Advertisement

އިންޑިއާ ސްކޫލެއްގައި އަންހެން ދަރިވަރަކު ރޭޕްކޮށްފި

8 އޮކްޓޯބަރު 2022 - 05:58 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ތަފާސްހިސާބު ދައްކާ ގޮތުން އިންޑިއާގައި އަންހެނުންނާ ދެކޮޅަށް ހިންގާ ޖިންސީ ކުށްތައް މަދެއް ނުވޭ. -- ފޮޓޯ: ގެޓީ


އިންޑިއާ ސްކޫލެއްގައި އަންހެން ދަރިވަރަކު ރޭޕްކޮށްފި

8 އޮކްޓޯބަރު 2022 - 05:58 0

އިންޑިއާގެ ސްކޫލެއްގެ ފާހާނާ ތެރޭގައި ދެ ފިރިހެން ދަރިވަރުން އުމުރުން 11 އަހަރުގެ އަންހެން ދަރިވަރަކު ރޭޕްކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

އެ ހާދިސާ ހިނގީ މިދިޔަ ޖުލައި މަހު އެވެ. އެކަމަކު އެ ހަބަރު ފެތުރެން ފެށީ ބުރާސްފަަތި ދުވަހު ދިއްލީ ކޮމިޝަން ފޯ ވިމެން (ޑީސީޑަބްލިއު) އިން އާއްމު ކުރުމުންނެވެ.

އެ ކޮމިޝަނުން ބެލީ ރޭޕްގެ ކުށް ހިނގި އިރު، ސްކޫލުން އެއްވެސް ދައުރެއް އަދާކުރިތޯ އެވެ. ފުލުހުން މައްސަލަ ތަހުގީގު ކުރަން ފެށި ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.

ޑީސީޑަބްލިއުގެ ޗެއާޕާސަން ސްވާތީ މަލީވާލް ނެރުނު ބަޔާނެއްގައި ވިދާޅުވީ އެ ހާދިސާ ހިނގީ ވެރިރަށް ނިއު ދިއްލީގައި ހިންގާ ސަރުކާރު ސްކޫލެއްގައި ކަމަށެވެ.

އަންހެން ކުއްޖާ އެ ކޮމިޝަނަށް ކިޔައިދިން ގޮތުގައި މިދިޔަ ޖުލައި މަހު ކްލާހަށް ދިޔަ މަގުމަތީގައި އުމުރުން ދޮށީ ދެ ފިރިހެން ކުދިންގެ ގައިގައި އޭނާ ޖެހުނެވެ.

މައާފަށް އެދުނު ނަމަވެސް، އެ ފިރިހެން ކުދިން އޭނާއަށް އަނިޔާކޮށް ގަދަކަމުން ފާހާނާއަށް ވައްދައި ދޮރު ތަޅުލައި ރޭޕްކުރީ ކަމަށް އެ ކުއްޖާ ދިން ބަޔާނުގައި ބުންޏޭވެ.

އޭގެ އިތުރުން ސްކޫލްގެ ކަމާ ބެހޭ ފަރާތްތަކުން މައްސަލަ ސިއްރު ކުރަން އުޅޭ ކަމަށް ވެސް އަންހެން ކުއްޖާގެ ބަަޔާނުގައި ތުހުމަތު ކުރި އެވެ.

އެ ހާދިސާގެ ވާހަކަ ޓީޗަރަކަށް ކިޔައި ދިނުމުން، އެކަމުގައި ހިމެނޭ ދެ ފިރިހެން ކުދިން ސްކޫލުން ވަަކިކޮށްފައިވާ ކަމަށް ބުނުން ފިޔަވައި އިތުރު ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

"މި ވެރިރަށުގައި ކުޑަކުދިންނަށް ސްކޫލުތައް ވެސް ރައްކާތެރި ތަނަކަށް ނުވުމަަކީ ހިތާމަ ހުރި ކަމެއް،" މަލީވާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްކޫލްގެ ދަައުރު ތަހުގީގުކޮށް، މައްސަލަ ރިޕޯޓު ކުރުމުގައި އިހުމާލުވި ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

ސްކޫލުން ބުނީ އެ ހާދިސާގެ ވާހަކަ އަންހެން ކުއްޖާ ޕްރިންސިޕަލަށް ނާންގާ ކަމަށެވެ. އެހެން ނަމަވެސް ސްކޫލްގެ އެތެރޭގައި ތަހުގީގެއް ފަަށާފައިވާ ކަމަށް ބުންޏެވެ.