Advertisement

ނުބައި މީހަކަށް ޗިޓު ފޮނުވިގެން ހާންޖީ ރެސްޓޯރަންޓުގެ ވެއިޓަރު މަރާލި މައްސަލައިގެ އަޑުއެހުން ކެންސަލް

5 އޮކްޓޯބަރު 2022 - 14:07 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ނުބައި މީހަކަށް ޗިޓު ފޮނުވިގެން ހާންޖީ ރެސްޓޯރަންޓުގެ ވެއިޓަރު މަރާލި މައްސަލައިގެ އަޑުއެހުން ކެންސަލް

5 އޮކްޓޯބަރު 2022 - 14:07 0

ހުޅުމާލޭގައި ހުންނަ ހާންޖީ ރެސްޓޯރަންޓުގައި ބަންގްލަދޭޝްގެ ވެއިޓަރަކު މަރާލި މައްސަލައިގެ އަޑުއެހުމަށް ނުބައި މީހަކަށް ޗިޓު ފޮނުވިގެން އެ މައްސަލައިގައި މިއަދަށް ތާވަލް ކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.

މިދިޔަ އޭޕްރީލް 16، ގައި ހާންޖީ ރެސްޓޯރަންޓްގެ ބަދިގެ ތެރޭގައި ހިންގި މާރާމާރީގެ ތެރެއިން އެ ރެސްޓޯރަންޓްގެ ވެރިޓަރު ބަންގްލަދޭޝްގެ އެމްޑީ ޝަމީމް މަރާލި ކަމުގެ ދައުވާ އުފުލީ ހަމަ ރެސްޓޯރަންޓުގައި މަސައްކަތް ކުރާ ޕާކިސްތާނު ޝެފު، މުހައްމަދު އާބިދުގެ މައްޗަށެވެ.

އެނގިފައިވާ ގޮތުގައި މިއަދުގެ ޝަރީއަތުގައި އޮތީ މަރުވި ޝަމީމްގެ ޑީއެންއޭ ރިޕޯޓެއް ތައްޔާރުކުރި ލުބުނާ ލަތީފްގެ ހެކިބަސް ނެގުމެވެ. ނަމަވެސް ދައުވާ ފޯމުގައި އޮތީ އެހެން ނަމެކެވެ.

މިފަދަ ލިޔުމެއްގައި ކުށެއް އޮތް ކަމަށް މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ދައުލަތުގެ ވަކީލުން ފާހަގަކޮށްފައި އޮއްވައި ވެސް މިއަދުގެ އަޑުއެހުމަށް ހާޒިރުވުމަށް ޗިޓު ފޮނުވީ ދައުވާ ފޯމުގައި ނަން އޮތް މީހާއަށެވެ. ފަހުން އެ ކަން އެނގުމުން އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ހިންގާ ބީ6 ސެކްޝަނުން ވެސް ބުނީ އަޑުއެހުން ކެންސަލްވީ އެހެން މީހަކަށް ޗިޓު ފޮނުވިގެން ކަމަށާއި ޗިޓު ރައްދުކުރަންޖެހޭ މީހާއަށް ޗިޓު ނުލިބޭތީ ކަމަށެވެ.

މީގެ ކުރިން ވެސް، ހެކިބަސް ނުނަގާ ތިބި މީހުންގެ ތެރެއިން މީހަކަށް ޗިޓު ފޮނުވުމުގެ ބަދަލުގައި ކުރިން ހެކިބަސް ދީފައިވާ ބަޔަކަށް އަލުން ޗިޓު ފޮނުވުން ފަދަ ކަންކަން ހިނގައިގެން، އެކި މައްސަލަތަކުގެ އަޑުއެހުންތައް ނޫބެއްވި ގޮސްފައިވެ އެވެ.

މައްސަލައިގެ ފަސްފަހަތް

އާބިދަށް ކުރާ ދައުވާގައި ވަނީ މިދިޔަ އޭޕްރީލް 16، ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލެ ނިރޮޅުމަގު 19 ނަމްބަރު ގޯޅިގައި ހުންނަ ހާންޖީ ރެސްޓޯރެންޓުގެ ބަދިގެ ތެރޭގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ ޝާމީމަށް ތޫނު އެއްޗަކުން ހަމަލާދީ އޭނާ މަރާލި ކަމަށެވެ.

އާބިދު ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭ ދެ ވަނަ ފޭސްގެ ގޮނޑުދޮށުގައި ފިލައިގެން އުޅެނިކޮށެވެ. އާބިދު އަތުލައިގަތީ ވެއިޓަރަށް ހަމަލާދިނުމަށް ފަހު ފިލައިގެން އުޅޭތާ ނުވަ ވަރަކަށް ގަޑިއިރު ފަހުންނެވެ. އޭނާ ހޯދަން ވެގެން އޭނާގެ ފޮޓޯ ވެސް ފުލުހުން އޭރު އޮތީ އާއްމުކޮށްފަ އެވެ.

އާބިދު ދަންނަ މީހުން ބުނާ ގޮތުގައި އޭނާއަކީ ވަރަށް އަވަހަށް ރުޅި އަންނަ މީހެކެވެ. މީގެ ކުރިން ވެސް ރެސްޓޯރެންޓް ތެރޭގައި އޭނާ މާރާމާރީއެއް ހިންގާފައިވެ އެވެ.

ހާންޖީ ރެސްޓޯރެންޓުގައި މަސައްކަތްކުރާ ބަންގްލަދޭޝް ވެއިޓަރު އެމްޑީ ޝާހިން މަރާލީ ރެސްޓޯރެންޓް ބަދިގެ ތެރޭގައި އާބިދުއާ އެ ވެއިޓަރާ ދެމެދު ހިނގި ދެބަސްވުމަކަށްފަހު އެވެ. އާބިދު އޭނާ މަރާލިކަމަށް ތުހުމަތު ކުރެވެނީ ވަޅިއަކުން ކަރަށާއި މެޔަށް ހަމަލާދިނުމަށްފަހު އެވެ.