Advertisement

އެމްއެންޔޫގެ ބުކް ރައިޓިން ގްރާންޓަކީ ބޮޑުހިލަ ބަނދަރަކަށްވުރެ ބޮޑު މަޝްރޫއެެއް: ނަޝީދު

11 އޮކްޓޯބަރު 2022 - 13:45 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ނަޝީދު : ވިދާޅުވީ އެމްއެންޔޫގެ ބުކް ރައިޓިން ގްރާންޓަކީ ބޮޑުހިލަ ބަނދަރަކަށްވުރެ ބޮޑު މަޝްރޫއެއް ކަމަށް -- ފޮޓޯ: މަޖިލީސް އިދާރާ


އެމްއެންޔޫގެ ބުކް ރައިޓިން ގްރާންޓަކީ ބޮޑުހިލަ ބަނދަރަކަށްވުރެ ބޮޑު މަޝްރޫއެެއް: ނަޝީދު

11 އޮކްޓޯބަރު 2022 - 13:45 0

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ބުކް ރައިޓިން ގްރާންޓަކީ ބޮޑުހިލަ ބަނދަރަކަށްވުރެ ބޮޑު މަޝްރޫއުއެއްގެ ގޮތުގައި ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވައިފި އެވެ.

އެމްއެންޔޫ ބުކް ރައިޓިން ގްރާންޓުގެ ދަށުން ލިޔެނު ފުރަތަމަ ދެ ފޮތް ނެރެދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ 200 ސަފުހާގެ ފޮތެއް ޗާޕުކުރުމަށް ގާތްގަނޑަކަށް 100 އަށްވުރެ ގިނަ ރުފިޔާ ހަރަދުވާ ކަމަށާއި އޭގެ އިތުރުން އެތައް ހަރަދެއް އޭގެ ތެރެއަށް ވަދެފައި 200ރ. އަށް އެ ފޮތް ވިއްކަން ނުބެހެއްޓޭ ކަމަށެވެ. ސަބަބަކީ 200ރ. އަކީ ބޮޑު އަގަކަށް ވެގެން ދިޔުން ކަމަށް ވެސް ވިދާޅުވި އެވެ.

"އެމްއެންޔޫގެ ގްރާންޓުން މިކަމަށް [ފޮތް ޗާޕުކުރުމަށް] ހޭދަކުރެވޭ ކަމީ އަޅުގަނޑު ދަންނަވާނީ ބޮޑުހިލަ ބަނދަރަށްވުރެ މާބޮޑު މަޝްރޫއެއް.. ބޮޑުހިލަ ބަނދަރަކަށް އެބަދޭ 50 މިލިއަން ރުފިޔާ މިކަމަށް މިދަނީ އެއް މިލިއަން.. ބޮޑު ހިލަ ބަނދަރެއް އަޅުގަނޑުމެން އެބަ ހަދާ 27 މީހުން ދިރިއުޅޭ ރަށެއްގަވެސް، މިއީ އެކަމަކު ދިވެހިރާއްޖޭގެ މުޅި އުންމަތް ވާހަކަ ދައްކާ ބަސް، އަދި އަޅުގަނޑުމެން މުއާމަލާތްކުރާވެސް ބަސް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އެމްއެންޔޫއިން ފޮތުގެ މަސައްކަތް މިވަގުތު ހިންގާކަމީ ގައުމު ބިނާކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ރާއްޖެއަކީ ފޮތުގެ މާބޮޑު ސަގާފަތެއް އޮތް ގައުމެއް ނޫން ކަމަށާއި ފޮތް ކިޔުމާއި، ފޮތް ލިޔުމާއި، ފޮތް ވިއްކުން މަނާ ދުވަސްވަރެއްވެސް ހިނގާދިޔަ ކަމަށް ވިދާޅުވި އެވެ.

"އެމްއެންޔޫ އިން ފޮތްތައް ތައްޔާރުކުރަމުން ގެންދާކަމީ އަދި ފޮތުގެ މަސައްކަތަށް އެހީތެރިވަމުންދާކަމީ އެއީ ވަރަށްބޮޑު ނިއުމަތެއް އަދި މި މަސައްކަތަށް ލިބޭ ވަރަށްބޮޑު އެއްބާރުލުމެއް،" ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ ނަޝީދު ވިދާޅުވި އެވެ.

އެމްއެންޔޫ ގްރާންޓުގެ ދަށުން ފުރަތަމަ ނެރުނު ދެ ފޮތަކީ ކުޑަކުދިންގެ ދެ ފޮތް ކަމަށްވާ "ވެލާ ފިނޮޅު" އަދި ދަރުމަވެރި ރުއް" މި ދެ ފޮތެވެ. މި ދެ ފޮތަކީވެސް ލީލާ އަހުމަދު ލިޔުއްވާފައިވާ ދެ ފޮތެވެ.

އެމްއެންޔޫއިން ކުރިއަށްގެންދާ ބުކް ރައިޓިން ގްރާންޓަކީ އެ ޔުނިވާސިޓީގެ ދަރިވަރުން އަދި މުވައްޒަފުންނަށް ހުޅުވާލައިގެން ގެންދާ ޕްރޮގްރާމެކެވެ. އެގޮތުން މިހާތަނަށް އެ ޕްރޮގްރާމްގެ ދަށުން މިއަދު ނެރުނު ދެ ފޮތް ހިމެނޭހެން ޖުމްލަ 14 ފޮތެއް ނެރުމަށް ނިންމާފައިވާކަމަށް އެމްއެންޔޫ އިން ވަނީ މައުލޫމާތު ދީފަ އެވެ.