Advertisement

ރަށްތައް ގިނަޔަސް ރައީސްގެ އަމާޒު؛ "ފެރީގެ އެއް ވިއުގައަކުން ރާއްޖެ ގުޅުވަން ފަސްޖެހެވެން ނެތް"

27 ސެޕްޓެންބަރު 2022 - 22:16 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، އާރުޓީއެލްގެ ހިދުމަތް ރަސްމީކޮށް އިފުތިތާހުކޮށްދެއްވަނީ - ފޮޓޯ: ނޭޝަނަލް ޕްލޭނިން މިނިސްޓްރީ


ރަށްތައް ގިނަޔަސް ރައީސްގެ އަމާޒު؛ "ފެރީގެ އެއް ވިއުގައަކުން ރާއްޖެ ގުޅުވަން ފަސްޖެހެވެން ނެތް"

27 ސެޕްޓެންބަރު 2022 - 22:16 0

އެމްޓީސީސީގެ "ރާއްޖެ ޓްރާންސްޕޯޓް ލިންކް" އިން ފަށާފައިވާ ލޯންޗު ފެރީގެ ހިދުމަތަކީ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ވެސް ފެންނަން ޖެހޭ ބަދަލެއް ކަމަށާއި އެ މަސައްކަތް ކުރަން ފަސް ޖެހެވެން ނެތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު، އާރުޓީއެލްގެ ހިދުމަތުގެ ފުރަތަމަ މަރުހަލާގެ ދަށުން ފެރީގެ ހިދުމަތް ދޭން ފަށާފައި ވަނީ ހއ، ހދ އަދި ށ އަތޮޅުގަ އެވެ.

ފުރަތަމަ ޒޯނުގައި އާރުޓީއެލް ހިދުމަތް ރަސްމީކޮށް އިފުތިތާހުކުރުމަށް ހއ. ދިއްދޫގައި މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެން ރައީސް ވިދާޅުވީ ރާއްޖޭގެ އެއްވެސް ރަށެއް ތަރައްގީގެ ސަފުގައި ބާކީނުކުރުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅަށް އެ ދަތުރުފަތުރުގެ ނިޒާމު ވަރަށް މުހިންމު ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި އިޝާރާތް ކުރެއްވީ މީގެ ހަތަރު މަސް ދުވަސް ކުރިން އއ. އުކުޅަހުގައި ސަރުކާރުން މެދު އަތޮޅުތަކުގެ ރަށްތަކުގެ ކައުންސިލްތަކަށް ހާއްސަކޮށްގެން ބޭއްވި "ވިއަވަތި ރާއްޖެ" ކޮންފެރެންސްގައި އެމަނިކުފާނު ފާހަގަކުރެއްވި ވާހަކަފުޅަށެވެ.

"އެ ދުވަހު އަޅުގަނޑު ދެންނެވިން، މާނަވީ ޖަޒީރާ ރާއްޖޭގެ އަމާން ބަނދަރު ހިފުމަށްޓަކައި، ދާން ޖެހޭ މަގަކާއި ވާން ޖެހޭ ކަންތައްތަކެއް ހުރި ވާހަކަ. ބޮޑު ތިލަދުންމައްޗަށް އަދި ރާއްޖޭގެ އުތުރަށް، މިހާރު ޖެހެން މި ފެށީ، މި ދެންނެވި ބޮޑު ބަދަލުގެ ހެޔޮ ރޯޅި،" ރައީސް ވިދާޅުވި އެވެ.

އާރުޓީއެލްގެ ރޫޓްތަކުގެ ސަބަބުން މީހުން އަދި ވަސީލަތްތައް މަދުވެގެން އެކަހެރިވެފައި އޮތް ރަށެއް ރާއްޖޭގައި ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ތުރާކުނުގައި ހުރި މީހާ، ތުރާލެއް ނެތި، ސީދާ ރާސްތާގައި، އިހަވަންދޫ، ކުޅުދުއްފުށި، އަދި ފުނަދޫ މެދުވެރިކޮށް، މިހާރު އުނދަގުލަކާ ނުލާ [ހިދުމަތްތަކަށް] ވާސިލު ވެވޭނެ، މިއީ މީގެ ކުރިން އޮތް، އަދި ލިބިދާނެ ކަމަށް ހީ ވެސް ނުކުރާ ބޮޑު ފަސޭހައެއް،" ރައީސް ވިދާޅުވި އެވެ.

ކުރިއަށް އޮތް އަހަރުގެ ތެރޭގައި ގއ. އާއި ގދ. އަތޮޅުގައި ހިދުމަތް ފަށައި، އެ ރަށްރަށް ގުޅުވާލުމަށް ކުރަން ޖެހޭ މަސައްކަތްތައް ހިނގަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ހިދުމަތް ފުޅާކޮށް ނިމޭއިރު އެ ދެ އަތޮޅާއި، ފުވައްމުލައް ސިޓީއާއި، އައްޑޫ ސިޓީ އެއްކޮށް ގުޅުވައިލެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މުޅި ރާއްޖޭގައި އެ ހިދުމަތް ފެށުމަށް ބޭނުންވާ އިތުރު 65 ލޯންޗު ބަނުމުގެ ކޮންޓްރެކްޓް މިހާރު ހަވާލުކުރެވިފައިވާ ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެ މަސައްކަތަކީ ދެން އިތުރަށް ލަސްކުރެވެން އޮތް މަަސައްކަތެއް ނޫން ކަމަށެވެ.

"ރަށްތައް ގިނަޔަސް، އުޅަނދު ތަކުގެ އަދަދު މައްޗަސް، މިކަމުގައި ފަސްޖެހި ލަސްކުރެވޭކަށް ނެތް. ސަބަބަކީ ބޮޑުތިލަދުންމައްޗަށް ގެނެވުނު މިބޮޑު ބަދަލު، ހަމަހަމަ ކަމާއެކު، މުޅި ރާއްޖެއަށް ނުގެނެސް، މާނަވީ ބަދަލެއް، ރާއްޖެއަށް އަންނާން ނެތުން," ރައީސް ސޯލިހު ވިދާޅުވި އެވެ.

"ދުވެލި މަޑެއް ނުވާނެ، އަގު ތިރި ވެސް ވާނެ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީވެ، މި ބޮޑުތިލަދުންމަތީގެ ރަށްރަށް މި ވިއުގައިން ގުޅުވައިލުމުން ދެން ދުނިޔޭގެ އެއްވެސް ދިމާއަކުން މި ބޮޑުތިލަދުންމައްޗަށް ފަތުރުވެރިން ވެސް ނައިސް ނުވާނެ،"

ހިދުމަތް މިހާރު ފަށާފައިނުވާ ބާކީ 17 އަތޮޅަށް އެ ހިދުމަތް ދިނުމަށް 65 ލޯންޗު ބަންނަން އަލްޝާލީ މެރިންއާ ހަވާލުކުރީ މި މަހުގެ 15 ވަނަ ދުވަހު އެވެ. މި މަޝްރޫއަކީ 567 މިލިއަން ރުފިޔާއަށް ދެ އަހަރު ދުވަހުގެ މުއްދަތުގައި ނިންމުމަށް ހަވާލުކުރި މަޝްރޫއެކެވެ.