26 ސެޕްޓެންބަރު 2022 - 02:15 0
26 ސެޕްޓެންބަރު 2022 - 02:15 0
ރާއްޖޭގެ ހާފް މެރަތަން ރެކޯޑް މުގުރާލިތާ ހަފްތާއެއް ފަހުން ކުޅަދާނަ ދުވުންތެރިޔާ، ޝަމްހާ އަހުމަދު ރާއްޖޭގެ މެރަތަން ރެކޯޑް މުގުރާލައިފި އެވެ.
ޝަމްހާ މެރަތަން ރެކޯޑް މުގުރާލީ ބާލިން މެރަތަން ތިން ގަޑިއިރު، 2 މިނިޓް 41 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރެކޯޑް ކުރިން އޮތީ 2019 ވަނަ އަހަރު ނޭޕާލުގެ ކަތުމަންޑޫގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި މަރިޔަމް އަބްދުލް ކަރީމް (މަރީ) އަތުގަ އެވެ. މަރީ، އެ ފަހަރު ރޭސް ނިންމި ޓައިމިން އަކީ 3 ގަޑިއިރާއި 21 މިނިޓް 54 ސިކުންތެވެ. ޝަމްހާ ރެކޯޑް މުގުރާލީ ކުރީގެ ރެކޯޑް ޓައިމިން އަށް ވުރެ ވިއްސަކަށް މިނިޓް އަަވަހަށެވެ.
މަރީ ވަނީ މިއަދު ބާލިން މެރަަތަންގައި ދުވެފަ އެވެ. އޭނާ ރޭސް ނިންމީ ތިން ގަޑިއިރާއި 15 މިނިޓް 18 ސިކުންތުންނެވެ.
ކުރިން ސްޕްރިންޓް ރޭސްތަކުގައި ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ދުވުންތެރިޔާ ދިގު ދުވުންތަކަށް ހާއްސަވެގެން މިދިޔަ އަށް އަހަރު ތެރޭ ގިނަ ކާމިޔާބީތަކެއް ހާސިލްކުރި އެވެ. ޝަމްހާ މިހާރު ޓްރެއިނިން ހަދަމުުން އަންނަނީ މެެރަތަން ރަނާސްގެ ކޯޗު ނަސްރުﷲ އަހުމަދު (ނަސްރު)ގެ އިރުޝާދުގެ ދަށުންނެވެ.
ޖަރުމަނުގައި ދިރިއުޅެމުން ވެސް ނަސްރުގެ ޕްރޮގްރާމަށް ޓްރެއިނިން ކުރިއަށްގެންދާ ޝަމްހާ ވަނީ އޮސްލޯ މެރަތަންގައި ހާފް މެރަތަން ރެކޯޑްގެ އިތުރުން 20 ކިލޯމީޓަރު، 15 ކިލޯމީޓަރު އަދި 10 ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑް ވެސް ހަދައިފަ އެވެ.
ބާލިން މެރަތަންގެ ކުރިން ޝަމްހާ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ އުމުރުން 40 އަހަރުގައި މެރަތަން އެއް ދުވުމަކީ ކުރިން ވެސް ހާސިލްކުރަން ބޭނުންވި ޓާގެޓެއް ކަމަށެެވެ. އަދި މި އަހަރު މާޗް މަހުން ފެށިގެން ޓްރެއިނިން ކުރިއަށްގެންދަމުން އަންނަ ޝަމްހާ އަށް ބާލިން މެރަތަންގައި ބޭނުންވި އުންމީދެއް ހާސިލްވިއިރު، މި ވަނީ ގައުމީ ރެކޯޑެއް ވެސް މުގުރާލައިފަ އެވެ.
ބާލިން މެރަތަންގައި ވަނީ މެރަތަން ރަނާސްގެ ގިނަ ދުވުންތެރިން ދުވެފަ އެވެ. ބާލިން މެރަތަން އަކީ ރާއްޖޭގެ އެންމެ ގިނަ މެރަތަން ދުވުމުގެ ރެކޯޑް އޮތް ނަސްރުގެ 84 ވަނަ މެރަތަން އެވެ. އޭނާ އަށް ދެން ކުރިއަށް އޮތީ އަންނަ މަހުގެ ދެ ވަނަ ދުވަހު ޖަރުމަނުގެ ކޮލޯންގައި ކުރިއަށްދާ މެރަތަން އެވެ.
Comment