Advertisement

ސުލްހަ ދަމަހައްޓަން ހޫތީން ދެކޮޅު ހެދުމުން ރާއްޖެއިން އެކަން ކުށްވެރިކޮށްފި

7 އޮކްޓޯބަރު 2022 - 13:02 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު: ރާއްޖެއަކީ ސައުދީ ކޯލިޝަނުގައި ބައިވެރިވެފައި އޮތް ގައުމެއް -- ފޮޓޯ: އދ.


ސުލްހަ ދަމަހައްޓަން ހޫތީން ދެކޮޅު ހެދުމުން ރާއްޖެއިން އެކަން ކުށްވެރިކޮށްފި

7 އޮކްޓޯބަރު 2022 - 13:02 0

ޔަމަނުގެ ދައުލަތާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ ހޫތީ ގްރޫޕޫން، އެ ގައުމުގައި މިހާރު ގާއިމްކޮށްފައިވާ ސުލްހަ ދަހަމައްޓަން ދެކޮޅު ހެދުމުން ރާއްޖެއިން އެކަން ކުށްވެރިކޮށްފި އެވެ.

ހާރިޖީ މިނިސްޓްރީން މިއަދު ނެރެނު ބަޔާނެއްގައި ބުނީ ޔަމަނުގައި ގާއިމްކޮށްފައިވާ ސުލްހަ އުވާލުމަކީ ރާއްޖެއިން ބަލައިގަންނާނެ އަމަލެއް ނޫން ކަމަށެވެ.

"އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ފަރާތުން ޔަމަނަށް ކަނޑައަޅާފައިވާ އެންވޯއީ ހާންސް ގްރަންޑްބާގް ހުށަހަޅުއްވާފައިވާ ސުލްހަ ދަމަހައްޓަން ހޫތީ ޓެރަރިސްޓު ގްރޫޕުން އިންކާރު ކުރުން ރާއްޖެއިން އެކަން ކުށްވެރި ކުރަން،" އެ ބަޔާނުގައިވެ އެވެ.

ޔަމަނުގެ ރައްޔިތުންނަށް ސުލްހަ ލިބޭނެ ގޮތަކަށް، އދ. އާއި ގަލްފު އިނިޝިއޭޓިވުން ލަފާދީފައިވާ ފަދައިން ޔަމަނުގެ މައްސަލައަށް ސިޔާސީ ހައްލެއް ގެނައުމަށް ރާއްޖެއިން ތާއީދު ކުރާ ކަމަށް ވެސް ދިވެހި ސަރުކާރުން ބުންޏެވެ.

އޭގެ އިތުރުން، ޔަމަނުގެ މައްސަލައަށް ހައްލެ ގެނައުމަށް ސައުދީ އަރަބިއްޔާއިން ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ތާއީދު ކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ދިވެހިރާއްޖެއަކީ، ޓެރަރިސްޓު ގްރޫޕުތަކާ ހަނގުރާމަ ކުރުމަށް ސައުދީ އަރަބިއްޔާއިން ހަދާފައިވާ 34 ގައުމުގެ ކޯލިޝަނުގައި ހިމެނޭ ގައުމެކެވެ. ދިވެހިން އެ ކޯލިޝަނާ ގުޅުނީ ޑިސެމްބަރު، 2015 ގަ އެވެ. އެ ކޯލިޝަނުން ރާއްޖެ ވަކިވިކަން މިހާތަނަށް ވެސް އިއުލާނުކޮށްފައެއް ނުވެ އެވެ.

މީގެ ކުރިން، ސައުދީ ކޯލިޝަނުން ޔަމަނަށް ދޭ ހަމަލާތަކުގައި ސްކޫލްތަކާއި ހޮސްޕިޓަލްތަކަށް ގަސްދުގައި ހަމާލާދީފައިވާތީ އދ. އިން ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. ޔަމަނު ހަނގުރާމައިގައި އެންމެ ބޮޑަށް ގެއްލުން ލިބެނީ ވެސް ކުޑަކުދިންނަށެވެ.

މީގެ ހަތް އަހަރު ކުރިން ޔަމަނުގައި ދާހިލީ ހަނގުރާ ފެށުނީ ޝީއީންނަށް ނިސްބަތްވާ ހޫތީން އެ ގައުމުގެ ދައުލަތަށް ހަމަލާދީ ވެރި ރަށް ހިފި ހިސާބުންނެވެ. އޭގެ ފަހުން، ހަނގުރާމަ އަދި ހަނގުރާމައާ ގުޅުންހުރި ބަނޑުހައިހޫނުވުން ފަދަ ކަންކަމުގައި 337،000 މީހުން މަރުވެއްޖެ އެވެ.