މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ މުބާލް ފަތަނީ.-- ފޮޓޯ: ގެޓީއިމޭޖަސް
ޕާކިސްތާނުގައި އަންނަ އަހަރު ބާއްވަން ތާވަލުކޮށްފައި އޮތް ސައުތު އޭޝިއަން ގޭމްސް ފަސްކުރަން ސައުތު އޭޝިއަން އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ) އިން ނިންމައިފި އެވެ.
ކެމްބޯޑިއާގެ ޕުނޮމް ޕެންގައި މި ހަފުތާގައި ބޭއްވި އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ)ގެ ބައްދަލުވުމުގެ ތެރެއިން އެސްއޭއޯސީގެ މެމްބަރު ގައުމުތަކުން ވަނީ ސައުތު އޭޝިއަން ގޭމްސްއާ މެދު ގޮތެއް ނިންމަން ބައްދަލުކޮށްފަ އެވެ.
އެސްއޭއޯސީގެ ބައްދަލުވުމެއް ކުރިއަށްދިޔަ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު (ތަމޫ) ވަނީ "އަދަދު" އަށް ޔަގީންކޮށްދީފަ އެވެ.
ސައުތު އޭޝިއަން ގޭމްސް ބާއްވަން ކުރިން ނިންމާފައި އޮތީ އަންނަ އަހަރުގެ އޮކްޓޫބަރު މަހު ފަހުކޮޅު ފެށޭ ގޮތަށެވެ. އެކަމަކު، އެސްއޭއޯސީ އަށް ޕާކިސްތާނުން އިސްވެ، ހުށަހެޅީ 2024 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ސައުތު އޭޝިއަން ގޭމްސް ފަސްކުރާށެވެ.
ޕާކިސްތާންގެ މީޑިއާ އަށް އެ ގައުމުގެ އޮލިމްޕިކް ކޮމިޓީން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އާ ތާރީހެއް ކަނޑައަޅާނީ ހުރިހާ ކަމެއް ޔަގީންކުރުމަށް ފަހު ކަމަށެވެ.
2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ އިވެންޓެއްގެ ތެރެއިން.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ޕާކިސްތާނުން މީގެ ކުރިން ގޭމްސް ބޭއްވީ 1989 ވަނަ އަހަރާއި 2004 ވަނަ އަހަރު އެވެ.
ގޭމްސް ފަސްކުރަން ޕާކިސްތާނުން ބޭނުންވި އެންމެ ބޮޑު ސަބަބަކީ މި އަހަރު ޗައިނާގައި ބާއްވަން ނިންމާފައި އޮތް އޭޝިއަން ގޭމްސް އަންނަ އަހަރަށް ފަސްވެފައިވުމުގެ އިތުރުން އިތުރު ބީޗް ގޭމްސް އެއް ވެސް އަންނަ އަހަރުގެ ފަހުކޮޅަށް ތާވަލުކޮށްފައިވާތީ އެވެ. އޭޝިއަން ގޭމްސް ފަސްކުރީ ޗައިނާގައި ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވާތީ އެވެ.
އެންމެ ފަހުން ސައުތު އޭޝިއަން ގޭމްސް ބޭއްވީ 2019 ވަނަ އަހަރު ޑިސެމްބަރު މަހު ނޭޕާލުގެ ކަތުމަންޑޫ އާއި ޕޮކާރާގަ އެވެ. އޭގެ ކުރިން ބޭއްވީ 2016 ވަނަ އަހަރު އިންޑިއާގެ ޝިލޯން އާއި ގުވަހާޓީގަ އެވެ.
ކަތުމަންޑޫ އާއި ޕޮކާރާގައި އެންމެ ފަހުން ބޭއްވި ސައުތު އޭޝިއަން ގޭމްސް ވެސް ބޭއްވުނީ އެކި ފަހަރު މަތިން ޝެޑިއުލް ކޮށްގެންނެވެ. އެންމެ ފުރަަތަމަ ބާއްވަން މަސައްކަތް ކުރީ 2019 ވަނަ އަހަރުގެ މާޗް މަހުގަ އެވެ. އެކަމަކު، ނޭޕާލްގެ އިންތިޒާމްތައް ހަމަނުޖެހޭތީ ސެޕްޓެމްބަރަށް ފަސްކުރުމަށް ފަހު، އެންމެ ފަހުން ގޭމްސް ބޭއްވޭގޮތްވީ ޑިސެމްބަރުގަ އެވެ.
އެންމެ ފަހުން ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމާއި އަންހެން ބާސްކެޓް ޓީމުން ވަނީ ލޯ މެޑަލް ހޯދައިފަ އެވެ. އަދި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދު ވަނީ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ. މިއީ، މިހާތަނަށް މި ގޭމްސްގެ ތާރީހުގައި ރާއްޖޭން ހޯދި ހަމައެކަނި ރަން މެޑަލެވެ.
Comment