Advertisement

މެކްސިކޯގައި ބަންދު ކުރި ޔަހޫދީންތައް ފިލައިފި

1 އޮކްޓޯބަރު 2022 - 07:56 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޔަހޫދީން ފިލާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް. -- ފޮޓޯ: ރޮއިޓާޒް


މެކްސިކޯގައި ބަންދު ކުރި ޔަހޫދީންތައް ފިލައިފި

1 އޮކްޓޯބަރު 2022 - 07:56 0

މެކްސިކޯގެ ޖަންގައްޔެއްގައި އުޅުނު ޔަހޫދީ މަޒުހަބެއްގެ ބަޔަކު ބަންދުކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އޭގެ ތެރެއިން 20 މީހުން ފިލައިފި އެވެ.

އާއްމުވި ވީޑިއޯތަކުން ފެންނަނީ އެ މީހުން ބަންދުކޮށްފައި ތިބި މަރުކަޒުން ނިކުމެގެން ދާ މަންޒަރެވެ. އޭގެ ތެރޭގައި ފިރިހެނުންނާއި އަންހެނުން އަދި ކުޑަކުދިން ވެސް ހިމެނެ އެވެ.

އެ މީހުން ފިލީ ބުދަ ދުވަހު ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެ މަޒުހަބަށް ނިސްބަތްވާ މެމްބަރުން ޖަންގަލީގެ ކޮމްޕައުންޑަކުން ހައްޔަރު ކުރީ އޭގެ ހަތަަރު ދުވަސް ކުރިން ހިންގި ބޮޑު އޮޕަރޭޝަނެއްގަ އެވެ.

އޭގެ ތެރެއިން ހަތަރު މީހުންނަށް ކުރާ ތުހުމަތުގެ ތެރޭގައި ހިޔުމަން ޓްރެފިކިން އަދި ރޭޕް ފަދަ ބޮޑެތި ޖިންސީ ކުށްތައް ހިމެނެ އެވެ.

އެހެން ނަމަވެސް އެ ހަތަރު މީހުންގެ ތެރެއިން ދެ މީހުން ވަނީ ފުލުހުންގެ އޮޕަަރޭޝަން ހިންގުމުގެ ހަފުތާއެއް ކުރިން ކޮމްޕައުންޑު ދޫކޮށް ގޮސްފަ އެވެ.

ހިބްރޫ ބަހުން ލޭވް ތަހޯރްގެ މާނައަކީ ސާފު ހިތެވެ. އެ މަަޒުހަބަކީ ހަރުކަށި ފިކުރުތަކެއް ގެންގުޅޭ މަޒުހަބެކެވެ. އެގޮތުން ކުޑަކުދިން ކައިވެނި ކުރުވުމަަށް ހިތްވަރު ދީ، ކުދި ކަންކަމަށް ބޮޑެތި އަަދަަބުތައް ދީ، އުމުރުން ތިން އަހަަރުން ފެށިގެން އަންހެން ކުދިން ބުރުގާ އަޅަން މަޖުބޫރު ކުރެ އެވެ.

އެހެންވެ، އެ މަޒުހަބަށް ވަނަމެއްގެ ގޮތުން ޔަހޫދީ ތާލިބާނުން ވެސް ކިޔައި އުޅެ އެވެ. އެއީ އަފްގާނިސްތާނުގެ ތާލިބާނުން ފަދައިން އަންހެނުންގެ ހެދުން އެޅުމުގެ ކަންކަން ހަރުކަށިކޮށް ކޮންޓްރޯލް ކުރާތީ އަދި ވިސްނުން އެއްގޮތްކަމުންނެވެ.

މެކްސިކޯގެ ނޫސްތަކުން ބުނީ އެ މަޒުހަބުގެ މެމްބަރުން ބަންދުކުރި ދުވަހުން ފެށިގެން އެކަމާ ދެކޮޅަށް ހަރުތާޅު ކުރަމުން ދިޔަ ކަމަށެވެ.

ބަންދުކޮށްފައި ތިބި މަރުކަޒުން ނިކުމެ ގާޑަކަށް ހަމަލާ ދިނުމަށް ފަހު އެ މީހުން ދިޔަ ތަނެއް ސާފެއް ނޫނެވެ. އެސޯސިއޭޓެޑް ޕްރެސްއިން ބުނީ އެ މީހުން ލޮރީއަކަށް އަރައިގެން ގުއާޓެމާލާގެ ބޯޑަރާ ދިމާލަށް ދަތުރު ފެށި ކަމަށެވެ.