Advertisement

އޭޝިއަން ކަޕްގެ ނިޔަލަށް އިންޑިއާގެ ކޯޗު ސްޓިމަކްގެ ކޮންޓުރެކްޓް އާކޮށްފި

4 އޮކްޓޯބަރު 2022 - 22:18 0

މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


އޭޝިއަން ކަޕްގެ ނިޔަލަށް އިންޑިއާގެ ކޯޗު ސްޓިމަކްގެ ކޮންޓުރެކްޓް އާކޮށްފި

4 އޮކްޓޯބަރު 2022 - 22:18 0

ނިއު ދިއްލީ (އޮކްޓޫބަރު 4) - އަންނަ އަހަރު އޮންނަ އޭޝިއަން ކަޕްގެ ނިޔަލަށް އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އީގޯ ސްޓިމަކްގެ ކޮންޓުރެކްޓް އާކޮށްފި އެވެ.

ސްޓިމަކް އިންޑިއާގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ 2019 ވަނަ އަހަރު އެވެ. ސްޓިމަކްގެ އިރުޝާދުގެ ދަށުން އިންޑިއާ އިން ވަނީ މިދިޔަ އަހަރު ދިވެހިރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެވެ. އަދި މި އަހަރު އޮތް އޭޝިއަން ކަޕްގެ ކޮލިފައިންގައި އިންޑިއާ ހިމެނުނު ގުރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި އަންނަ އަހަރުގެ އޭޝިއަން ކަޕްގެ ޖާގައެއް ވަނީ ހޯދައިފަ އެވެ.

ސްޓިމަކް، 55، ގެ ކޮންޓުރެކްޓް އާކުރުމަށް އިންޑިއާގެ ފުޓްބޯޅަ ފެޑަރޭޝަނުން މިިދިޔަ މަހު ދިން ލަފަޔާ އެއްގޮތަށް، ފެޑަރޭޝަންގެ އެކްސްކޯ އިން ވަނީ ސްޓިމަކްގެ ކޮންޓުރެކްޓް އާކުރަން ނިންމައިފަ އެެވެ. އަދި ޓެކްނިކަލް ކޮމެޓީން ލަފާދީފައިވާ ގޮތަށް، އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލުން އިންޑިއާ ޖާގަ ހޯދައިފި ނަމަ، ސްޓިމަކްގެ ކޮންޓުރެކްޓް އޮޓަމެޓިކުން އާވާނެ ކަމަށް އެކްސްކޯ އިން ވަނީ ކަނޑައަޅައިފަ އެވެ.

"އިންޑިއާގެ ފެޑަރޭޝަންގެ އިތުބާރު އޮތްކަން އެނގުމަކީ ވަރަށް ބޮޑު އުފަލެއް،" ކުރިން ކްރޮއޭޝިއާ ގައުމީ ޓީމަށް ކުޅެފައިވާ ސްޓިމަކް ބުންޏެވެ.

"ކޮލިފައިންގައި އަހަރަމެން ރަނގަޅު ފޯމެއްގައި ކުޅެ ނަތީޖާތައް ނެރުނީ. ވަރަށް ރަނގަޅަށް މުބާރާތަށް (އޭޝިއަން ކަޕަށް) ތައްޔާރުވެގެން ރަނގަޅު ނަތީޖާއެއް ނެރެން ބޭނުންވަނީ."

ކުރިން ކްރޮއޭޝިއާ ގައުމީ ޓީމުގެ ޑިފެންޑަރަކަށް ކުޅުނު ސްޓިމަކް، ކްރޮއޭޝިއާ ގައުމީ ޓީމުގެ ކޯޗަކަށް ވެސް މަސައްކަތް ކުރި އެވެ. ގަތަރާއި އޭޝިއާގެ ވަރުގަދަ ލީގުތަކުގައި މަސައްކަތްކޮށްފައިވާ ސްޓިމަކް، ކްރޮއޭޝިއާ އަށް އިރުޝާދުދިނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގަ އެވެ. އޭނާ މަގާމުގައި ހުރީ 2012 ވަނަ އަހަރުގެ ޖުލައި އިން ފެށިގެން 2013 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށެވެ.

އިންޑިއާގެ ފުޓްބޯޅަ ފެޑަރޭޝަންގެ ޖެނެރަލް ސެކްރެޓަރީ ޑރ.ސާޖީ ޕްރަބާކަރަން ވިދާޅުވީ ސްޓިމަކްގެ އިރުޝާދުގެ ދަށުން އިންޑިއާ ޓީމުގެ ފެންވަރު މައްޗަށް ޖެހިލާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.