުމާ ފުށުއަރާ ކަމެއްގެ ގޮތުގައި މި އޮތީ. ސަރުކާރުން ވެސް ކުރާ ރަނގަޅު ކަންކަން އެބަ ހުރި. އެކަމަކު އެކަންތައް އެހެން އޮންނަ އިރުގައި ވެސް ނުރަނގަޅު ކަމެއް ތިޔައީ. ހަމަ ނުރަނގަޅު ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަ ކުރަން،" އޭނާގެ ހިޔާލު ހިއްސާ ކުރައްވަމުން އިމްތިޔާޒް ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީގެ އަޑު ކެނޑިފައި

އެއްވެ އުޅުން ހަނި ކުރަން ފާސް ކުރީ ޕީޕީއެމްގެ ސަރުކާރެއްގައި ނަމަވެސް މިއަދު އެކަން މަނާވެފައި އޮތުމުން އިދިކޮޅުގެ އަޑު އޮތީ ވަރަށް ބޮޑަށް ކެނޑިފަ އެވެ. ޕީޕީއެމުން މި ވެއެތުވެދިޔަ ތިން އަހަރު ބޭއްވި ކިތަންމެ އެއްވުމަކަށް ސަރުކާރުން ވަނީ ހުރަސް އަޅައިފަ އެވެ.

"އަޅުގަނޑުމެން ކޮންމެ ތަނަކަށް އެއްވާން އެދުނަސް ފުލުހުން ވަރަށް ކޮމްޕިއުޓަރު ޖަވާބެއް ދެނީ. ހުއްދައެއް ނުލިބޭ. މަސްވެރިންގެ ހައްގުތައް ގެއްލޭތީ ބޭއްވި މުޒާހަރާގެ ކުރިން ވެސް އަޅުގަނޑުމެން އެންގިން ދުރާލާ ފުލުހުންނަށް އެކަމަކު ހުއްދައެއް ނުލިބުނު،" އިދިކޮޅު ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވި އެވެ.

އެއްވެ އުޅުން ހަނިކޮށްފައި އޮތުމުން ޑިމޮކްރަސީގެ މައި އަސާސްތައް މުޖުތަމައިން ފަނާވަމުންދާ ކަމަށް ބައެއް ތަޖުރިބާކާރުން ދެކެ އެވެ. އެއްވެ އުޅުން ހަނި ކުރަން ދެކޮޅު ހެއްދެވި އެއް މެމްބަރު ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ، މުޒާހަރާ ކުރުން މަނާވެފައި އޮތުމުން ހުދުމުހުތާރު ވެރިކަމަކަށް މަގުފަހިވެދާނެ ކަމަށެވެ.

"މާނަ ހުރި ގޮތެއްގައި މިހާރު ހިޔާލު ފާޅެއް ނުކުރެވޭ. އެހެންވީމަ މިނިވަންކަމެއް ނެތް އަސްލު. މީގެން ލިބޭނެ އެންމެ ބޮޑު ގެއްލުމަކީ ސަރުކާރު ޖަވާބުދާރީ ނުކުރެވުން. ރައްޔިތުން ހިތްހަމަނުޖެހިއްޖެއްޔާ ނިކުމެ ބަސް ބުނާނެކަމުގެ ބިރު ސަރުކާރަށް ނެތުމަކީ ޑިމޮކްރަސީއަށް އޮތް ހުރަހެއް އަސްލު،" އަލީ ހުސެއިން ވިދާޅުވި އެވެ. "އަދި އޭގެ ސަބަބުން އޮޓޮކްރެޓިކް [ހުދުމުހުތާރު] އުސޫލުތަކަށް ވެސް މަގުފަހިވޭ."

އެއްވެ ނޫޅެވޭ ކަމުގެ ޝަކުވާ ޕީޕީއެމްގެ މެމްބަރަކު ކުރެއްވުމުން ބައެއް މީހުންގެ ރައްދަކީ "މި ދުވަސް ގެނައީ ތިބޭފުޅުން ނޫންތޯ" އެވެ. ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ އެއްވެ އުޅުން ހަނި ކުރުމާއި އެކަން ދަމަހައްޓާ ފަރާތްތައް ވެސް އެއްވަރަކަށް ގޯސް ކަމަށެވެ.

"ޑިމޮކްރަސީގައި އެންމެ މުހިންމު އެއް ހައްގު ހިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމަކީ. އެއްވެގެން ހަގީގަތުގައި ހިޔާލު ފާޅު ކުރެވޭނީ ވެސް. މި ހައްގު ނެތުމުގައި ޕީޕީއެމް މެމްބަރުންނަކަށް ވެސް ހަގީގަތުގައި ވާހަކަ ދެއްކުމުގެ ޖާގައެއް ނޯންނާނެ. އެއީ އެ ދުވަހު އެ ހައްގު ހިފެހެއްޓީ އެ ބޭފުޅުން،" އަލީ ހުސެއިން ވިދާޅުވި އެވެ.

އެކަމަކު ޝިޔާމްގެ ހިޔާލު އެއާ ތަފާތެވެ. މާޒީގެ ވާހަކައިގެ ބަދަލުގައި މިއަދު ދައްކަންޖެހޭނީ އަދުގެ ސަރުކާރުން ކުރި ވައުދުތަކުގެ ވާހަކަ އާއި ކުރަހައިދިން މަންޒަރުގެ ވާހަކަ ކަމަށް ޝިޔާމް ދެކެވަޑައިގަންނަވަ އެވެ.

"އަޅުގަނޑުމެން ކަން ކުރި ގޮތް ކަމުނުދިޔައީ. މިބޭފުޅުން ކަން ކުރައްވާނެ ކަމަށް ބުނި ގޮތަށް ކަން ނުކުރާ ކަމަށްވާ ނަމަ އަޅުގަނޑުމެން އެ ވާހަކަ ދައްކާނަން. އަޅުގަނޑުމެން ކަން ކުރި ގޮތެއްގެ ވާހަކަ މިއަކު ދައްކާނެކަމެއް ނެއްތާ ކޮންމެހެން،" އޭނާގެ ހިޔާލު ހިއްސާ ކުރައްވަމުން ޝިޔާމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގައި ވެސް ކަންތައްތަކެއް ރަނގަޅު ކުރަން ހުރި ކަމަށް ރައްޔިތުން ދެކޭތީވެ، އެމްޑީޕީއަށް އެ ފުރުސަތު ދިނީ. އެކަމަކު އެމްޑީޕީން އެއިރު ދެއްކި ވާހަކަ ދިމާނުވާކަން މި ފެންނަނީ."

އެއްވެ އުޅުމުގެ ފުރުސަތު ވަގުތުން ދޭންޖެހޭ

ރާއްޖޭގެ ގާނޫނު އަސާސީގައި އެއްވެ އުޅުމުގެ މިނިވަންކަމަކީ ރައްޔިތުންނަށް ދީފައި އޮތް ބާރެކެވެ. އަދި މީސްތަކުންނަށް ލިބިފައި އޮތް އެންމެ ބޮޑު ބާރެވެ. ކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވެ އުޅުން ގާނޫނަކުން ނަމަވެސް މިހާ ބޮޑަށް މަނާކޮށްފައި އޮތުން ގާނޫނު އަސާސީ އާއި މުއާހަދާތަކާ ހިލާފު ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.

"ހަގީގަތުގައި ވައުދަކަށް ވިޔަސް ނުވިޔަސް ގާނޫނު އަސާސީގައި ލިބިފައި އޮތް ހައްގަކަށް އަރައެއް ނުގަނެވޭނެ. އަދި މިހާރު މި އޮތް ގާނޫނު އަސާސީއާ ރާއްޖެއިން ބަލައިގަނެފައި އޮތް މުއާހަދާތަކުގައި ހުރި ގެރެންޓީތަކަކަށް ވެސް އަރައެއް ނުގަނެވޭނެ،" ދިވެހިރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު އަދި މިހާރު ޔުނިވާސިޓީ އޮފް އެސެކްސްގައި އިންސާނީ ހައްގުތަކާ ބެހޭ ގޮތުން ތަގުރީރު ދެއްވާ ޑރ. އަހުމަދު ޝަހީދު ވިދާޅުވި އެވެ.

އެއްވެ އުޅުމުގެ ހައްގު ހަނި ކުރުމުގެ މިންގަނޑުތަކެއް ހުންނަ ކަމަށް ޑރ. ޝަހީދު ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ. އެކަމަކު ހަނި ކުރެވޭނީ "ވަރަށް ކުޑަ މިންވަރަކަށް ކަމަށް ޝަހީދު ދެކެވަޑައިގަންނަވަ އެވެ.

"އެހެން ބަޔަކަށް ގެއްލުމެއް ނުވާހާ ހިނދަކު ހަނި ކުރުމުގެ ޖާގައެއް ސަރުކާރަކަށް ނޯންނާނެ. މިސާލަކަށް ދަންވަރު އެއްވުމަށް ގޮތް ކިޔިދާނެ. އެކަމަކު އެއީ ވެސް ހަމަހިމޭން އެއްވުމެއް ނަމަ މަނައެއް ނުކުރެވޭނެ. މަގުމަތީގައި އެއްވުމަކީ ވެސް މުޅިން މަނާ ކުރެވޭނެ ކަމެއް ނޫން. މިއީ ބައިނަލްއަގްވާމީ މިންގަނޑުތައް، ރާއްޖެ ބަލައިގަނެފައި ހުރި،" ޑރ. ޝަހީދު ވިދާޅުވި އެވެ.

އެއްވެ އުޅުމުގެ ހައްގު ހަނި ކުރި ނަމަވެސް ކުރިން ދުރާލައި ހުއްދަ ހޯދަންޖެހުމަކީ ކުރަންޖެހޭނެ ކަމެއް ނޫން ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ. އެހެން އެކަން އޮތުމަކީ އިންސާނީ ހައްގުތަކަށް ނެތުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމަ ގައިމުވެސް ނުކުރެވޭނެ ކަމަކީ ހަމައެކަނި އެއްވެވޭނީ މިވެނި އެވެނި ތަނަކަށޭ ބުނުން. އެއީ ނުކުރެވޭނެ ކަމެއް ކަމަށް އދ. ގެ ކަމާ ބެހޭ ފަރާތްތަކުން އޮންނާނީ ކަނޑައަޅާފަ. އެގޮތަށް ރާއްޖޭގައި ކަންކަން އޮތް ނަމަ އެއީ ޑިމޮކްރަސީގެ އަސާސްތަކާ އިންސާނީ ހައްގުތަކާ ހިލާފަށް ކުރެވުމުންދާ ކަމެއް،" އޭނާގެ ހިޔާލު ހިއްސާ ކުރައްވަމުން ޑރ. ޝަހީދު ވިދާޅުވި އެވެ.

އެއްވެ އުޅުން ހަނި ކުރުމަށް ރައްޔިތުންގެ މަޖިލީހުން އޯގަސްޓް، 2016 ގައި ފާސް ކުރި އިސްލާހަށް އަމަލު ކުރަންނުޖެހޭނެ ކަމަށް އެންމެ ފުރަތަމަ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އަދި އެ މާއްދާ އުވާލުމަކީ ރައީސް ސޯލިހު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދެކެވެ. އެއްވެ އުޅުމުގެ ހައްގު އަލުން ދިވެހިންނަށް ލިބެންޖެހެ އެވެ. އަދި މިކަމުގައި ރައީސް ސޯލިހު އިސް ނެންގެވުން މުހިންމެވެ. އިތުބާރު އޮންނާނީ އެއިރުންނެވެ.