11 އޮކްޓޯބަރު 2022 - 14:45 4
ފާތިމަތު އަޖްފާން
އަންހެން ކުއްޖަކު އުނދޯއްޔެއްގައި އިށީންދެލައިގެން ފިރިހެން ކުދިންތަކެއް ކުޅޭތަން ބަލަނީ؛ މި މުޖުތަމައުގައި އަދިވެސް ތަފާތުކުރުން ގެންގުޅޭ-- ފޮޓޯ: އާއިމް ޒަމީރު
11 އޮކްޓޯބަރު 2022 - 14:45 4
"އަންހެން ކުއްޖެއްތަ؟... ތިއަށްވުރެ މާ ރަނގަޅުވާނެ ތި ކުއްޖާ މަރުވިޔަސް."
ދިހަ އަހަރުގެ އުއްމީދީ އިންތިޒާރަކަށްފަހު އަލަތު ދަރިފުޅު އުރަށް ލިބުނު ވަގުތު ވަސީމްގެ (އަސްލު ނަމެއް ނޫން) ކަންފަތުގައި ޖެހުނީ މި އަޑެވެ. އެވެސް އޭނާގެ އަމިއްލަ މަންމަގެ ދުލުންނެވެ.
ހަޔާތުގެ އެންމެ އުފާވެރި އެ ވަގުތުކޮޅު މަންމަގެ އެ ރަހުމްކުޑަ ބަސްތަކާ އެކު ވަސީމްގެ ބަޑި ފަޅައިގެން ދިޔަ އެވެ. އުރުގައި އޮތް ތުއްތު ކުއްޖާގެ މާމަގެ އެ ވިސްނުމާ މެދު ހިތާމަކުރި އެވެ.
ވަކި ޖިންސެއްގެ ކުއްޖެއް ހޯދުމުގެ ވިސްނުމަކީ, ދަރިއެއްގެ ނިއުމަތަށް އެދިއެދި ތިބި ވަސީމްގެ ދެމަފިރިން ވިސްނި ވެސް ކަމެއް ނޫނެވެ. އެންމެ ކުޑަމިނުން ސްކޭންކޮށްގެން ވެސް ކުއްޖާގެ ޖިންސެއް އެ ދެމަފިރިން ނުބަލަ އެވެ.
އެކަމަކު, އޭރު ވެސް ވަސީމްގެ މައިންބަފައިން އެކަމާ އާދޭހުގެ ޝަކުވާތައް ބަންނަމުންދިޔަ އެވެ.
އަހަރެމެން ކިތަންމެ ކުރިއަރައި ތަރައްގީވެފައި ތިއްބަސް, މިއީ އަދިވެސް މި ފަސްގަނޑުގައި އޮތް އާދައެކެވެ. ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސް (ސީއެފްޕީއެސް)ގެ ތަފާސްހިސާބުތައް މިކަމަށް ހެކިދެ އެވެ; ވަކި ޖިންސަކަށްވީތީ އާއިލާތަކުގައި ތަފާތު ކުރާ މައްސަލަތައް އިންތިހާ އެވެ. އަންހެން ކުއްޖަކަށްވުމަށް އޮންނަ ތަފާތުކުރުމާއި އަޅާނުލުމާއި ބާކީކުރުމާއި ދަށްކޮށްލުމެވެ.
ސީއެފްޕީއެސްގެ ތަފާސްހިސާބަށް ބަލާއިރު، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެކަނި ވެސް އަންހެން ކުދިންނަށް ކުރާ އަނިޔާގެ 543 މައްސަލަ ހުށަހަޅާފައިވެ އެވެ. އަދި އަންހެން ކުދިންގެ ހައްގުތަކާ ގުޅުންހުރި 22 މައްސަލަ ހުށަހަޅާފައިވެ އެވެ.
އަޅާނުލުމާއި ތަފާތުކުރުމުގެ ވިހަ އާދަތަކަކީ އަންހެން ކުދިން ޅަ އުމުރުން ފެށިގެން ކޮށްޓެއް ތެރެއަށް ވައްޓާލައި އެ ކުދިންގެ ހެދިބޮޑުވުމުގައި އެތައް އަސަރެއް ކުރުވާ ކަމެކެވެ. ފުރާވަރަށް އަރަމުން އަންނައިރު ދިމާވާ ނަފްސާނީ, ޖިސްމާނީ ބަދަލުތަކާ އެކު އިތުރަށް މާޔޫސްކޮށްލާ އިހުމާލެކެވެ.
ޒަމާނުންސުރެ އޮތް އެ މާޔޫސްކަމާ މިހާރު އުމުރުން 18 އަހަރުވެފައި ހުރި ވަސީމްގެ އަންހެން ދަރިފުޅަށް ކުރިމަތިލާން ޖެހުނީ އާއިލާ ތެރޭންނެވެ.
"ގޭ ތެރޭގައި އުޅޭއިރު ދެން ތިބި ފިރިހިން މާމަ/ކާފަ ދަރިންނާއި އަހަރެންގެ އަންހެން ދަރިފުޅާ ވަރަށް ތަފާތު ކުރުން ގެންގުޅޭ, އެކަމާ ވިސްނައި ވެސް ދެން," ވަސީމް, މި ނޫހަށް ބުންޏެވެ.
އެކަމަކު, ވަސީމް އޭނާގެ އަންހެން ދަރިފުޅަށް ވިސްނައި ދެނީ އޭގެ އިދިކޮޅެވެ. އަސްލު އޮތް ގޮތެވެ.
"ވިސްނައިދެން... އަންހެން ކުއްޖަކަށް ވަކި މާ ބޮޑު ތަފާތެއް ނުހުންނާނެކަން. ކެރިގެން ކުރިމަތިލާންކަން ޖެހޭނީ."
ވަސީމްގެ އެ ވިސްނުމާއި ފިކުރު ދަރިފުޅަށް ކިތަންމެ ވަރަކަށް ކިޔައިދިނަސް, ގޮންޖެހުމަކަށް އޮތީ އާއިލާ ތެރޭން ފެށިގެން މުޖުތަމައުގެ ތެރެއަށް ފޭދިފައި އޮތް ވިހަ އާދަ އެވެ.
"އަޅުގަނޑު އެކަނި ވިސްނައި ދިނަސް މުޖުތަމައު އެގޮތަށް ނުދެކެންޏާ ވަރަށް އުނދަގުވާނެ ނޫންތޯ ބަދަލު ކުރަން،" ވަސީމް ބުންޏެވެ.
މުޖުތަމައު އޮންނަނީ އަންހެން ކުއްޖަކަށްވީތީ ހައްދުތަކެއް ކަނޑައަޅާފަ އެވެ. ނުކުރެވޭނެ ކަންކަމާއި ކުރެވޭނެ ކަންކަމުގެ ރޮނގުތައް ކުރަހާފަ އެވެ. އެ ރޮނގުތައް ހުރަސް ނުކުރުމަށް މަޖުބޫރުކޮށްފަ އެވެ.
ކާން މޭޒުމައްޗަށް ނަގައި, ތައްޓަށް އަޅައިދީ, މޮޑެދީ, ސަމްސާ ލައިދިނުމުން ނޫނީ ނުކެވޭ ފިރިހެން ކުދިން ނޫނީ މީހުން އުޅޭ ކަމަށް ބުނުމުން, އެކަމާ ހައިރާންވާކަށް ނުޖެހެ އެވެ. އެއީ, އަންހެން ކުދިންނާ މެދު އޮތް ބޭއިންސާފާއި ދިވެހީންގެ ޒަމާންވީ, ބަދަލުނުވި އާދަ އެވެ.
ގޭތެރޭގައި ކުރާ މަސައްކަތް އެކަންޏެއް ނޫނެވެ; އަންހެން ކުއްޖަކަށްވުމުން ހުންނަން ޖެހޭނެ ސިފަތަކާއި ފިރެހެނަކަށް ވުމުން ހުންނަ ޖެހޭނެ ސިފަތައް ވެސް މި މުޖުތަމައުގައި ވަނީ ކަނޑައަޅާފަ އެވެ.
މިއީ 21 ވަނަ ގަރުނޭ ބުންޏަސް ދިވެހިންގެ ތެރޭ އެކަން އަދިވެސް ބޮޑެވެ.
ބަދަލު ގެންނަން ބަޔަކު މަސައްކަތް ކުރިޔަސް, "ޖެންޑާ ސްޓީރިއޯޓައިޕިން" ދިވެހިންގެ ތެރެއަކުން ފިލައިނުދެ އެވެ. އެކަންކަން ބަދަލު ކުރަން ޒުވާން މައިންބަފައިން މަސައްކަތް ކުރާ ނަމަވެސް, އެއް ދުވަހަކުން ބަދަލުވާނެ ކަމެއް ވެސް ނޫނެވެ.
ޗައިލްޑް ފެމިލީ އެންޑް ޕްރޮޓެކްޝަން ސާވިސާސްގެ ސައިކޮލަޖިސްޓް މަރިޔަމް ޝަހުނާ ވިދާޅުވި ގޮތުގައި ދިވެހިންގެ ގެތަކުގެ މާހައުލު އޮންނަނީ މާ ކުރިން ފެށިގެން ވަކި ގޮތަކަށް ކަންކަން ކަނޑައެޅިފަ އެވެ. އެއީ, އަންހެން އަދި ފިރިހެން ތަފާތުކުރުން އޮންނަ ކަނޑައެޅުންތަކެވެ. އެ ކަންކަން ބަދަލުކޮށް ހަމަހަމަ ކަނޑައެޅުންތަކެއް ގެންނަން ޝަހުނާ ބާރުއަޅުއްވަ އެވެ.
"އީކުއަލް އޮޕޮޗުނިޓީ ދޭން ޖެހޭނެ. އަންހެން ވެސް ފިރިހެން ވެސް. އެއީ މިސާލަކަށް ކިޔެވުމުގައި އަންހެން ކުދިންނާއި ފިރިހެން ކުދިންނާ ތަފާތުކޮށްގެން ނުވާނޭ. އަންހެނުންނާއި ފިރިހެނުންނަކީ އެއްގޮތް ވާނެ ބައެއް ނޫން. ނަމަވެސް ބައެއް ކަންކަމުގަ އެއް ހަމައެއް ގެންގުޅެވިދާނެ،" އޭނާ ވިދާޅުވި އެވެ.
ޝަހުނާ ވިދާޅުވި ގޮތުގައި ދިވެހިންގެ ވިސްނުމާއި އެހެން ވެސް ގޮތްގޮތުން އަންނަ ކުރިއެރުންތަކާ އެކު މިހާރު ބައެއް ކަންކަން ބަދަލުވާން ފަށާފައިވާ ކަމާއި އެކަމަކު އެކަން ފެންނަން ދުވަސް ނަގާނެ އެވެ.
"އެއީ މިސާލަކަށް އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް އެ ހަމަހަމަކަން ދީފަ ހުންނަ ގެއަކާއި ތަފާތު ކުރާ ގެއެއްގަ ބޮޑުވާ ކުދިން ވަރަށް ތަފާތު ވާނެ. އެ ކުދިން ދެކޭ ގޮތާއި ވިސްނުން ވަރަށް ތަފާތު ވާނެ. އެ ކުއްޖާ ބޮޑުވެގެން އައިސް ދެން އަންނަ ޖެނެރޭޝަންގަ ކަންތައް ކުރާ ގޮތްވެސް ތަފާތު ވާނެ،" އޭނާ ވިދާޅުވި އެވެ.
ހަ އަހަރުގެ މިއުއާންގެ މަންމަ އުންމުކުލްސޫމް ގަބޫލުކުރާ ގޮތުގައި ދިރިއުޅުމުގެ ހުނަރުތަކާއި އާދަތައް އެ ކުއްޖަކަށް ދަސްކޮށްދީ, ހަމަހަމަ ފުރުސަތުތަކެއް ދޭން ޖެހެނީ ވަކި ޖިންސަކަށް ބެލުމެއް ނެތި އެވެ.
"އަންހެން ކުއްޖަކަށް ވިޔަސް ފިރިހެން ކުއްޖަކަށް ވިޔަސް ވަކި ތަފާތު ވެގެން ނުވާނެ. ގޭގަ މީހަކު ނެތިއްޔާ އެކަނި އެ ކަންކަން ކޮށްލެވެން ވާނެ. އަޅުގަނޑުގެ ހަ އަހަރުގެ ފިރިހެން ދަރިފުޅަށް މިހާރު ދަސްކޮށްދެނީ ރޮށި ފިހަން. އެއީ އަބަދު ކައްކާކަން ނޫން. މީހަކު ނެތިއްޔާ އެކަން ވެސް ކޮށްލެވިދާނެ އެސޮރަށް. ނުކައި ނުބޮއެ ހުންނާކަށް ނުޖެހޭނެ، އެހެންވެ ދަސްކޮށްދެނީ،" އޭނާ ބުންޏެވެ.
އެކަމަކު, 10 އަހަރުގެ އާދިލްގެ މަންމަ މޫނިސާގެ ހިޔާލު ބޮޑުކޮށް ތަފާތެވެ.
"މިހާރު 10 އަހަރު އާދިލްއަށް މި ވަނީ. އަދި ނުޖައްސަން އެއްވެސް ކަމެއް. ކައިފަ ތަށިވެސް ދޮންނަން ނުޖައްސަން. އެކަމަކު މިގޭގަ އަންހެން ކުއްޖެއް ވެއްޖާ 10 އަހަރު ވާއިރު އަމިއްލައަށް ތަށި ދޮންނާނީ، ކާން ވެސް ހަދާދޭނެ ގޭ މީހުންނަށް. ރޮށި ފިހަން އެނގޭނެ،" އޭނާ ބުންޏެވެ.
މިފަދަ ތަފާތުތައް އެކި ގޭގައި ހުރިއިރު ދިރާސާ ކުރާ މީހުން ބުނާ ގޮތުން ނަމަ ކުއްޖާ ހެދިބޮޑުވަމުން އައިސް ފުރާވަރަށް އެޅޭ ދުވަސްވަރަކީ އެ ކުއްޖާ އުމުރުގެ އެންމެ މުހިންމު ދުވަސްތަކެވެ. އެހެންކަމުން އެ ދުވަސްތަކުގައި ކުއްޖާއަށް ދަސްކޮށްދީފައި ހުންނަ ކަންކަމާއި ކުއްޖާއަށް ބުނެދީފައި ހުންނަ ކަންކަމުގެ އަސަރު ފަހުން ކުރެ އެވެ. އެއީ އަންހެން ކުއްޖަކަސް ފިރެހެން ކުއްޖަކަސް, ހަމަ އެފަދަ އެވެ.
އެހެން ވަނީ އިންސާނާއަށް އަންނަ ނިއުރޯޑިވެލޮޕްމެންޓަލް އަދި ހޯމޯނަލް ބަދަލުތަކެއްގެ ސަބަބުން ކަމަށް ދިރާސާވެރީން ބުނެ އެވެ.
ތަހުޒީބީ މުޖުތަމައެއްގެ ގޮތުގައި ކުރިއެރުމަށްޓަކައި ޖިންސުގެ ތަފާތުކުރުންތައް ނައްތާލައި، މިންތީގެ ހަމަހަމަކަން ގާއިމުކުރުމަކީ މުހިންމު ކަމެކެވެ. ނަމަވެސް, ވަސީމް ބުނާ ފަދައިން މުޖުތަމައުގެ ތެރޭން އެ ވިހަ ނައްތާލުމަށް އެންމެން މަސައްކަތްނުކޮށްފިނަމަ, ކޮންމެ ވެސް ގެއެއްގެ ތެރޭ އެއްކަލަ ކޮށީގެ ތެރޭ ކޮންމެ ވެސް އަންހެން ކުއްޖަކު ބަންދުވެފައި ހުންނާނެ އެވެ.
ބޭނުން ވަނީ އެ ކޮއްޓާއި އެ ހައްދާއި ރޮނގުތައް އެންމެން އެކީ ނައްތާލުމެވެ.
Comment