11 އޮކްޓޯބަރު 2022 - 15:30 0
މުހައްމަދު އުޝާމް
މީގެ ހަތަރު އަހަރު ކުރިން މަރާލި ރ.މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސް: މަރުގެ ދައުވާ ކޮށްފައިވާ ކުޑަކުއްޖާގެ މައްޗަށް ހައި ކޯޓުގައި ކުށް ސާބިތުވެއްޖެ
11 އޮކްޓޯބަރު 2022 - 15:30 0
މީގެ ހަތަރު އަހަރު ކުރިން މާލޭގައި ހުންނަ ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ރ.މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލާގައި ދައުވާކޮށްފައިވާ 17 އަހަރުގެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ.
އަނަސް މަރާލި ކަމަށް އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ޖުވެނައިލް ކޯޓުން ނިންމާފައިވާ ނިންމުން ހައި ކޯޓުން ބާތިލްކޮށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ އެ ކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުންނެވެ.
ނަމަވެސް މި ހުކުމް އަދި ހައި ކޯޓުގެ ވެބްސައިޓްގައި ޝާއިއުކޮށްފައި ނެތުމުން އޭގެ ތަފުސީލެއް ނޭނގެ އެވެ. އަދި ކުށްކުރިއިރު 18 އަހަރު ފުރިފައިނުވާތީ، ކުޑަކުދިންގެ ގޮތުގައި ތިބެ ކުށްކުރާ މީހުންގެ މައުލޫމާތު އާންމުކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމަކަށް ވާތީ އޭނާގެ މައުލޫމާތު ވެސް ހާމައެއް ނުކުރެ އެވެ.
ދެހާސްސަތާރަ ވަނަ އަހަރު ހިނގި މި ހާދިސާއާއި ގުޅިގެން، 17 އަހަރުގެ ކުޑަކުއްޖާގެ އިތުރަށް ހަތް މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވެ އެވެ. ހަތް މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަ ދެ އެވެ.
މި މައްސަލައިގައި އަނަސްއަށް ހަމަލާދިނުމުގައި އަމަލީގޮތުން ބައިވެރިވިކަމުގެ ދައުވާ ކޮށްފައިވާ ތިން މީހުންނަކީ ޅ. ކުރެންދޫ އަސުރުމާގޭ އަހްމަދު ޒަޔާނާއި، މ. ދިމިޝްގުގޭ އުސްމާން ޝަރީފް އަދި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާ އެވެ.
ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ ހަތަރު މީހުންނަކީ ޖުނައިހު އާއި، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި، ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒާއި، ދަފްތަރު ނަންބަރު 1746، ސިމާހް މޫސާ އެވެ.
މާސްކު އަޅައިގެން ތިބި ގްރޫޕަކުން އަނަސް ފަހާ ދުވެ، އޭނާ ލިޓަސް ސާވިސް ސެންޓަރަށް ވަނުމާއެކު، ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރާތަނުގެ ވީޑިއޯއެއް އާންމުވެފައިވެ އެވެ.
Comment