Advertisement

ދަތުރުފަތުރުގެ ނިޒާމުން ރަށްތައް ގެތިގެންދާއިރު، ޓޫރިޒަމްގެ މަންފާ ހުރިހާ ރަށަކަށް ކުރާނެ: ރައީސް

2 އޮކްޓޯބަރު 2022 - 21:35 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ރާއްޖެއަށް ފަތުރުވެރިކަން ތައާރަފް ކުރި ފަހުން 50 އަހަރު ފުރުން ފާހަގަކުރަން، މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ހަފްލާގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ. -ފޮޓޯ: ރައީސް އޮފީސް


ދަތުރުފަތުރުގެ ނިޒާމުން ރަށްތައް ގެތިގެންދާއިރު، ޓޫރިޒަމްގެ މަންފާ ހުރިހާ ރަށަކަށް ކުރާނެ: ރައީސް

2 އޮކްޓޯބަރު 2022 - 21:35 0

ވައިގެ ބަނދަރުތައް ތަރައްގީކޮށް، ސީޕްލޭން ވިއުގަ ފުޅާކޮށް އާރުޓީއެލް ފެރީތަކުން މުޅި ރާއްޖެ ގެތިގެންދާއިރު، ފަތުރުވެރިކަމުގެ މަންފާ ނުކުރާ އެއްވެސް ރަށެއް ނޯންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް ފަތުރުވެރިކަން ތައާރަފް ކުރި ފަހުން 50 އަހަރު ފުރުން ފާހަގަކުރަން، މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ބާޒާރަށް އަބަދުވެސް ހުޅުވިފައި އޮތް މަންޒިލެއް ކަމަށާއި ފަތުރުވެރިކަން ފުޅާކުރުމުގެ ފުރުސަތުތައް އަދިވެސް ގިނަ ކަމަށެވެ.

"ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ މީހުން އަދިވެސް އެބަތިބި. ރާއްޖެއަށް ޒިޔާރަތް ކުރަން ބޭނުންވާ ފަތުރުވެރިން ވެސް އެބަތިބި،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ ސިޔާސަތަކީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި ޕްރައިވެޓް ސެކްޓާގެ ބައިވެރިވުމާއެކު ފަތުރުވެރިކަމުގެ އުދަރެސް ފުޅާކޮށް މި ސިނާއަތް ސިންދަފާތު ކުރުމެވެ.

"މިހާރުވެސް ރާއްޖޭގެ 20 އަތޮޅުގެ 105 ރަށެއްގައި ގެސްޓްހައުސްތައް އެބަ ހިންގާ. އިތުރު ރަށްރަށުގައި ވެސް އިތުރު ގެސްޓްހައުސްތައް ހުޅުވުމަށް އެއަންނަނީ ތައްޔާރުވަމުން. އެހެން ނަމަވެސް އެވަރަކުން އަދި ނުފުދޭ. ފަތުރުވެރިކަމުގެ ސާލު މުޅި ރާއްޖެއަށް ފަތުރައިލުމަކީ އަޅުގަނޑުމެންގެ އެއް އަމާޒު. އެކަމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް އެ އަންނަނީ ކުރިއަށް،" ރައީސް ވިދާޅުވި އެވެ.

އެކަމުގެ އެންމެ މުހިންމު ކަމަކީ ރައީސް ވިދާޅުވި ގޮތުގައި، ދަތުރުފަތުރުގެ ފަސޭހަ ނިޒާމެއް ގާއިމުވެފައި އޮތުމެވެ. އެކަމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އަދި ގަން އެއާޕޯޓު ތަރައްގީ ކުރުމަށް މިހާރު ހިންގަމުންދާ އަދި ރާވާފައިވާ މަޝްރޫއުތައް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ، މީހުން ދިރިއުޅޭ ކޮންމެ ރަށަކުން، 20-30 މިނެޓުން ދެވޭ ހިސާބުގައި އެއާޕޯޓެއް އޮތުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ވައިގެ ބަނދަރުތައް ތަރައްގީވެ، ސީ ޕްލޭންގެ ވިއުގަ ފުޅާވެ، އާރުޓީއެލް ފެރީތަކުން މި ޖަޒީރާތަކުގެ ސިލްސިލާ ގެތިގެންދާއިރު، ރަށު ފަތުރުވެރިކަމަށް މިހާރަށް ވުރެ މާ ފަހި ފުރުސަތުތަކެއް ހުޅުވޭނެ ކަމަށެވެ.

"އެހާރުން، ތުރާކުނު އިރުމަތީ ވަތްހޭލާ ފަށުން އައްޑޫ ގަމުގެ ދެކުނު ފުއްޓަރާ ހަމައަށް، ފަތުރުވެރިކަމުގެ މަންފާ ނުކުރާ އެންމެ ރަށެއް ވެސް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.

މިރޭގެ ހަފްލާގައި ރާއްޖެއަށް ފަތުރުވެރިކަން ތައާރަފު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުންގެ ނަންތައް ވަކީން ފާހަގަކުރައްވައި، ރައީސް ސޯލިހު ވަނީ އެ ބޭފުޅުންނަށް ހާއްސަ ޝުކުރެއް އަދާކުރައްވައިފަ އެވެ.

"އެ ހިދުމަތްތެރި ބޭފުޅުންނަކީ، މިހާރުގެ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް، މުހައްމަދު އުމަރު މަނިކު އަދި ޗަމްޕާ ހުސައިން އަފީފް. އަދި މި ހަފްލާގައި ނެތް ނަމަވެސް، އެ ތިން ބޭފުޅުންނަށް މިކަމުގައި މަގު ފަހިކޮށްދެއްވި ބޭފުޅަކީ، އިޓަލީ ވިލާތުގެ ޖޯޖް ކޯބިން،" ރައީސް ވިދާޅުވި އެވެ.