Advertisement

ދޫނިދޫ ޖަލުގައި ބަންދުގައި ހުރި މީހަކު ފުލުހެއްގެ ގައިގައި އަތްލުމުން 7000ރ. އިން ޖޫރިމަނާކޮށްފި

27 ސެޕްޓެންބަރު 2022 - 10:21 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކްރިމިނަލް ކޯޓު އިމާރާތް؛ ދޫނިދޫ ޖަލުގައި ފުލުހެއްގެ ގައިގައި އަތްލި މީހަކު ޖޫރިމަނާކުރަން ހުކުމްކޮށްފި - ފޮޓޯ: އަބްދުﷲ އިޔާން | އަދަދު


ދޫނިދޫ ޖަލުގައި ބަންދުގައި ހުރި މީހަކު ފުލުހެއްގެ ގައިގައި އަތްލުމުން 7000ރ. އިން ޖޫރިމަނާކޮށްފި

27 ސެޕްޓެންބަރު 2022 - 10:21 0

ކ. ދޫނިދޫގައި ހުންނަ ފުލުހުންގެ ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު އެ ތަނުގައި އުޅޭ ފުލުހެއްގެ ގައިގައި އަތްލާ، ޓީޝާޓްގެ ކަރަށް ދަމައިގެން އުފުލި ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި 7،200ރ. އިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ދައުލަތުން ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ބުނާ ގޮތުން އެ ކަމެއް ހިނގައިދިޔައީ މާޗު 30، 2017 ގެ ރޭގަނޑު 10:30 ހާއިރެވެ.

ދޫނިދޫ ޖަލުގެ ސީ ބްލޮކްގެ 21 ނަންބަރު ގޮޅީގައި ބަންދުގައި ހުރި މީހަކަށް މެސެޖެއް ދޭން ތިން ފުލުހަކު އެ ގޮޅިއަށް އެ ރޭ ދިޔައިރު، ދެކެވުނު ވާހަކައިގެ ތެރެއިން އެއިން އެއް ފުލުހެއްގެ ޓީޝާޓްގެ ކަރުގައި ހިފައި، އޭނާގެ ގައިގައި އަތްލާން މަސައްކަތް ކޮށްފައިވާ ކަމަށް ދައުވާގައިވެ އެވެ.

ޝަރީއަތުގެ ކުރީކޮޅު ދައުވާ ރައްދުވާ މީހާ ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. ދައުލަތުގެ ހެކިންގެ ގޮތުގައި އެ ރޭ ގޮޅިއަށް ދިޔަ ފުލުހުންގެ ހެކިބަސް ވެސް ޝަރީއަތަށް ނެގި އެވެ. ދައުވާއަށް އިންކާރު ކުރި ނަމަވެސް ދިފާއީ ހެކި ހުށަހަޅާފައެއް ނުވެ އެވެ.

އެ މަރުހަލާތަކަށް ފަހު، މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި އެ މީހާ ވަނީ ދައުވާއަށް އިއުތިރާފުވެފަ އެވެ. ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހާއި އޭނާގެ އިއުތިރާފު ވެސް އޮތުމުން ކުށް ސާބިތުވާ ކަމަށް މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހް ނިންމެވި އެވެ.

ގާނޫނުލް އުގޫބާތުގައި މި ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށް ލުމެވެ. ދައުވާކޮށްފައިވާ މީހާއަކީ މިހާރު ހުޅުމާލޭގައި ހުންނަ ވިލާ ހަކަތައިގެ ވަޒީފާ އަދާކޮށް، އުޅުން އިސްލާހުކޮށްފައިވާ މީހެއް ކަމަށް ބުނެ އަދަބު ލުއިކޮށްދޭން އޭނާ ނިންމި އެވެ.

އެ ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް އަދަބުގެ ގޮތުގައި ޖޫރިމަނާ ކުރުމަށް ގާޒީ ނިންމެވި އެވެ. އަދި ޖޫރިމަނާގެ ގޮތުގައި 7،200ރ. ކަނޑައަޅައި، އެ ފައިސާ 15 ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ހުކުމް އިއްވެވި އެވެ.