30 ސެޕްޓެންބަރު 2022 - 00:17 0
ާސާބާ ވިމެންސް ޗެމްޕިއަންޝިޕުން ލޯ މެޑަލް ހޯދި ރާއްޖޭގެ ބާސްކެޓް ޓީމާއި ޔޫތު މިނިސްޓަރު މަހުލޫފް އަދި ބާސްކެޓް އެސޯސިއޭޝަން ރައީސް އެޑަމް.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
30 ސެޕްޓެންބަރު 2022 - 00:17 0
ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ކުޅެވޭ އަންހެނުންގެ އެންމެ ބޮޑު ބާސްކެޓްބޯޅަ މުބާރާތް، ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި މިރޭ ބޫޓާން ބަލިކޮށް ރާއްޖޭން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ލޯ މެޑަލް ހޯދައިފި އެވެ.
ހަތަރު ގައުމުގެ މެދުގައި މާލޭގައި ކުރިއަށްދިޔަ ސާބާ އަންހެން ބާސްކެޓްބޯޅަ މުބާރާތުގައި ރާއްޖޭން ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފަ އެވެ. އެއީ ފުރަތަަމަ މެޗުން ނޭޕާލް އަތުންނާއި ފަހު މެޗުން ބޫޓާން އަތުންނެވެ.
ބޫޓާން އަތުން މިރޭ ރާއްޖެ މޮޅުވީ 86-34 އިންނެވެ.
މިރޭގެ މެޗަށް ނުކުތްއިރު ވެސް ރާއްޖެ އަށް މި މުބާރާތުން ރަން މެޑަލާއި ރިހި މެޑަލް ހޯދުމުގެ ދޮރު އޮތީ ބަންދުވެފަ އެވެ. އެއީ ރޭ ސްރީ ލަންކާ އަތުން ބަލިވުމުންނެވެ. މި ފަހަރުގެ މުބާރާތުގެ ރަން މެޑަލް ހޯދައި، ލަންކާ ވަނީ ޗެމްޕިއަންކަން ދިފާއުކޮށްފަ އެވެ. ނޭޕާލުން މި ފަހަރު ވެސް ނިންމާލީ ރިހި މެޑަލާ އެކު އެވެ.
ލަންކާ ކުޅުންތެރިން ރަން މެޑަލާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ލޯ މެޑަލް ހޯދަން ރާއްޖޭން ކުރަން ޖެހޭ މަސައްކަތަކީ މިރޭ ބޫޓާން ބަލިކުރުން ކަމަށްވާއިރު، ރާއްޖޭން ވަނީ ރަނގަޅު ކުޅުމަކާ އެކު އެކަން ހާސިލްކޮށް، ޖެހިޖެހިގެން ދެ ވަނަ ސާބާ މުބާރާތުން ލޯ މެޑަލް ހޯދައިފަ އެވެ.
މިއީ ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމުން ބައިނަލްއަގުވާމީ ލެވަލްގައި ހޯދި ތިން ވަނަ ލޯ މެޑަލް އެވެ. ރާއްޖޭން ވަނީ 2016 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ސާބާ މުބާރާތާއި 2019 ވަނަ އަހަރު ނޭޕާލުގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގެ އަންހެން ބާސްކެޓްބޯޅަ އިވެންޓުން ލޯ މެޑަލް ހޯދައިފަ އެވެ. ރާއްޖޭން 2019 ވަނަ އަހަރުގެ ގޭމްސް އާއި މި ފަހަރު ލޯ މެޑަލް މި ހޯދީ ސްރީ ލަންކާގެ ކޯޗު ސުޕުން ވިމާލްގެ އިރުޝާދުގެ ދަށުންނެވެ. މި މުބާރާތާ އެކު ސުޕުން ވަނީ ގައުމީ ޓީމުން ވަކިވެފަ އެވެ.
ޒުވާނުންގެ މަރުކަޒު އެތެރެކޯޓުގައި މިރޭ ކުޅުނު މެޗު ފަށައިގެން ރާއްޖޭން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ފާތިމަތު ޝައިލާން އަފްޒަލް އެވެ. ރަނގަޅު ޕޮއިންޓްތަކެއް ޝައިލާން ސްކޯކުރިއިރު، ފުރަތަމަ ކުއާޓަރާއި މުޅި މެޗުގައި ވެސް ރާއްޖޭގެ ފާތިމަތު ރިޝްމާ ފެނުނީ ރަނގަޅު ފޯމެއްގައި ކުޅެލިތަނެވެ.
ބޫޓާން ދެ ކުޅުންތެރިއަކު ކައިރިން ރާއްޖޭގެ ޝައިލާން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ރިޝްމާ ވަނީ މިރޭގެ މެޗުގައި ޖުމްލަ އެކު 33 ޕޮއިންޓް ސްކޯކޮށްފަ އެވެ. އޭގެ ތެރޭގައި 21 ރީބައުންޑް ޕޮއިންޓް ހިމެނެ އެވެ. ޝައިލާން ވެސް ވަނީ 13 ޕޮއިންޓް ސްކޯކޮށްފަ އެވެ.
މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ ރައިފާ އިބްރާހިމްގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ފެނުނީ މި މެޗުގަ އެވެ. ފުރަތަމަ ކުއާޓަރުން ފެށިގެން ގޭމުގައި ދެމިހުރެ، ރައިފާ ވަނީ މެޗުގައި ޖުމްލަ އެކު 17 ޕޮއިންޓް ސްކޯކޮށްފަ އެވެ.
މި މެޗުގައި ރާއްޖޭގެ އައިމިނަތު އިސްރާއު އަބްދުއްސުކޫރު (އިއްކޮ) ކުޅެން އެރުވީ ދެ ވަނަ ކުއާޓަރުން ފެށިގެންނެވެ. އިއްކޮގެ ފަރާތުން ތިން ވަނަ ކުއާޓަރުގައި ރަނގަޅު ޕޮއިންޓަކެއް ފެނުނުއިރު، މި މެޗުގައި އޭނާ އަށް ޖުމްލަ އެކު ސްކޯ ކުރެވުނީ 10 ޕޮއިންޓެވެ. ލަންކާ ކޮޅަށް ރަނގަޅު ތުރީ ޕޮއިންޓްތަކެއް ސްކޯކުރި ހައުމާ އުބައިދުﷲ (ހައު) ވަނީ މިރޭގެ މެޗުގައި ވެސް ދެ ތުރީ ޕޮއިންޓް ސްކޯކޮށްފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment