Advertisement

ޗެމްޕިއަން ސްރީ ލަންކާ ފެށީ ފަސޭހަ މޮޅަކުން

26 ސެޕްޓެންބަރު 2022 - 23:43 0

ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި މިރޭ ބޫޓާނާއި ލަންކާ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ޗެމްޕިއަން ސްރީ ލަންކާ ފެށީ ފަސޭހަ މޮޅަކުން

26 ސެޕްޓެންބަރު 2022 - 23:43 0

މާލޭގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ އެންމެ ބޮޑު އަންހެން ބާސްކެޓްބޯޅަ މުބާރާތް، ސާބާ ވިމެންސް ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ޗެމްޕިއަން ސްރީ ލަންކާ އިން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ބޫޓާން އަތުން ފަސޭހަ މޮޅެއް ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ ކުޅުނު މެޗު ލަންކާ އިން ކާމިޔާބުކުރީ 98-33 ޕޮއިންޓުންނެވެ.

ބޫޓާން ޓީމަކީ މި ފަހަރުގެ މުބާރާތަށް ނިސްބަތުން ބަލާއިރު، ޒުވާން ސްކޮޑަކާ އެކު ނުކުތް ޓީމެކެވެ. މެޗު ފެށިގެން ލަންކާ އިން ރަނގަޅު ލީޑެއް ނެގި މި މެޗުގައި އެ ޓީމުން ދިޔައީ ކޮންމެ ކުއާޓަރެއްގައި ކަހަލަ ގޮތަކަށް ފަރަގު ބޮޑުކުރަމުންނެވެ. ތަޖުރިބާ އާއި ހުނަރަށް ބަލާއިރު، އެހެން ލެވަލެއްގައި އޮތް ލަންކާ ޓީމު ކައިރީގައި ބޫޓާނުން ޑިފެންސް ކުރަން މަސައްކަތް ކުރި ނަމަވެސް ޓީމެއްގެ ގޮތުގައި އެކަން ނުކުރެވި، ލަންކާ އަށް މެޗުގައި ފަރަގު ބޮޑުކުރަން ފުރުސަތު ލިބުނީ އެވެ.

ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި ލަންކާ އާއި ބޫޓާން ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ރަނގަޅު ލީޑަކާ އެކު ލަންކާ އިން މެޗު ނިންމާލިއިރު، އެ ޓީމުގެ ހަތަރު ކުޅުންތެރިއަކު ވަނީ ރަނގަޅު އަދަދެއްގެ ސްކޯއެއް ކޮށްފަ އެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 27 ޕޮއިންޓް އެއްކުރި ނިރްމާ ސަސަންތީ އެވެ. އޭނާ ވަނީ ރީބައުންޑްގައި އެކަނި ވެސް 19 ޕޮއިންޓް ސްކޯކޮށްފަ އެވެ. ދެން، ލަންކާ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކި ތިން ކުޅުންތެރިންނަކީ 17 ޕޮއިންޓް ހޯދި ކެޕްޓަން އެޕްސިބާ ވޮޝިންޓަން، 14 ޕޮއިންޓް އެއްކުރި ބެނިކާ މަދުބަސީނީ އަދި 10 ޕޮއިންޓް ހޯދި ރަޝްމީ ތާނިޔާ ވިކްރަމަގޭ އެވެ.

ބޫޓާނުގެ ޒަމްސެލް ފިންސޯ ވަނީ 10 ޕޮއިންޓް ސްކޯކޮށްފަ އެވެ.

ހަތަރު ޓީމުގެ މެދުގައި ލީގު ބުރެއް ކުޅޭ ގޮތަށް މި ފަހަރުގެ ސާބާ ވިމެންސް ޗެމްޕިއަންޝިޕް ރޭވިފައިވާއިރު، ފުރަތަމަ މެޗުގައި ރޭ ރާއްޖޭން ވަނީ އެންމެ ފަހުގެ ރަނަރަޕް ނޭޕާލް ބަލިކޮށްފަ އެވެ. މުބާރާތުގައި މާދަމާރޭ ކުޅޭ މެޗުގައި ލަންކާ ކުޅޭނީ ނޭޕާލްއާ އެވެ.