Advertisement

ކަނޑަށް ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރިއަށް

9 އޮކްޓޯބަރު 2022 - 19:30 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

އއ. އަތޮޅުން ލޯންޗެއް ބަންޑުން ޖަހާލައި، ގެއްލުނު މީހާ ހޯދުމަށް މިހާތަނަށް 87.6 ސްކޮޔާ މޭލުގެ ސަރަހަދެއް ބަލައިފި-- ފޮޓޯ: ފުލުހުން


ކަނޑަށް ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރިއަށް

9 އޮކްޓޯބަރު 2022 - 19:30 0

އއ. އަތޮޅުން ލޯންޗެއް ބަންޑުން ޖަހާލައި، އެ ލޯންޗުން ދަތުކުރި މީހަކު ގެއްލިފައިވާތީ އެ މީހާ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 87.6 އަކަމޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ، ހޯދަމުން ދަނީ އުމުރުން 28 އަހަރުގެ ސ.ހިތަދޫ، މިންހާ, މުހައްމަދު މިންހާޖު ކަމަށެވެ. އަދި, އެންމެ ފަހުން އޭނާ ލައިގެން ހުރީ އަޅި ކުލައިގެ އަތް ދިގު ޓީޝާޓަކާއި ނޫކުލައިގެ ޖިންސެއް ކަމަށް ބުނެފައިވެ އެވެ.

މިންހާޖު ގެއްލުނީ މި މަހުގެ ފަސް ވަނަ ދުވަހު މާލެއިން ފުރައިގެން އއ. އުކުޅަހަށް ދަތުރުކުރަނިކޮށް ލޯންޗު ބަންޑުން ޖަހާލައިގެން ކަމަށް ބުނެ އެވެ.

އޭނާއާ އެކު ދެން އެ ލޯންޗުން ދަތުރުކުރި ކ. ގާފަރަށް ނިސްބަތްވާ މީހާ ވަނީ ލޯންޗު ފެނުނު މާޅޮހާއި ކައިރީގައި އޮންނަ ފެރިދޫ ފުއްޓަރު ފަރާތުން ފެނިފަ އެވެ. އާއިލާގެ އެދުމުގެ މަތިން އޭނާ މާލެ ގެނެސް އައިޖީއެމްއެޗުގައި މިހާރު އަންނަނީ ފަރުވާދެމުންނެވެ.

ފުލުހުން ބުނީ މިންހާޖު ހޯދުމަށް މިހާރު ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ތެރެއިން އދ. ހަންޏާމީދޫގެ ދެކުނު ކަނޑުއޮޅިން (އދ. އަތޮޅު އިރުމަތި) ފެށިގެން އަތޮޅުގެ ހުޅަނގަށް ވާގޮތަށް 87.6 އަކަމޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

އަދި އއ. މާޅޮހު ފަޅުގައި އޮތް، ބަންޑުންޖަހާލި ލޯންޗު މިއަދު މެންދުރު ވަނީ ކަފުޖަހައިގެން ހިމަންދޫއަށް ގެންގޮސްފައި ކަމަށްވެސް ފުލުހުން ބުންޏެވެ.

ލޯންޗުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާއިރު، މި މަސައްކަތުގައި ފުލުހުންނާއި ކޯސްޓުގާޑުންދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މާދަމާ ފެރިދޫގެ ހުޅަނގު ފުއްޓަރުފަރާތުގެ ކަނޑުގެ ސަރަހައްދު، ޑައިވްކޮށްގެން ބެލުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ލޯންޗު ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން އިތުރަށް އެއްކުރަންޖެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު، މި ހާދިސާގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް މައުލޫމާތު ލިބެ އެވެ.

ނަމަވެސް މިކަމާ ގުޅިގެން އެއްވެސް އިދާރާއަކުން ބަހެއް ނުބުނެ އެވެ.