Advertisement

ތައިލޭންޑުގެ ބޮޑު ވަޒީރަށް މަގާމުގައި ދެމިހުރެވޭނެ ކަމަށް ކޯޓުން ނިންމައިފި

1 އޮކްޓޯބަރު 2022 - 08:29 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ބޮޑު ވަޒީރު ޕްރަޔޫތް ޗާން އޮޗާ. -- ފޮޓޯ: ރޮއިޓާޒް


ތައިލޭންޑުގެ ބޮޑު ވަޒީރަށް މަގާމުގައި ދެމިހުރެވޭނެ ކަމަށް ކޯޓުން ނިންމައިފި

1 އޮކްޓޯބަރު 2022 - 08:29 0

ތައިލޭންޑުގެ ބޮޑު ވަޒީރު ޕްރަޔޫތް ޗާން އޮޗާގެ މަގާމުގެ ދައުރާ މެދު ސުވާލު އުފައްދައި ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށް، އެމަނިކުފާނަށް މަގާމުގައި ދެމިހުންނެވޭނެ ކަމަށް ކަނޑައަޅައިފި އެވެ.

މައްސަލަ ކޯޓަށް ހުށަހެޅުމުން މިދިޔަ އޯގަސްޓު މަހުން ފެށިގެން ޕްރަޔޫތް ހުންނެވީ ޒިންމާތަކުން އެކަހެރިކޮށްފަ އެވެ. އެކަަމަކު ކުރިން ވެސް ބެލެވިފައި އޮތީ މައްސަލަ ނިމޭނީ އިދިކޮޅު ޕާޓީތަކާ ދެކޮޅަށް ކަމަށެވެ.

ޕްރަޔޫތް ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވީ 2014 ވަނަ އަހަރު ބަގާވާތަކުންނެވެ. އޭގެ ފަހުން 2019 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރެއްވި އެވެ.

ތައިލޭންޑްގެ ގާނޫނު އަސާސީ ބުނާ ގޮތުން ބޮޑު ވަޒީރުކަމުގެ މަގާމުގައި އެކަކަށް ގިނަވެގެން ހުރެވޭނީ އަށް އަހަރެވެ. އެހެންވެ، އިދިކޮޅު ފަރާތްތަކުން ވަނީ މައްސަލަ ކޯޓަށް ވައްދާފަ އެވެ.

އިދިކޮޅު ފަރާތްތަކާއި އެކްޓިވިސްޓުން ބުނާާ ގޮތުގައި ޕްރަޔޫތްގެ ދައުރު ފެށުނީ ބަގާވާތުގެ ލީޑަރުގެ ގޮތުގައި ހުންނެވި އިރުގަ އެވެ. ބަގާވާތް ކުރީ މޭ 2014 ގަ އެވެ.

އާ އަސްކަރީ ސަރުކާރުގެ ބޮޑު ވަޒީރުގެ ގޮތުގައި އެމަނިކުފާނު އިއުލާން ކުރެއްވީ އޯގަސްޓް 2014 ގަ އެވެ. އެހެންކަމުން، މިދިޔަ އޯގަސްޓު މަހު އެމަނިކުފާނުގެ ދައުރު ނިމޭނެ ކަމަށް އިދިކޮޅުން ބުނެ އެވެ.

އެކަމަކު ކޯޓުން ބުނީ ޕްރަޔޫތްގެ ދައުރު ފެށުނީ އާ ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށި ތާރީހުން ފެށިގެން ކަމަށެވެ. އެއީ އެޕްރީލް 2017 އެވެ.

ޕްރަޔޫތްގެ ސަޕޯޓަރުން އުއްމީދުކޮށްގެން ތިބީ ދައުރު ފެށުނު ދުވަހަކީ އޯގަސްޓް 2019 ކަމަަށް ކޯޓުން ކަނޑައަޅާނެކަމުގެ އުއްމީދުގަ އެވެ.

ތައިލޭންޑްގެ އާ އިންތިހާބު 2023 ގެ ކުރީކޮޅުގައި ބޭއްވުމަށް ތައްޔާރުވާ އިރު، ވާދަކުރަން ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް ޕްރަޔޫތް ވިދާޅުވެފައިވެ އެވެ.

އެހެން ނަމަވެސް ކޯޓުގެ ނިންމުން އައި ގޮތުގެ ސަބަބުން އިންތިހާބުން ކުރި ލިބުނު ނަމަވެސް އެމަނިކުފާނުގެ ދައުރުގެ މުއްދަތު ހަމަވާން ދެން އޮތީ ދެ އަހަރާއި ހަ މަހެވެ.

ތައިލޭންޑްގެ ބޮޑު ވަޒީރުގެ މަގާމުގައި އެކަކަށް ގިނަވެގެން ހުރެވޭނީ އަށް އަހަރުގެ އެއް ދައުރު ކަމަށް ކަނޑައެޅީ ދިގު މުއްދަތަށް އެއް ލީޑަރަކަށް ވެރިކަމުގެ ހުރުމުގެ ފުރުސަތު ނުދިނުމަށެވެ.