12 އޮކްޓޯބަރު 2022 - 10:37 0
އައްޒާމް އަލިފުޅު
12 އޮކްޓޯބަރު 2022 - 10:37 0
ރިވައިވަލް ސްޕޯޓްސް ކްލަބްގެ އިސްނެގުމާ އެކު، އެ ޓީމަށް ކުޅެމުން އަންނަ ގައުމީ ބެޑްމިންޓަން އެންމެ ފަހުގެ ޗެމްޕިއަން، އަހުމަދު ތޯއިފް، އިންޑިއާ އަށް ޓްރެއިނިން ސްކޮލަޝިޕް ފެށިތާ މަހެއްހާ ދުވަސްވެފައިވާއިރު، އޭނާ ވަނީ އިންޑިއާގައި އިއްޔެ ފެށި އިންފޮސީސް ފައުންޑޭޝަން އިންޑިއާ އިންޓަނޭޝަނަލް ޗެލެންޖްގައި ވާދަކޮށްފަ އެވެ.
އެ މުބާރާތުގައި އިންޑިއާ ފިޔަވައި، ފިރިހެން ސިންގަލްސް ކޮލިފައިންގައި ތޯއިފްގެ އިތުރުން ދެން ފެނުނީ އިތުރު ހަތަރު ގައުމުގެ ކުޅުންތެރިންނެވެ. އެއީ ޔޫއޭއީ، ކެނަޑާ، ސްރީ ލަންކާ އަދި ބަންގްލަދޭޝް އަށް ނިސްބަތްވާ ކުޅުންތެރިންނެވެ.
އިންފޮސީސް ފައުންޑޭޝަން އިންޑިއާ އިންޓަނޭޝަނަލް ޗެލެންޖްގެ ކޮލިފައިން ފުރަތަމަ ބުރުގައި ތޯއިފް ވަނީ އިންޑިއާގެ ނިކިލް ޖަންގީދުއާ ވާދަކޮށް ތޯއިފް 21-17، 21-18 އިން ބަލިކޮށްފަ އެވެ. ކޮލިފައިން ދެ ވަނަ މެޗުގައި، އިއްޔެ ހަވީރު ތޯއިފް ނުކުތީ އޮރިޖީތު ޗާލިހާއާ ދެކޮޅަށެވެ. އެ މެޗުން ތޯއިފް ބަލިވީ 21-12، 22-20 އިންނެވެ.
މިދިޔަ މަހުން ފެށިގެން ތޯއިފް ޓްރެއިނިން ހަދަމުން އަންނަނީ އިންޑިއާގެ ޕަޑުކޯން ޑްރާވިޑް ހައި ޕާފޯމަންސް ސެންޓަރުގަ އެވެ.
ތޯއިފް، "އަދަދު" އަށް ބުނީ ޓްރެއިނިން ސްކޮލަޝިޕް ލިބުމަށް ފަހު އިންޓަނޭޝަނަލް މި ވަރުގެ މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ލިބުމުން ވަރަށް ބޮޑަށް ހިތްހަމަޖެހުނު ކަމަށެވެ.
"އަދި އެންމެ ފުރިހަމަ ކާމިޔާބު ނުލިބުނަސް އުންމީދަކީ އިރާދަކުރައްވައިގެން ކުރިއަށް އޮތް މުބާރާތްތަކުގައި ވެސް މި އަށް ވުރެން ރަނގަޅު ނަތީޖާ އެއް ހޯދައި ދިވެހިރާއްޖެ އަށް ރީތި ނަން ހޯދައިދިނުން،" އެންމެ ފަހުގެ ގައުމީ ސިންގަލްސް ޗެމްޕިއަންކަން ހޯދި ތޯއިފް ބުންޏެވެ.
ތޯއިފް ވަނީ އޭނާ އަށް ޓްރެއިނިން ސްކޮލަޝިޕް ހަމަޖައްސައިދިނުމުގައި ރިވައިވަލް އާއި ކުޅިވަރާ ބެހޭ މިނިސްޓްރީ އަދި ބެޑްމިންޓަން އެސޯސިއޭޝަނުން ދިން އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ.
ރިވައިވަލްގެ ވަރަށް ބޮޑު މަސައްކަތްތަކަކާ އެކު އެއް އަހަރު ދުވަހަށް ދެމިގެންދާ ތޯއިފްގެ މި ޓްރެއިނިން ސްކޮލަޝިޕް ކުރިއަށްގެންދާނީ އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ސައުތު އޭޝިއަން ގޭމްސްގައި މެޑަލެއް ހޯދުމަށް ޓާގެޓް ކޮށްގެން ކުރާ މަސައްކަތުގެ ތެރެއިންނެވެ.
Comment