3 އޮކްޓޯބަރު 2022 - 23:19 2
އަހުމަދު އާއިދު
ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފްލާއެއްގެ ތެރެއިން އުމަރު މަނިކަށް ރައީސް ސޯލިހު އެވޯޑު އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް
3 އޮކްޓޯބަރު 2022 - 23:19 2
މީގެ 50 އަހަރު ކުރިން ރާއްޖޭގެ ފަތުރުވެރިކަން ފެއްޓެވި ތިން ބާނީން އަދި ކުރީގެ ރައީސުން ކަމަށްވާ އިބްރާހިމް ނާސިރާއި މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފަތުރުވެރިކަމުގެ ރަން އެވޯޑު މިރޭ އަރުވައިފި އެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވި ހަފްލާގައި ފަތުރުވެރިކަމުގެ ރަން އެވޯޑު ރައީސް އެރުއްވި އިންޑަސްޓްރީގެ ފައުންޑަރުންނަކީ މަޓީގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އާއި މިހާރުގެ ހެލްތު މިނިސްޓަރު އަހުމަދު ނަސީމުގެ އިތުރުން ޗަމްޕާ ހުސެއިން އަފީފެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވަނީ އެ ތިން ބޭފުޅުން މި ދާއިރާއަށް ކުރަށްވާފައިވާ އަދި ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަ ކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
"އިގުތިސާދީ ގޮތުން މިއަދު ރާއްޖެ ފޯރާފައި މިވާ އައްސޭރިއަށް މި ގައުމައިގެން ދިވެހިންނަށް އާދެވުނީ އެބޭފުޅުން [ތިން ބާނީން] އެ ދުވަހު ކެރިވަޑައިގެން ގޮންޖެހުންތަކާ ކުރިމަތިލެއްވީމަ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ފަތުރުވެރިކަމުގެ ތިން ބާނީންގެ އިތުރުން ވެސް މި ހަފުލާގައި އެ ދާއިރާގެ ދިގު މާޒީގައި ހިދުމަތް ކުރެއްވި އެތައް ބޭފުޅުންނަކަށް ވަނީ ފަތުރުވެރިކަމުގެ ރަން އެވޯޑު އަރުވާފަ އެވެ. އެގޮތުން ފަތުރުވެރިކަން ފެށިއިރު ރާއްޖޭގައި ވެރިކަން ކުރައްވަމުން ގެންދެވި އަލްމަރްހޫމް ރައީސް ނާސިރު އާއި އޭގެ ފަހުން ވަޑައިގެންނެވި ރައީސް މައުމޫން އަދި ގެސްޓް ހައުސް މުޅި ރާއްޖެއަށް ތައާރަފް ކުރެއްވި ރައީސް ނަޝީދަށް ވެސް ރަން އެވޯޑް ލިބިވަޑައިގަތެވެ.
އޭގެ އިތުރުން ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)، ވިލާ ރިސޯޓުތަކުގެ ވެރިޔާ ގާސިމް އިބްރާހިމް އާއި ސަން ޝިޔާމް ރިސޯޓްސްގެ ވެރިޔާ އަހުމަދު ޝިޔާމް މުހައްމަދް އަދި ނައިބު ރައީސް ފައިސަލް ނަސީމަށް ވެސް އެ ހަފުލާގައިއެވޯޑު ލިބިވަޑައިގަތެވެ.
ވަކިވަކި ބޭފުޅުންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަ ކޮށްލެވޭ ހިދުމަތްތައް ދެމުން އަންނަ ރިސޯޓުތަކާއި ޓުއާ އޮޕަރޭޓަރުންނަށް ވެސް ފަތުރުވެރިކަމުގެ ދާއިރާގެ ރަން އެވޯޑު މިރޭ ވަނީ ދީފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment