Advertisement

ތޫފާން އިއަންގެ ސަބަބުން މުޅި ކިއުބާއިން ކަރަންޓު ކެނޑިއްޖެ

28 ސެޕްޓެންބަރު 2022 - 14:03 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ތޫފާނުގައި ކިއުބާގެ ގެޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި. -- ފޮޓޯ: ގެޓީ


ތޫފާން އިއަންގެ ސަބަބުން މުޅި ކިއުބާއިން ކަރަންޓު ކެނޑިއްޖެ

28 ސެޕްޓެންބަރު 2022 - 14:03 0

ތޫފާން އިއަންގެ ސަބަބުން މުޅި ކިއުބާއިން ކަރަންޓު ކެނޑިފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން އިއުލާންކޮށްފި އެވެ.

އޮފިޝަލުން ބުނީ ކަރަންޓު ފޯރުކޮށްދޭ ނިޒާމު އެއްކޮށް ފެއިލްވެފައިވާ ކަމަށެވެ. ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރީ އެ ގައުމުގެ ހުޅަނގަށެވެ.

މިހާތަނަަށް ދެ މީހުން މަރުވެފައިވާ އިރު، އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ. ކެޓެގަރީ ތިނެއްގައި ހިމެނޭ ތޫފާނު އިއަންއާ އެކު ގަޑިއަކު 195 ކިލޯމީޓަރު ބާރުމިނުގައި ވައިޖެހުނެވެ.

މިހާރު އެ ތޫފާނުގެ މިސްރާބު ހުރީ އެމެރިކާގެ ފްލޮރިޑާ އަށެވެ. ކިއުބާއިން ފޭބުމަށް ފަހު ތޫފާނުގެ ބާރު އިތުރަށް ގަދަވަަމުންދާ ކަމަށް އެމެރިކާގެ ނޭޝަނަލް ހަރިކޭން ސެންޓަރުން ބުންޏެވެ.

ފްލޮރިޑާގެ ހުޅަނގު އައްސޭރިފަށަށް ތޫފާނު ފޯރާނެ ކަމަށް ބެލެވެނީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ހަރިކޭން ސެންޓަރުން ބުނީ އެ ހިސާބަށް ދާއިރު، މިއީ ކެޓެގެރީ ހަތަރެއްގެ ތޫފާނަކަށް ވެދާނެ ކަމަށެވެ.

ފްލޮރިޑާގެ 2.5 މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް ވަނީ އަންގައިފަ އެވެ. އެ ތަނުގައި ކުއްލި ނުރައްކަަލުގެ ހާލަތު އިއުލާންކޮށްފައިވެ އެވެ.

ފްލޮރިޑާއާ ޖެހިގެން އޮންނަ ޖޯޖިއާ ސްޓޭޓުގައި ވެސް ވަަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. ވައިޓް ހައުސްއިން ވެސް ބުނީ މައި ސަރުކާރު ތައްޔާރީ ހާލަތުގައި އޮތް ކަމަށެވެ.

ތޫފާނު އިއަންގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުން ދާއިރު، މިދިޔަ ހަފްތާގައި ތޫފާނު ފިއޯނާގެ ސަަބަބުން ވެސް ބޮޑެތި ގެއްލުންތަކެއް އެ ސަރަހައްދަށް ލިބުނެވެ.