Advertisement

މިނިވަންކަމާއި ސިޔާސަތު ދަމަހައްޓަން ފުރަތަމަ އެެނގެން ޖެހެނީ ތާރީހު: ރައީސް

27 ސެޕްޓެންބަރު 2022 - 10:10 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ގައުމީ ދުވަހުގެ މުނާސަބާގައި ހއ. އުތީމުގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ: އެމަނިކުފާނު ވިދާޅުވީ މިނިވަންކަމާ ސިޔާދަތު ދަމަހައްޓަން ފުރަތަމަ އެނގެން ޖެހެނީ ތާރީހު ކަމަށް -- ފޮޓޯ: ރައީސް އޮފީސް


މިނިވަންކަމާއި ސިޔާސަތު ދަމަހައްޓަން ފުރަތަމަ އެެނގެން ޖެހެނީ ތާރީހު: ރައީސް

27 ސެޕްޓެންބަރު 2022 - 10:10 0

މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް ޓަކައި ފުރަތަމަ އެނގެން ޖެހެނީ ތާރީހު ކަަމަށާއި ތިމާމެންނަކީ ކޮންތާކު ކިހިނެތް ދިރިއުޅުނު ބައެއްކަން އެނގެން ޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ގައުމީ ދުވަސް ފާހަގަކުރަން، އެ ދުވަސް އެ ބޭފުޅަކަށް ނިސްބަތްވާ ބޮޑުތަކުރުފާނުގެ އުފަންރަށް، ހއ. އުތީމުގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ތާރީހާއި ސަގާފަތާއި އާދަކާދަ ދެމެހެއްޓުމަކީ ވެސް މިނިވަންކަމަށް ޓަކައި މުހިއްމު ކަންތައްތައް ކަމަށެެވެ. އެހެން ނަމަވެސް ރާއްޖޭގެ ކިތަންމެ އާސާރަކަށް އިހުމާލުވެފައިވާ ކަމަށާއި އެއީ ހިތާމައެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިނިވަންކަމާ ސިޔާދަތާ އަމިއްލަވަންތަކަން ދެމެހެއްޓުމަށް ފުރަތަމަ އެނގެން ޖެހެނީ އަމިއްލަ ތާރީޚު. ތިމާމެންނަކީ ކޮންތާކު ކިހިނެއް ދިރިއުޅުނު ކޮންބައެއްކަން އެނގެންޖެހޭ. ތާރީޚާ ސަގާފަތާ އާސާރުތަށް ދެމެހެއްޓެން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ ތާރީހީ ބިނާތަކުގެ ތެރެއިން މިހާރު ސަލާމަތުން ހުރީ އުތީމު ގަނޑުވަރު ފަދަ މަދު ތަނެކެވެ. އަދި ކަޅުވަކަރު މިސްކިތް ސަލާމަތް ކުރެވުނީ ވަރަށް ބޮޑު މަސައްކަތެއް ކޮށްގެން ކަމަށާއި ސަލްޓަން ޕާކްގައި ހުރި އުސްގެކޮޅު ވެސް އޮތީ އެ ލިސްޓަށް [ނައްތައިލާ ލިސްޓަށް] އަރާފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މާލޭގާ ހުރި ތާރީހީ ބިނާތަށް މާލެތެރޭގާ ގިނަވެ ބިކަވެ އެގޮތް މިގޮތްވެގެން ދިޔަ. ވަތަނީ ހަރުކަށި ފިތުނަވެރި ބަސްތަކާ ގައުމީ ކުލަތަކުން ތުގައި ނެތް އެއްޗެއް ނުނިކުންނާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރާއްޖޭގައި ހުރި ތާރީހީ ބިނާތައް ރައްކާތެރިކޮށް ދެމެހެއްޓުމަކީ ރައީސް ސޯލިހުގެ ރިޔާއީ ވައުދެކެވެ. އެތަންތަން ހިމާޔަތް ކުރުމަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެއަށް ޓަކައި ކުރަން ޖެހޭ ކަމެކެވެ. ސަރުކާރުން އަންނަނީ އެ މަސައްކަތް ކުރަމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ގައުމިއްޔަތަކީ ޖަޒީރާ ކުދި ރަށްތަކާއި އެކު ދިރިއުޅެވޭނެ ގޮތެއް ރައްޔިތުންނަށް ހޯދައިދިނުމެވެ. އޭގެ މިސާލެއްގެ ގޮތުގައި އެމަނިކުފާނު ދެއްކެވީ ހދ. ފިނޭ އެވެ. އެއީ ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގެންނެވި އެއް ރަށެވެ.

"އަޅުގަނޑުމެން އަލުން އަނބުރާ އިއާދަކުރަން މަސައްކަތް މިކުރާ ދިވެހި ގައުމިއްޔަތުގެ ހަމަ ތައްގަނޑަށް ފިނޭ އެ އަންނަނީ ފެތެމުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކުޑައެއް ބޮޑެއް ނެތި ރާއްޖޭގެ ހުރިހާ ރަށަކަށް ޖަރީރާ ވަންތަ ފަސޭހަ ދިރިއުޅުން ކަށަވަރުކޮށްދިނުމަކީ އިހު އޮތް ދިވެހި ގައުމިއްޔަތު ދިރުވުން ކަމަށެވެ. ސިއްހަތާއި ތައުލީމާއި އާމްދަނީއަށް ވާސިލުވެވޭނެ އަވަސް އަދި ފަސޭހަ މަގުތައް ކޮށަން ފަށާފައިވާ މަސައްކަތް ނުނިންމައި ދޫކޮށްލުމަކީ ސަރުކާރަށް އޮތް އިޚުތިޔާރެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.