Advertisement

ވެށި ހިމާޔަތްކުރަން ރިސޯޓު އޯނަރުންނަށް ރައީސްގެ އިލްތިމާސެއް

2 އޮކްޓޯބަރު 2022 - 22:03 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ރާއްޖެއަށް ފަތުރުވެރިކަން ތައާރަފް ކުރި ފަހުން 50 އަހަރު ފުރުން ފާހަގަކުރަން، މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ހަފްލާގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: ރައީސް އޮފީސް


ވެށި ހިމާޔަތްކުރަން ރިސޯޓު އޯނަރުންނަށް ރައީސްގެ އިލްތިމާސެއް

2 އޮކްޓޯބަރު 2022 - 22:03 0

ފަތުރުވެރިކަމުގައި ރާއްޖެއަށް ލިބިފައިވާ މަގާމު ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ރައްކާތެރިކުރުމާއި ތިމާވެށި ހިމާޔަތް ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އިލްތިމާސް ކުރައްވައިފި އެވެ.

ރާއްޖެއަށް ފަތުރުވެރިކަން ތައާރަފް ކުރި ފަހުން 50 އަހަރު ފުރުން ފާހަގަކުރަން، މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމާ ގުޅިފައިވާ 2030 ވަނަ އަހަރުގެ ނިޔަލަށް، ރާއްޖެ ނެޓް ޒީރޯ ގައުމަކަށް ހެދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

"ފަތުރުވެރިކަން އަލަށް ތަރައްގީކުރާ ރަށްތަކުގައި ވެސް، އިއާދަކުރަނިވި ހަކަތައަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް، ރިސޯޓް އޯނަރުންނަށާއި އިންވެސްޓަރުންނަށް އަޅުގަނޑު އިލްތިމާސްކުރަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ފަތުރުވެރިކަމަށް އިންވެސްޓުކުރާ ފަރާތްތަކުގެ އިތުރުން ރައީސް ވިދާޅުވި ގޮތުގައި ދިވެހި ފަތުރުވެރިކަމުގެ ކޮލިޓީ އާއި އިތުބާރު ހިފެހެއްޓުމަކީ، ކޮންމެ ދިވެހި ފަރުދެއްގެ ޒިންމާއެއް އަދި ގައުމީ ވާޖިބެކެވެ.

"އެއީ، ދިވެހިރާއްޖެއާ މެދު ފަތުރުވެރިން ޝައުގުވެރިވާ ސިފަތައް އެ ގޮތުގައި ދެމެހެއްޓުން. މިޖަޒީރާތަކަށް ފަތުރުވެރިން ޝައުގުވެރިކުރުވާ އެންމެ މުހިންމު ސިފަތަކަކީ، ދިވެހިންގެ މެހްމާންދާރީ އާއި މިރާއްޖޭގެ އަމާންކަމާއި ސުލްހަ މަސަލަސްކަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ވައިގެ ބަނދަރުތައް ތަރައްގީވެ، ސީ ޕްލޭންގެ ވިއުގަ ފުޅާވެ، އާރުޓީއެލް ފެރީތަކުން މި ޖަޒީރާތަކުގެ ސިލްސިލާ ގެތިގެންދާއިރު، ރަށު ފަތުރުވެރިކަމަށް މިހާރަށް ވުރެ މާ ފަހި ފުރުސަތުތަކެއް ހުޅުވޭނެ ކަމަށެވެ.

"އެހާރުން، ތުރާކުނު އިރުމަތީ ވަތްހޭލާ ފަށުން އައްޑޫ ގަމުގެ ދެކުނު ފުއްޓަރާ ހަމައަށް، ފަތުރުވެރިކަމުގެ މަންފާ ނުކުރާ އެންމެ ރަށެއް ވެސް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.

މިރޭގެ ހަފްލާގައި ރާއްޖެއަށް ފަތުރުވެރިކަން ތައާރަފު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުންގެ ނަންތައް ވަކީން ފާހަގަކުރައްވައި، ރައީސް ސޯލިހު ވަނީ އެ ބޭފުޅުންނަށް ހާއްސަ ޝުކުރެއް އަދާކުރައްވައިފަ އެވެ.

"އެ ހިދުމަތްތެރި ބޭފުޅުންނަކީ، މިހާރުގެ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް، މުހައްމަދު އުމަރު މަނިކު އަދި ޗަމްޕާ ހުސައިން އަފީފް. އަދި މި ހަފްލާގައި ނެތް ނަމަވެސް، އެ ތިން ބޭފުޅުންނަށް މިކަމުގައި މަގު ފަހިކޮށްދެއްވި ބޭފުޅަކީ، އިޓަލީ ވިލާތުގެ ޖޯޖް ކޯބިން،" ރައީސް ވިދާޅުވި އެވެ.