11 އޮކްޓޯބަރު 2022 - 09:14 0
މުހައްމަދު ވިޝާމް
ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ހިންގާ އިމާރާތުގެ އެތެރޭގައި އެ އިދާރާގެ މުވައްޒަފެއް މަޑުކޮށްލައިގެން. -ފައިލް ފޮޓޯ: އަދަދު
11 އޮކްޓޯބަރު 2022 - 09:14 0
މިދިޔަ މަހު ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 1.41 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް އެ އިދާރާއިން ބުނެފި އެވެ.
މީރާއިން ބުނީ މިދިޔަ މަހު ބަލައިގަތް އާމްދަނީ އަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 29 ޕަސަންޓު ދަށް އަދަދެއް ނަމަވެސް މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 11 ޕަަސަންޓު އިތުރު އަދަދެއް ކަމަށެވެ.
މީރާއިން އިތުރަށް ބުނީ ސެޕްޓެމްބަރު، 2021 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހު ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ އިންކަމް ޓެކްސް އަދި ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވުން ކަމަށެވެ.
މީގެ ސަބަބަކީ، 2021 ވަނަ އަހަރުގެ އިންކަމް ޓެކްސްގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާދެއްކުމުގެ ސުންގަޑި ސެޕްޓެމްބަރު، 2021 އަށް ފަސްކޮށްފައިވުން ކަމަށާއި މިއަހަރުގެ އިންކަމް ޓެކްސްގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި އައިސްފައިވަނީ ޖުލައި 31، 2022 ގައި ކަމަށް މީރާ އިން ބުންޏެވެ.
މީގެ އިތުރުން، މިދިޔަ މަހު ލިބިފައިވާ އާމްދަނީ ދަށްވުމުގެ އަނެއް ސަބަބަކީ، 2022 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ ޓޫރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކަށް ދިމާވުމުގެ ސަބަބުން، އޮކްޓޯބަރު މަހަށް ސުންގަޑި ފަސްވުމުން ކަމުގައި މީރާއިން ބުނެފައިވެ އެވެ.
މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވެފައިވަނީ ނަން-ރެޒިޑެންޓް ވިތުހޯލްޑިންގް ޓެކްސް، ކޯޕޮރޭޓް އިންކަމް ޓެކްސް އަދި ޖީއެސްޓީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް ވުރެ ލިބިފައިވާ އާމްދަނީ އިތުރުވުމުން ކަމަށް ބުންޏެވެ.
މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 45.6 ޕަސަންޓު ނުވަތަ 640.93 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓްއިންނެވެ. އެއީ 21.2 ޕަސަންޓު ނުވަތަ 297.63 މިލިއަން ރުފިޔާ އެވެ. \
މީގެ އިތުރުން، އިންކަމް ޓެކްސްގެ ގޮތުގައި 149.30 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 77.69 މިލިއަން ރުފިޔާ އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 66.26 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 174.84 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
މިދިޔަ މަހު މީރާއަށް ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 59.12 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment