30 ސެޕްޓެންބަރު 2022 - 11:35 0
ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުގެ ކޯޗު ސުޕުން ވިމާލް: އޭނާ ބުނީ ޓީމާ އެކު މިދިޔަ ތިން އަހަރެއްހާ ދުވަހު ކުރެވުނު މަސައްކަތަށް ބަލާއިރު، މުސްތަގުބަލެއް ހޯދިފައިވާ ކަމަށް.-- ފޮޓޯ: އިސްމާއިލް ތޯރިގު/ އެމްބީއޭ
30 ސެޕްޓެންބަރު 2022 - 11:35 0
މިދިޔަ ތިން އަހަރެއްހާ ދުވަސްތެރޭގައި ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުން ހޯދާފައިވާ ކުރިއެރުމާއި ކާމިޔާބަށް ބަލާއިރު، ޔަގީންކަމާ އެކު އެނގެން އޮތް ކަމަކީ ރާއްޖޭގައި އަންހެން ބާސްކެޓަށް މުސްތަގުބަލެއް އޮތްކަން ކަމަށް ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުގެ ކޯޗު، ސްރީ ލަންކާގެ ސުޕުން ވިމާލް ބުނެފި އެވެ.
ސުޕުން ގައުމީ އަންހެން ބާސްކެޓް ޓީމުގެ ކޯޗުކަމާ 2019 ވަނަ އަހަރު ހަވާލުވެ، އެ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ އަންހެން ބާސްކެޓްބޯޅަ އިވެންޓުގައި ސްރީ ލަންކާ ބަލިކޮށް ސެމީ ފައިނަލުގައި ކުޅެ، ލޯ މެޑަލް ހޯދި އެވެ.
އޭގެ ފަހުން، ރޭ ރާއްޖޭގައި ނިމިގެންދިޔަ ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖެ ވަނީ ލޯ މެޑަލް ހޯދައިފަ އެވެ. ސާބާގެ އަންހެން ފުރަތަަމަ މުބާރާތުގައި، 2016 ވަނަ އަހަރު ވެސް ރާއްޖޭން ލޯ މެޑަލް ހޯދި އެވެ.
މި ފަހަރުގެ ސާބާ މުބާރާތް ރާއްޖޭން ފެށީ ބައިނަލްއަގުވާމީ ލެވަލްގައި ނޭޕާލް އަތުން ހޯދި ފުރަތަމަ މޮޅާ އެކު އެވެ. އެކަމަކު، ދެ ވަނަ މެޗުން ލަންކާ އަތުން ބަލިވުމުން، ރަން މެޑަލާއި ރިހި މެޑަލަށް ކުރި އުންމީދު ދިޔައީ އެވެ. އެހެންވެ، ރޭ ބޫޓާން އަތުން މޮޅުވެގެން ވަނީ ލޯ މެޑަލް ދިފާއުކޮށްފަ އެވެ.
މި ފަހަރުގެ މުބާރާތަށް ފަހު ގައުމީ ޓީމު ދޫކޮށްލާނެ ކަމަށް ސުޕުން ވަނީ ކުރިން ވެސް އިއުލާނުކޮށްފަ އެވެ. ސުޕުން ބޭނުންވީ ވަދާއީ މުބާރާތުން ރާއްޖެ އަށް ރަން މެޑަލެއް ހޯދައިދޭށެވެ. އެކަަމަކު، އެކަން ހާސިލްނުވީ އަމިއްލަ އަށް ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށް ސުޕުން ވަނީ ބުނެފަ އެވެ. އަދި އެކަމުގެ ޒިންމާ ނަގާ ކަމަށް ވެސް ބުނެފައިވެ އެވެ.
ސުޕުން އަށް އަންހެން ބާސްކެޓް ޓީމުގައި ކުރެވުނު އެންމެ ރަނގަޅު މަސައްކަތަކީ ރަނގަޅު ޓީމެއް އެކުލަވާލުން ކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ.
"މި ޓީމުގެ އެންމެ ރަނގަޅަކީ މީގައި މި ތިބި ޒުވާން ކުޅުންތެރިން. އަހަރެމެން މުސްތަގުބަލެއް ބިނާކޮށްފިން. ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ އަށް މުސްތަގުބަލެއް އެބައޮތް. ވަރަށް ރަނގަޅު ފެންވަރުގެ ކުޅުންތެރިން މި ތިބީ،" ސުޕުން ބުންޏެވެ.
"އަހަރެމެން ފެށިއިރު ވެސް ޔަގީންކަމާ އެކު ބްރޯންޒް ލިބޭނެކަން އެނގޭ. އެކަމަކު، އަހަރެމެން ވިސްނައިގެން ޓާގެޓްކޮށްގެން ތިބީ ރަން މެޑަލަަށް. ވަރަށް ގިނަ ކަންތައްތަކެއް ގޯސްކޮށް ގޮސްގެން އެ ޓާގެޓް ނުލިބުނީ. އަހަރެން މިހުރީ ބުނާނެ އެއްޗެއް ވެސް ނޭނގިފައި. ކުޅުންތެރިންނާއި އެސޯސިއޭޝަން ކުރި މަސައްކަތަށް ހަމަ ރަން މެޑަލެއް ހައްގު. އެކަމަކު މީގެ ގޯސްތަކެއް ހެދިއްޖެ، މީގެ އަހަރެންގެ މިސްޓޭކް އެބަހުރި،"
ސުޕުން ބުނީ 2019 ވަނަ އަހަރު ގައުމީ އަންހެން ޓީމުގެ މަސައްކަތް އަލުން ފެށިއިރު، ތިބީ އަށް ވަރަކަށް ކުޅުންތެރިން ކަމަށެެވެ. އަދި އެ ވަގުތު ހާލަތުގެ ގޮތުން އެއްވެސް ކޯޗަކު ޓީމުގެ ޒިންމާ ނަގަން ނެތުމުން އެސޯސިއޭޝަނުން ނިންމީ އޭނާއާ އެކު މުސްތަގުބަލަށް ޓީމެއް އެކުލަވާލުމުގެ މަސައްކަތް ކަމަށް ސުޕުން ބުންޏެވެ.
"އެމެރިކާ އިން ގެނައި ކޯޗެއް ވެސް މި ޓީމު ގޮވައިގެން މަސައްކަތް ކުރަން ފަސްޖެހުނު. ދެން، ލޯކަލް ކޯޗުންނަށް ވެސް އެ ވަގުތު ވީ އުނދަގޫ ކަމަކަށް،" ގައުމީ އަންހެން ޓީމުގެ އިތުރުން ގައުމީ ފިރިހެން ޓީމަށް ވެސް ކޯޗުކޮށްދިން ސުޕުން ބުންޏެވެ.
"ދޭއް ނޫނީ ތިން އަހަރު ތެރޭގައި ޒުވާން ކުޅުންތެރިން ކުރިއަރުވައިގެން މި ޓީމު މިހިސާބަށް މި އައީ. ބައިނަލްއަގުވާމީ ދެ މެޑަލް ލިބިއްޖެ، އަހަރެމެން އިންޓަނޭޝަނަލް 17 މެޗު ކުޅެގެން އަހަރެމެން 11 މެޗު މޮޅުވީ، އެކަން އެ ވީ މި ޓީމު އެކުގައި މަސައްކަތް ކުރަން ބޭނުންވާތީ، ވަރަށް ގިނަ ގުރުބާނީ ކުޅުންތެރިންނާއި އެސޯސިއޭޝަނުން ވެގެން މި ހިސާބަށް ޓީމު އައީ، އެހެންވީމަ ކްރެޑިޓް ދޭންވީ އެ މީހުންނަށް،"
ސާބާ ވިމެންސް ޗެމްޕިއަންޝިޕްގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވީ މި ފަހަރުގެ ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި ފެނުނު ކަންތައްތަކަށް ބަލައި، އަންނަ އަހަރު ރާއްޖޭގައި އިންޓަނޭޝަނަލް ބާސްކެޓް މުބާރާތެއް ހޯސްޓް ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މާލެ ސަރަހައްދުގައި އަޅާ 125 މިލިއަން ރުފިޔާގެ އަގުހުރި ބާސްކެޓްބޯޅަ އެރީނާގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment