Advertisement

އިހްސާން ފިިހާރައަށް ވަދެ ވަޅިން ބިރު ދެއްކި މީހަކު ޖަލަށްލައިފި

26 ސެޕްޓެންބަރު 2022 - 22:04 1

އިހްސާން ފިހާރަ: ފިހާރައަށް ވަދެ ބިރުދެއްކި މީހާއަށް ޖުމްލަ ތިން ދައުވާއެއް ދައުލަތުން ކުރި -- ފޮޓޯ: އިހްސާން ފިހާރަ


އިހްސާން ފިިހާރައަށް ވަދެ ވަޅިން ބިރު ދެއްކި މީހަކު ޖަލަށްލައިފި

26 ސެޕްޓެންބަރު 2022 - 22:04 1

ވެރިކަން ކުރާ މާލޭގެ މާފަންނުކޮޅުގައި ހުންނަ މަޝްހޫރު އިހްސާން ފިހާރައަށް ވަދެ އެތަނުގެ މުވައްޒަފުންނަށް ވަޅިން ބިރުދެއްކި މީހަކު އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ލ. މާބައިދޫ، މުރިނގު، މުހައްމަދު ޒުހައިރުގެ މައްޗަށް ދައުލަތުން ދައުވާ ކުރީ މެއި 26، 2021 ގައި އިހްސާން ފިހާރައަށް ވަދެ ހަރުގައި ވިއްކަން ހުރި ވަޅި ސެޓެއް ނެގުމަށްފަހު ދަމުން، "ހިފަހައްޓައިފިއްޔާ ވަޅިޖަހާނަން" ކަމަށް ބުނި މައްސަލައެއްގަ އެވެ. އޭނާއަށް ޖުމްލަ އައީ އެއް އަހަރާއި 27 ދުވަހުގެ ޖަލު ހުކުމެކެވެ.

އެ މައްސަލައިގައި ޒުހައިރުގެ މައްޗަށް އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާ އާއި ބިރުދެއްކުމުގެ ކުށުގެ ދައުވާ އާއި ވައްކަން ކުރުމުގެ ކުށުގެ ދައުވާ އުފުލި އެވެ. އެ ތިން މައްސަލަ ވެސް އޭނާގެ މައްޗަށް ސާބިތުވި އެވެ.

ވަޅި ގެންގުޅުނު މައްސަލައިގައި ޒުހައިރުގެ މައްޗަށް ކުރީ ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ. ބިރުދެއްކި މައްސަލައިގައި ވެސް އިއްވީ ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ. ވައްކަން ކުރި މައްސަލައިގައި ޒުހައިރުގެ މައްޗަށް އިއްވީ 27 ދުވަހުގެ ޖަލު ހުކުމެކެވެ. އޭގެ އިތުރުން 153 ގަޑިއިރުގެ ކޮމިއުނިޓީ ސާވިސް އަދާ ކުރުމަށް ވެސް ވައްކަން ކުރި މައްސަލައިގައި އަންގާފައިވެ އެވެ.

ކޮންވީނިއަންސް ސްޓޯރެއްގެ ގޮތުގައި ހިންގާ އިހްސާން ފިހާރައަކީ 1988 ވަނަ އަހަރުން ފެށިގެން ހަމަ މިހާރު ވެސް އެ ހުރި ބިމުގައި ހިންގަމުން އަންނަ ފިހާރައެކެވެ. އެ ފިހާރަ ހުންނަ ސަރަހައްދު އަދި މުޅި މާލެއަށް ވެސް އިހްސާން ފިހާރަ މަޝްހޫރުވެފައި ވަނީ އަގުހެޔޮކޮށް މުދާ ލިބޭ، އަދި ވެރައިޓީ ގިނަ ފިހާރައެއްގެ ގޮތުގަ އެވެ.

އިހްސާނުން މިހާރު ވަނީ ވިޔަފާރި ފުޅާކޮށް، މާލޭގެ އިހްސާން 2 އަކާއި ކޮސްމެޓިކް ވިއްކާ އިހްސާން ސްޕޮޓް ނަމަކަށް ކިޔާ ފިހާރައަކާއި ގޭތެރޭގެ ސާމާނު ވިއްކުމަށް އިހްސާން ހޯމް ނަމަކަށް ކިޔާ ފިހާރައެއް ހުޅުވައިފަ އެވެ.