11 އޮކްޓޯބަރު 2022 - 15:47 0
ރިވައިވަލް ސްޕޯޓްސް ކްލަބްގެ ޓްރެއިނިންއެއްގެ ތެރެއިން ތޯއިފް.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
11 އޮކްޓޯބަރު 2022 - 15:47 0
އިންޑިއާގައި މިއަދު ފެށި އިންފޮސީސް ފައުންޑޭޝަން އިންޑިއާ އިންޓަނޭޝަނަލް ޗެލެންޖްގެ ކޮލިފައިން ފުރަތަމަ ބުރުގައި ރާއްޖޭގެ ރިވައިވަލް ސްޕޯޓްސް ކްލަބްގެ އަހުމަދު ތޯއިފް ކުޅުނު މެޗުން މޮޅުވެ، ކޮލިފައިން ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ. .
ރިވައިވަލް އާއި ބެޑްމިންޓަން އެސޯސިއޭޝަން އަދި ކުޅިވަރާ ބެހޭ ވުޒާރާގެ އެހީތެރިކަމާ އެކު މި ވަގުތު އިންޑިއާގައި ތަމްރީން ސްކޮލަޝިޕެއް ފުރިހަމަކުރަމުން އަންނަ ތޯއިފް، އެ ޓްރެއިނިންގެ ތެރެއިން އިންޑިއާގެ ގިނަ މުބާރާތްތަކެއްގައި ވާދަކުރާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ.
އެ ގޮތުން މިއަދު ފެށި އިންފޮސީސް ފައުންޑޭޝަން އިންޑިއާ އިންޓަނޭޝަނަލް ޗެލެންޖްގައި ވާދަކޮށް މި ވަނީ ރަނގަޅު މޮޅެއް ހޯދައިފަ އެވެ. އިންޑިއާގެ ނިކިލް ޖަންގީދުއާ ވާދަކޮށް ތޯއިފް މޮޅުވީ 21-17، 21-18 އިންނެވެ. ކޮލިފައިން ދެ ވަނަ ބުރުގައި އިންޑިއާގެ އޮރިޖީތު ޗާލިހާއާ ދެކޮޅަށް ތޯއިފް މިއަދު ހަވީރު ނުކުންނާނެ އެވެ. އެ މެޗުން މޮޅުވެއްޖެނަމަ މުބާރާތުގެ މެއިން ޑްރޯ އަށް ކޮލިފައިވާނެ އެވެ.
ތޯއިފް ހިމެނޭ ގޮތަށް ރިވައިވަލްގެ ޓީމު ވަނީ މިދިޔަ މަހު އިންޑިއާގެ މުމްބާއީގައި ކުރިއަށްދިޔަ މަހަރާޝްތުރާ ޗެލެންޖްގައި ކުޅެފަ އެވެ.
މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި ތޯއިފް، ވަނީ މީގެ ކުރިން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށް ކާމިޔާބު ވެސް ހޯދައިފަ އެވެ. ތޯއިފް އެންމެ ފުރަތަމަ ރާއްޖޭގައި ގައުމީ ފައިނަލެއްގައި ކުޅުނީ 2015 ވަނަ އަަހަރު އެވެ. އެ ފަަހަރު ފައިނަލުގައި މުހައްމަދު އަޖުފާން އަތުން ވީ ބައްޔެވެ. އެކަމަކު، މިދިޔަ އަހަރުގެ ފައިނަލުގައި ނިބާލް އަހުމަދު އަތުން މޮޅުވެ، ތޯއިފް ވަނީ ގައުމީ ޗެމްޕިއަނަކަށް ވުމުގެ ޝަރަފް ހޯދައިފަ އެވެ.
ތޯއިފް އިންޑިއާގައި ޓްރެއިނިން ހަދަމުން އަންނައިރު، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ޓްރެއިނިން ސްކޮލަޝިޕެއްގެ ތެރެއިން ނިބާލް ވެސް ތަމްރީން ހަދަމުން އަންނަނީ ރާއްޖޭން ބޭރުގަ އެވެ.
Comment