Advertisement

އިވުން ގެއްލި، ވާހަކަ ނުދެއްކޭ ޔޫނުސްގެ ހަޔާތަށް ގެނެސްދިން "އަލިކަން"

12 އޮކްޓޯބަރު 2022 - 08:42 2

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ފެނަކަ ކޯޕަރޭޝަންގެ މާފަރު އޮފީހުގައި ޔޫނުސް އިއްޔެ މަސައްކަތް ކުރަނީ. -- ފޮޓޯ: ފެނަކަ ކޯޕަރޭޝަން


އިވުން ގެއްލި، ވާހަކަ ނުދެއްކޭ ޔޫނުސްގެ ހަޔާތަށް ގެނެސްދިން "އަލިކަން"

12 އޮކްޓޯބަރު 2022 - 08:42 2

ނ. މާފަރު ޔޫނުސް ހަސަންފުޅު އުފަންވިއިރު އިވުމުގެ ހިއްސު ވަނީ ގެއްލިފަ އެވެ. ވާހަކަ ވެސް ނުދެއްކެ އެވެ. ޔޫނުސްގެ އުމުރުން އެންމެ ހަ މަހުގައި، އޭނާގެ ބައްޕަ ދުނިޔެއާ ވަކިވެ، އާއިލާއަށް ދުނިޔެ ދަތިވެ، ބިކަވި އެވެ. ތަގުދީރު ގެނުވި އެ ހަޔާތުގެ ވޭނާއި ކެކުޅުމާއި ހިތާމައިގެ ބަދަލުގައި ދައްކަން މި އުޅެނީ ޔޫނުސްގެ ދެމައިންގެ އުއްމީދަށް ގެނުވި އަލިކަމެއްގެ ވާހަަކަ އެވެ.

ޔޫނުސްގެ އާއިލާގައި އެއްބަނޑު އެއްބަފާ ޖުމުލަ ފަސް ބޭން ތިބެ އެވެ. ޔޫނުސް އަކީ އެންމެ ހަގު ކުއްޖާ އެވެ. އެއްބަނޑު އެއްބަފާ އެހެން މީހުން މި ވަގުތު އުޅެނީ އެހެން ރަށް ރަށުގަ އެވެ. ޔޫނުސްގެ ހަމައެކަނި އެހީތެރިޔަކަށް ގާތުގައި ހުރީ 60 އަހަރާ ގާތްވެފައިވާ މަންމަ އެވެ. އެ މަންމަ ދިރި ތެޅެމުން އައީ ޔޫނުސްގެ ހަޔާތަށް އަލިކަމެއް ހޯދައި ދިނުމަށެވެ. ތުއްތު އިރު ސްކޫލަށް ދިޔުމުގެ ފުރުސަތު ނުލިބުނު ނަމަވެސް، އުމުރުގެ ވަކި ހިސާބަކުން ސްކޫލުގެ ހާއްސަ ކުލާހުގައި ކިޔަވަން ފުރުސަތު ލިބުނެވެ.

ޔޫނުސް (ކ) މާފަރު ސްކޫލުގައި ކިޔަވަމުން ދިޔަ ދުވަސްވަރު ސްކޫލުގައި ނަގާފައިވާ ފޮޓޯއެއް. -- ފޮޓޯ: މާފަރު ސްކޫލް


ޔޫނުސްގެ ދެމައިންގެ ބޭނުންތައް ފުއްދަނީ މަސައްކަތް ކޮށްގެން ހޯދާ ފައިސާ ކޮޅާއި ދައުލަތުން ޔޫނުސް އަށް ދޭ 2،000ރ. ގެ އެލަވަންސުންނެވެ. އޭގެން ފުދެނީއަކީ ނޫނެވެ. ފުއްދުނު ގޮތަކަށް ފުއްދަނީ އެވެ.

އިވުމުގެ ހިއްސު ގެއްލި، ވާހަކަ ނުދެއްްކުނަސް، ޔޫނުސް, 21, އަކީ ތޫނުފިލި، ހުޝިޔާރު ޒުވާނެކެވެ. ސްކޫލުގައި އުޅުނުއިރު، ފުޓްބޯޅަ ޓީމުގެ ގޯލް ކީޕަރަކަށް ވެސް ކުޅުނެވެ. ދެއްކި ކޮންމެ ކަމެއް ކުރުމުގެ ކުޅަދާނަ ކަމާއި ޖޯޝު ހުރެ އެވެ. ނަމަވެސް، ވަޒީފާއެއް ނުލިބި، އުޅެމުން ދިޔައީ ގޯތީގެ ހަތަރު ފާރުގެ ތެރޭގަ އެވެ.

"އޭނާ އަށް ހަމައެކަނި އަޑު ނީވޭކަން، ވާހަކަ ނުދެއްކޭ ކަން. ނަމަވެސް ކޮންމެ ކަމެއް ވެސް ދައްކައިފި ނަމަ ކުރާނެ. އަދި ކުރަން ނޭނގޭ ކަމެއް ވެސް ކުރަންޖެހޭ ގޮތް ދައްކައިފި ނަމަ ކުރާނެ. އޭނާ ދިޔައީ އަދާކުރާނެ ވަޒީފާއެއް ހޯދަމުން، މަސައްކަތެއް ހޯދަމުން. ނަމަވެސް ދޭނެ މީހަކު ނުވީ،" ޔޫނުސްގެ މަންމަ ފާތުމަތު އާދަމް، 57، ބުންޏެވެ.

އެ ނިކަމެތި ހާލަތުން އަރައިގަތުމަށް އެ އާއިލާއަށް އެހީތެރިކަމެއް ފޯރުކޮށް ދިނުމަށް ރަށުގެ ޒުވާނަކު މަސައްކަތް ކުރަމުންދިޔަ އެވެ. އެކަމަށް ދާއިމީ ހައްލަކީ ޔޫނުސް ނުވަތަ އޭނާގެ މަންމައަށް ވަޒީފާއެއް ހޯދައި ދިނުން ކަމަށް ވިސްނި، ސަރުކާރުގެ ބައެއް އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަކުގައި އެކަމަށް އެދުނެވެ. ޔޫނުސްގެ އާއިލާއަށް ވެސް ނޭނގި ކުރަމުންދިޔަ އެ މަސައްކަތުގައި ކާމިޔާބު ފެނުނީ ނިމިގެންދިޔަ ހަފުތާގަ އެވެ.

ފެނަކަ ކޯޕަރޭޝަންގެ މާފަރު އޮފީހުގައި ލޭބަރެއްގެ ވަޒީފާ އޮތްކަން އެނގުމުން، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ ސަމާލު ކަމަށް ޔޫނުސްގެ ހާލަތު ގެނެސް ދިނީ މިހާރު މަނަދޫގައި ވަޒީފާ އަދާކުރާ މާފަރު ޒަހީން އަބްދުﷲ އެވެ.

"އެއީ ވަރަށް ނިކަމެތި އާއިލާއެއް. އެހެންވެ އަހަރެން މަސައްކަތް ކޮށް ދިނީ. ސައީދަށް އަހަރެން ގުޅާލުމުން ފުރަތަމަ ވެސް ބުނި ޔޫނުސް އަށް ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް. ސިޓީ ލާށޭ،" ޒަހީން ކިޔައި ދިނެވެ.

މިހާރު ޔޫނުސް އެ ހުރީ ފެނަކަ ކޯޕަރޭޝަންގެ ލޭބަރެއްގެ ވަޒީފާއަށް ނުކުމެ އެވެ. އިއްޔެ އަކީ އޭނާގެ ފުރަތަމަ ވަޒީފާގެ ފުރަތަމަ ދުވަހެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި އާއިލާތައް ހާސްކަމުން ފިލާފައިވާ ދިރިއުޅުމެއް ބިނާކުރުމަށް އެ ކުދިންނަށް ފުރުސަތު ތަނަވަސްކޮށްދިނުމަަކީ ރައީސް އަދި މި ސަރުކާރު ސިޔާސަތެއް،" ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސައީދު ވިދާޅުވި އެވެ.

ޔޫނުސްގެ މަންމަ އަށް މިއަދު މާ ގިނަ ވާހަކައެއް ނުދެއްކުނެވެ. އެންމެ ފަހުން ބުނެލެވުނީ މިހެންނެވެ؛ "ވަރަށް ބޮޑަށް އުފާވެއްޖެ!"

ފެނަކަ އިން އުފާވެރިކަން ގެނެސްދީފައިވަނީ ހަމައެކަނި މި އާއިލާއަކަށް ނޫނެވެ. މިފަދަ އެތައް އާއިލާއަކަށް އުއްމީދާއި އަލިކަން ވަނީ ގެނެސްދީފަ އެވެ. ހަށިގަނޑުގައި ނުވަތަ ވިސްނުމުގައި ހާއްސަ ކަމެއް ހުރި ނަމަވެސް އެއްވެސް މީހަކު މުޖުތަމައުން ބާކީވެގެން ނުވާނެ އެވެ. ބާކީނުވުމަކީ އެހެން ރައްޔިތުންނެކޭ އެއްފަދަ ދިރިއުޅުމެއް އުޅެވޭނެ މަގު ތަނަވަސްވެފައި އޮތުމެވެ. އާމްދަނީ އާއި ވަޒީފާ ވެސް ލިބުމެވެ. ދިރިއުޅުމުގެ އެހެން ކަންކަން ވެސް ފުރިހަމަވުމެވެ.