Advertisement

"ރާއްޖެ-ޗައިނާ 50" އާ ގުޅުވައި ޗައިނާގައި ރާއްޖެ ވިދުވައިލަނީ

12 އޮކްޓޯބަރު 2022 - 14:40 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރާއްޖެ-ޗައިނާ ޑިޕްލޮމެޓިކް ގުޅުމަށް 50 އަހަރު ފާހަގަކުރަން މިއަދު ބޭއްވި ހަފުލާ އޮތް ހޯލުގައި ބަހައްޓާފައި ހުރި، ފޮޓޯތަކެއް، ޗައިނާ ސަފީރު، ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރަށް ދައްކަވަނީ. ޗައިނާގައި ރާއްޖޭގެ ފޮޓޯ އެގްޒިބިޝަނެއް ބާއްވާނެ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


"ރާއްޖެ-ޗައިނާ 50" އާ ގުޅުވައި ޗައިނާގައި ރާއްޖެ ވިދުވައިލަނީ

12 އޮކްޓޯބަރު 2022 - 14:40 0

ރާއްޖެއާއި ޗައިނާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ހަރަކާތެއްގެ ގޮތުގައި އެގައުމުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ބޮޑު މަސައްކަތެއް ފަށައިފި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލުކުރުމަށް ޓަކައި ބޯޑަރުތައް ބަންދުކުރުމާ ހަމައަށް، ޗައިނާއަކީ ރާއްޖެއަށް އެއް ގައުމަކުން އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ. އޭރުއްސުރެ ބަންދުކޮށްފައި އޮތުމަށް ފަހު ޗައިނާގެ ބޯޑަރުތައް އަލުން ހުޅުވަން މިހާރު އޮތީ ތައްޔާރުވެފަ އެވެ.

ރާއްޖެ-ޗައިނާ ޑިޕްލޮމެޓިކް ގުޅުމަށް 50 އަހަރު ފާހަގަކުރަން މީރުމާ ހޮޓަލުގައި މިއަަދު ބޭއްވި ހަފުލާއެއްގައި ޗައިނާ ސަފީރު ވާން ލިޖިން ވިދާޅުވީ ޗައިނާގެ ޔުނާން ޕްރޮވިންސްްގެ ލީޖިއާން ސިޓީގައި އަންނަ އަންގާރަ ދުވަހުން ފެށިގެން ހަފްތާއެއްގެ މުއްދަތަށް ރާއްޖޭގެ ފޮޓޯ އެގްޒިބިޝަނެއް ބާއްވާނެ ކަމަށެވެ.

ލީޖިއާން އަކީ ޗައިނާގެ އެކި ސަރަހައްދުތަކުން ގިނަ އަދަދެއްގެ ލޯކަލް ޓޫރިސްޓުން ވެސް ޒިޔާރަތްކުރާ ސިޓީ އެކެވެ. ޗައިނާގެ ބޯޑަރު ބަންދުނުކުރާ އިރު އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތް ކުރާ ތަނެކެވެ. އަދި އެއީ ވިޔަފާރީގެ މަރުކަޒީ ރަށެކެވެ.

ރާއްޖޭގެ ރީތި މަންޒަރުތައް ދައްކައިދޭ ފޮޓޯތަކާ އެކު ލީޖިއާންގައި ފޮޓޯ އެގްޒިބިޝަން ބާއްވާނީ "ވޮންޑަފުލް މޯލްޑިވްސް، ދަ ސަނީ ސައިޑް އޮފް ލައިފް" ގެ ނަމުގަ އެވެ. ޔުނާން ޕްރޮވިންސް ރާއްޖޭގައި އިޝްތިހާރުކުރުމަށް ޓަކައި، މިއަދުގެ ހަފުލާ ބޭއްވީ ޔުނާން ޕްރޮވިންސްގެ ސަރަހައްދީ ސަރުކާރާ ގުޅިގެންނެވެ. އެ ޕްރޮވިންސްގެ ރީތި މަންޒަރުތައް ދައްކައިދޭ ފޮޓޯތަކެއް މިއަދުގެ ހަފުލާގައި ދައްްކައިލި އެވެ.

"އަޅުގަނޑުމެން އުއްމީދުކުރަނީ ގުޅިގެން މަސައްކަތްކުރުމުގެ އާ ފުރުސަތުތައް މި ކަންތައްތަކާ އެކު ފެނިގެން ދާނެކަމަށް،" މިއަދުގެ ހަފުލާގައި ވާންގް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު އެ ހަފުލާގައި ވިދާޅުވީ އެ އެގްޒިބިޝަނުގެ ސަބަބުން ޗައިނާގެ އިތުރު އެތައް ބަޔަކަށް ރާއްޖެ އެނގި، އެ މައުލޫމާތުގެ އަލީގައި ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް އުއްމީދުކުރައްްވާ ކަމަށެވެެ.

"ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ބަލައިލާފައި އެ މަންޒިލަކަށް ދާއިރު، ގިނަ ފަހަރު ފޮޓޯއިން ފެންނަ ގޮތާ ތަފާތުވާނެ. ބައެއް ފަހަރު ފޮޓޯއިން ފެންނަ ގޮތް އަސްލަށް ވުރެ މާ ރީތިވެދާނެ. ރާއްޖޭގެ ފޮޓޯއެއް ބެލިޔަސް، އަސްލާ ތަފާތުވާނެ. އެކަމަކު އެއީ އޭގެ އަނެއް ކޮޅަށް. [ރާއްޖޭގެ ރީތިކަމާ އަޅައި ބަލާއިރު] ވީޑިއޯއާއި ފޮޓޯ އަކުން ނުފުދޭނެ. އަސްލު [މަންޒަރު] މާ ރަނގަޅުވާނެ،" މައުސޫމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފޮޓޯ އެގްޒިބިޝަނަށް ޒިޔާރަތްކުރާ ޗައިނާގެ އެކުވެރިން ގެ ތެރެއިން ގިނަ ބަޔަކު ރާއްޖޭގެ ރީތިކަން ދެކެން އަންނާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

ޔުނާން ޕްރޮވިންސްގެ އަދި ޖުމްލަކޮށް މުޅި ޗައިނާގެ ޓޫރިޒަމް އިދާރާތަކާއި ވިޔަފާރިވެރިން ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން، ކުރިމަގުގައި ގިނަ ފުރުސަތުތައް ހޯދަން އޭނާ ދައުވަތު ދެއްވި އެވެ. ދެގައުމުގެ ދެމެދުގައި ވަރަށް އަވަހަށް ވައިގެ ދަތުރުތައް ފެށޭނެކަމަށް އުއްމީދުކުރައްވާ ކަމަށާއި އޭރުން ޔުނާން ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިވެހިންނަށް ލިބޭނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.