Advertisement

ނޭކުރެންދޫ ޖަލު މިދައުރުގައި ނުނިމޭނެ ކަމަށް ސަރުކާރުން އެންމެ ފަހުން އެއްބަސްވެއްޖެ

5 އޮކްޓޯބަރު 2022 - 10:38 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ހދ. ނޭކުރެންދޫ: ނޭކުރެންދޫގައި އަޅަން ސަރުކާރުން ވައުދުވި ޖަލު މިދައުރުގައި ނުނިމޭނެކަމަށް ސަރުކާރުން މިހާރު ވަނީ އެއްބަސްވެފައި -- ފޮޓޯ:ސޯޝަލްމީޑިއާ (ނޭކުރެންދޫ)


ނޭކުރެންދޫ ޖަލު މިދައުރުގައި ނުނިމޭނެ ކަމަށް ސަރުކާރުން އެންމެ ފަހުން އެއްބަސްވެއްޖެ

5 އޮކްޓޯބަރު 2022 - 10:38 0

ހދ. ނޭކުރެންދޫގައި އަޅަން ސަރުކާރުން ވައުދުވެފައިވާ ޖަލުގެ މަސައްކަތް މި ދައުރުގެ ތެރޭގައި ނުނިންމޭނެ ކަމަށް ހޯމް މިނިސްޓްރީން އެންމެ ފަހުން އެއްބަސްވެއްޖެ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ފަރާތްޕުޅުން ލިޔުމުން ޖަވާބު ހޯއްދަވާ ގޮތަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލެއްގެ ޖަވާބުގައި މަޖިލީހަށް މިނިސްޓަރު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އަންނަ އަހަރުގެ ނިޔަލަށް ނިންމައިލެވޭނީ ޖަލުގެ ވަށާފާރުގެ މަސައްކަތާއި ޖަލު ކުރެހުމުގެ މަސައްކަތް އެކަނި ކަމަށެވެ. އެ މަސައްކަތް ލަސްވި ކަމަށް މިނިސްޓަރު ދެކެވަޑައިގަންނަވާ ގިނަ ސަބަބުތަކެއް ވެސް ސިޓީގައި ހިމެނުއްވި އެވެ.

"... މި މަޝްރޫއު [ނޭކުރެންދޫ ޖަލުގެ މަޝްރޫއު] މި ދައުރުގެ ތެރޭގައި ކުރިއަށް ގެންގޮސް ނިންމުމަށް އުއްމީދުކޮށް އެ ޓާގެޓް ހާސިލުކުރުމަށް ގިނަ މަސައްކަތްތައް ކުރެވުނު ނަމަވެސް މި ފައިސާއިން 2023 ވަަނަ އަހަރުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް އެސްޓިމޭޓްކުރެވެނީ ޖަލުގެ ވަށާ ފާރާއި އަދި ޖަލުގެ ކޮންސެޕްޓާއި ތަފްސީލުކޮށް ކުރެހުމުގެ މަސައްކަތްތައް،" މަޖިލީހަށް ފޮނުއްވި ސިޓީގައި އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖަލުގެ މަސައްކަތް ލަސްވާ އެއް ސަބަބަކީ އެ މަސައްކަތަށް ސަރުކާރުގެ ބަޖެޓުގައި ހިމެނި ފައިސާގެ އަދަދު މަދުވުމެވެ. މިއަހަރުގެ ބަޖެޓުގައި އެ މަސައްކަތަށް ކަނޑައަޅާފައި އޮތީ 10 މިލިޔަން ރުފިޔާ ކަމަށާއި އަންނަ އަހަރަށް ވެސް ހިމަނާނީ 10 މިލިޔަން ރުފިޔާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވީމާ "މިފައިސާއިން" ކަމަށް ސިޓީގައި އެ ވިދާޅުވީ ޖުމްލަ 20 މިލިޔަން ރުފިޔާގެ ވާހަކަ އެވެ.

މި ދައުރުގައި ނޭކުރެންދޫ ޖަލުގެ މަސައްކަތް ނުނިމުނަސް އެއީ ޖަލުގެ ހާލަތު ރަނގަޅުކުރަން ކޮންމެހެން ކުރިއަށް ގެންދަން ޖެހޭ މަޝްރޫއަކަށް ވާތީ ކުރިއަށް އޮތް ދައުރުގައި ވެސް އެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންގޮސް ނިންމާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

ނޭކުރެންދޫ ޖަލުގެ މަސައްކަތް ލަސްވާތީ އެ މަސައްކަތާ ބެހޭ ގޮތުން މަކުނުދޫ ދާއިރާގެ މެމްބަރު ރާއީ ވަނީ މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ތަކުރާރުކޮށް ހޯމް މިނިސްޓަރާ ސުވާލުކުރައްވައިފަ އެވެ. މަޖިލީހަށް މިނިސްޓަރު ހާޒިރުކޮށް ތަޅުމުގައި ކުރެއްވި ސުވާލުތަކާއި ލިޔުމުން ޖަވާބު ހޯއްދަވާ ގޮތަށް ކުރެއްވި ސުވާލުތައް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

ލިޔުމުން ޖަވާބު ހޯއްދަވަން މިފަހަރު އޭނާ ކުރެއްވި އެއްސެވީ ސަރުކާރުގެ ދައުރުގައި ބާކީ އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި އެ މަސައްކަތް ނިންމައިލެވޭނެތޯ އެވެ.

"މި މަސައްކަތް ނިންމައިލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަަޅުގަނޑަށާއި މަކުނުދޫ ދާއިރާގެ ތިން ރަށުގެ ރައްޔިތުންނަށާއި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދެއްވައިފާނަންތޯއެވެ. އަދި މަނިކުފާނު މިކަމުގައި ކަންކަން އޮތް ގޮތް އެނގިހުރެ އިތުރުފުޅު ހައްދަވާފައިވާނެތޯ އެވެ،" ސުވާލުގައި ރާއީ އެއްސެވި އެވެ.

ނޭކުރެންދޫ ޖަލުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް މިނިސްޓަރު އިމްރާން އަބްދުﷲ 2020 ވަނަ އަހަރު ވެސް މަޖިލީހުގެ ޖަލްސާއެއްގައި ވިދާޅުވި އެވެ. އެ މަސައްކަތް ސަރުކާރުގެ ދައުރުގެ ތެރޭގައި ނިންމައިލެވޭނެކަމުގެ ޔަގީންކަން ދެއްވިދާނެތޯ 24 ޖޫން 2020 ގައި ބޭއްވި އެ ޖަލްސާގައި ވެސް ރާއީ ސުވާލުކުރެއްވި އެވެ. އެ ދުވަހު ވެސް މިނިސްޓަރު ވިދާޅުވީ ސަރުކާރުން އެ ވައުދު ފުއްދާނެ ކަމަށެވެ.

މަޖިލީހަށް އިމްރާން ފޮނުއްވި ޖަވާބަށް ރިޔާސަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެއީ "އަނބޮއްފުޅާއި ދަނބޮއްފުޅު ވާހަކަ ކަހަލަ ވާހަކަ"އެއް ކަމަށެވެ.