Advertisement

އިންޑިއާ ފުޓްބޯޅައިގެ ހާއްސަ މުބާރާތެއްގެ ދެ ވަނަ ބުރު ސައުދީގައި ކުޅެނީ

8 އޮކްޓޯބަރު 2022 - 07:29 0

އެންމެ ފަހުން ބޭއްވި ސަންތޯޝް ޓްރޮފީ ފައިނަލް މެޗަށް ފަހު.-- ފޮޓޯ: އޭއައިއެފްއެފް


އިންޑިއާ ފުޓްބޯޅައިގެ ހާއްސަ މުބާރާތެއްގެ ދެ ވަނަ ބުރު ސައުދީގައި ކުޅެނީ

8 އޮކްޓޯބަރު 2022 - 07:29 0

ރިޔާދު، ސައުދީ އަރަބިއްޔާ (އޮކްޓޫބަރު 8) - އިންޑިއާ ފުޓްބޯޅައިގެ ތާރީހީ މުބާރާތެއް ކަމަށްވާ ސަންތޯޝް ޓްރޮފީގެ ދެ ވަނަ ބުރުގެ މެޗުތައް އަންނަ އަހަރު ސައުދީ އަރަބިއްޔާގައި ކުޅޭ ގޮތަށް އެއްބަސްވެއްޖެ އެވެ.

މިއީ އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އާއި ސައުދީ ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ދާދި ފަހުން ސޮއިކުރި އެއްބަސްވުމެއްގެ ތެރެއިން ހަމަޖެހިގެންދިޔަ ކަމެކެވެ.

އޭއައިއެފްއެފްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ދާދި ފަހުން އިންތިހާބުވި ރައީސް ކަލްޔާން ޗޯބޭ އެވެ. އަދި ސައުދީގެ ފަރާތުން ސޮއިކުރެއްވީ ސާފްގެ ރައީސް ޔާސިރު އަލް މިޝާލް އެވެ.

އޭއެއައިއެފްއެފްގެ ރައީސް ޗޯބޭ (ވ). އާއި ސައުދީ ފުޓްބޯޅަ ރައީސް ޔާސިރު އަލް މިޝާލް.


އެ ގޮތުން އަންނަ އަހަރު އިންޑިއާގެ ސަންތޯޝް ޓްރޮފީގެ ނޮކައުޓް ބުރުގެ މެޗުތައް ފެބްރުއަރީ މަހު ސައުދީ އަރަބިއްޔާގެ އެކި ސިޓީތަކުގައި ހޯސްޓް ކުރަން އެއްބަސްވުމުގައި ހިމެނީ، އިންޑިއާ ފުޓްބޯޅައިގެ ސްޓޭޓް ލެވަލްގެ ފޯރި އޮތް ހިސާބު އެހެން ގައުމެއްގައި ދައްކާލުމުގެ ބޭނުމުގަ އެވެ. ސަންތޯޝް ޓްރޮފީ އަކީ އިންޑިއާގެ ސްޓޭޓްތަކުގެ މެދުގައި ފުޓްބޯޅަ ވާދަވެރިކަން އެންމެ ބޮޑަށް ފެނިގެންދާ މުބާރާތެވެ.

މީގެ 81 އަހަރު ކުރިން، 1941 ވަނަ އަހަރު ފެށި، ސަންތޯޝް ޓްރޮފީ ފުޓްބޯޅަ މުބާރާތް، ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ތިން އަހަރު ވަންދެން، ޒުވާން ކުޅުންތެރިންނަށް ހާއްސަކޮށްގެން، 23 އަހަރުން ދަށަށް ވެސް ބޭއްވި އެވެ.

އެކަމަކު، ފަހުން ސީނިއާ ފުޓްބޯޅަ އަށް ހާއްސަ މުބާރާތެއްގެ ގޮތުގައި އޮތްއިރު، މިއީ އިންޑިއާ ފުޓްބޯޅަ އަށް އާ ކުޅުންތެރިން ނެރެދޭ ޕްލެޓްފޯމެއްގެ ގޮތުގައި ވެސް މަޝްހޫރުވެފައި އޮންނަ މުބާރާތެވެ. އާ ކުޅުންތެރިންނަށް ފުރުސަތު ލިބޭ އެންމެ ބޮޑު ސަބަބަކީ އިންޑިއާގެ ގިނަ ކްލަބްތަކުގެ ކޮންޓްރެކްޓްގައި ތިބޭ ކުޅުންތެރިންނަށް ސިޓީގެ ޓީމަށް ކުޅެން ފުރުސަތު ނުލިބޭތީ އެވެ.

އެންމެ ފަހުން ސަންތޯޝް ޓްރޮފީ އުފުލާލީ ވެސްޓް ބެންގާލް ޕެނަލްޓީ ޖަހައިގެން ބަލިކޮށް ކެރަލާ އެވެ.

ސައުދީ އާއި އިންޑިއާ އިން ފުޓްބޯޅައިގެ ތެރެއިން މި ބަދަހި ކުރި ގުޅުމުގެ ތެރެއިން ދެ ގައުމަށް ވެސް ފައިދާތަކެއް ކުރާނެ އެވެ. އެ ގޮތުން، މި އެއްބަސްވުމުގެ ތެރެއިން ފުޓްބޯޅައިގައި ބަދަލުވަމުން އަންނަ ޓެކްނޮލޮޖީގެ ކަންކަމުގައި ދެ ގައުމުން އެއް ގައުމު އަނެއް ގައުމަށް ސަޕޯޓްދޭން ނިންމާފައިވާއިރު، ޓެކްނިކަލީ ދެ ގައުމުގެ ފުޓްބޯޅައިގައި ހުރި ކަންކަން ރަނގަޅުކުރަން އެކީގައި މަސައްކަތް ކުރާނެ އެވެ.

މީގެ އިތުރުން ދެ ގައުމުގެ ޔޫތު ފުޓްބޯޅައިގެ ލެވަލް (އަންހެން އަދި ފިިރިހެން ފުޓްބޯޅަ ހިމެނޭހެން) ތަރައްގީ ކުރަން އެކުގައި މަސައްކަތް ކުރަން ވަނީ އެއްބަސްވެފަ އެވެ.