Advertisement

ރެލިގޭޓްވިޔަސް ވޭލްސް އަށް އޮތީ އުފާވެރި ދުވަސްތަކެއް: ޕޭޖް

26 ސެޕްޓެންބަރު 2022 - 15:39 0

ވޭލްސްގެ ކޯޗު ޕޭޖް: އޭނާ ވަނީ ނޭޝަންސް ލީގުގެ ޑިވިޝަން އެކަކުން ރެލިގޭޓްވުމަކީ މާބޮޑު ހިތާމައެއް ކުރަން ޖެހޭނެ ކަމެއް ނޫން ކަމަށް.


ރެލިގޭޓްވިޔަސް ވޭލްސް އަށް އޮތީ އުފާވެރި ދުވަސްތަކެއް: ޕޭޖް

26 ސެޕްޓެންބަރު 2022 - 15:39 0

ކާޑިފް، ވޭލްސް (ސެޕްޓެމްބަރު 26) - ޔުއެފާ ނޭޝަންސް ލީގުގެ ފުރަތަމަ ޑިވިޝަނުން ރެލިގޭޓް ވިޔަސް ވޭލްސް އިން އެކަމާ މާ ބޮޑަށް ކަންބޮޑުނުވާ ސަބަބަކީ ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕަކީ އެ ގައުމަށް މާ އުފާވެރި ދުވަސްތަކެއް ކަމަށްވާތީ ކަމަށް އެ ޓީމުގެ ކޯޗު ރޮބް ޕޭޖް ބުނެފި އެވެ.

ވޭލްސް، ނޭޝަންސް ލީގުގެ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވީ ރޭ ކުޅުނު ގްރޫޕްގެ ފަހު މެޗުން އަމިއްލަ ދަނޑުގައި ޕޮލެންޑް އަތުން 1-0 އިން ބަލިވުމުންނެވެ.

ނޭޝަންސް ލީގުގެ ދެ ވަނަ ޑިވިޝަނަށް ވޭލްސް ރެލިގޭޓްވާން ދިމާވި އެންމެ ބޮޑު ސަބަބަކީ ޖޫން މަހު ކުޅުނު ފީފާ ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފް މެޗުތަކަށް ރަނގަޅު ކުޅުންތެރިން އަރާމް ކުރަން ފުރުސަތު ދީފައި ނޭޝަންސް ލީގުގައި އާ ކުޅުންތެރިން މެޗުތަކުގައި ބޭނުން ކުރަން ޖެހުމެވެ.

ގަތަރުގައި އަންނަ ނޮވެމްބަރު މަހު ފަށާ ފީފާ ވޯލްޑް ކަަޕުން ވޭލްސް ފުރުސަތު ހޯދީ ޖޫން މަހު ޕްލޭއޮފް ފައިނަލުގައި ޔޫކްރެއިން ކަޓުވާލައިފަ އެވެ. މިއީ ފާއިތުވި 64 އަހަރު ތެރޭ ވޭލްސް އިން ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ ފަހަރެވެ.

"އަހަރެން ގާތުގައި މިދިޔަ ޖޫން މަހު ވޯލްޑް ކަޕަށް ކޮލިފައިވުންތޯ ނޫނީ ނޭޝަންސް ލީގުގެ ޑިވިޝަން އެކެއްގައި އޮތުންތޯ ބޭނުމީ ކޮން ގޮތެއްތޯ އަހައިފިނަމަ، ޔަގީނުން ވެސް އަހަރެން އިހުތިޔާރުކުރާނީ ވޯލްޑް ކަޕަށް ކޮލިފައިވުން،" ރޭ ޕޮލެންޑް އަތުން ބަލިވި މެޗަށް ފަހު ޕޭޖް ބުންޏެވެ.

"އަހަރެމެންނަށް މާޔޫސްވެގެން ތިބެ ދުވަސް ގުނަން ޖެހޭ ގޮތަކަށް ނޫން ކަންކަން މި އޮތީ، ވޯލްޑް ކަޕަށް ކޮލިފައިވެފައި މި އޮތީ، ވޯލްޑް ކަޕާ އެކު އަހަރެމެންނަށް މި އޮތީ މާ އުފާވެރި ދުވަސްތަކެއް،"

ޕޭޖް އަށް މި ވަގުތަށް ބަލާއިރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ނޮވެމްބަރު 21 ވަނަ ދުވަހު ފީފާ ވޯލްޑް ކަޕްގައި ޔުނައިޓެޑް ސްޓޭޓްސްއާ ދެކޮޅަށް ކުޅޭ މެޗަށްދާއިރު، ކުޅުންތެރިންގެ އަނިޔާގެ މައްސަލަތަކާއި ފިޓްނަސް ލެވަލް ހުންނާނެ ވަރެއް ޔަގީންކަމާ އެކު ބުނަން ނޭނގުމެވެ.

އަނިޔާގެ ސަބަބުން ވޭލްސް އެންމެ ފަހުން ކުޅުނު ދެ މެޗުގައި އާރޮން ރަމްސީ އާއި ބެން ޑޭވިސް އަދި ޖޯ އެލަން ނުކުޅެ އެވެ.

ވޭލްސްގެ އެސިސްޓަންޓް ކޯޗަކަށް ހުރި ޕޭޖްއާ އެންމެ ފުރަތަމަ، 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވޭލްސް ޓީމުގެ ހެޑް ކޯޗުގެ ޒިންމާ ހަވާލުކުރީ ވަގުތީ ގޮތުންނެވެ. އެއީ ކުރިން ކޯޗަކަށް ހުރި ރިޔާން ގިގްސްގެ ގެވެށި އަނިޔާގެ މައްސަލައެއް އޭރު ބަލަމުންދާތީ އެވެ. ނޭޝަންސް ލީގުގެ ޑިވިޝަން އެކަކަށް ވޭލްސް ޕްރޮމޯޓްވީ ވަގުތީ ކޯޗަކަށް ހުރެެ، ޕޭޖް ކުރި މަސައްކަތުންނެވެ.

މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވޭލްސް ވާދަކުރީ ޕޭޖްގެ އިރުޝާދުގެ ދަށުންނެވެ. އެ ޓީމު ވަނީ ގަދަ 16 ޓީމުގެ ބުރުގައި ކުޅެފަ އެވެ. ގިގްސް ރަސްމީކޮށް ވޭލްސް ކޯޗުކަން ދޫކޮށްލީ މިދިޔަ ޖޫން މަހު އެވެ. ވޭލްސް އިން ވަނީ ދާއިމީ ކޮންޓްރެކްޓެއްގައި ޕޭޖަށް އެ ޓީމުގެ ހެޑް ކޯޗުކަން ދީފަ އެވެ. ޕޭޖް އެ ޓީމާ އެކު ސޮއިކުރީ ހަަތަރު އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.